ކޮކްޕިޓުގައި ހަމަނުޖެހުން ހިންގި ޕައިލެޓުން މަގާމުން ވަކިކޮށްފި
ކޮކްޕިޓުގައި ހަމަނުޖެހުން ހިންގި ޕައިލެޓުން މަގާމުން ވަކިކޮށްފި

ނިއު ދިއްލީ (ޖެނުއަރީ 10) - ލަންޑަނުން މުމްބާއީ އަށް ދަތުރު ކުރި އިންޑިއާގެ ޖެޓް އެއާވޭސްގެ މަތިންދާ ބޯޓެއްގެ ކޮކްޕިޓުގައި ހަމަނުޖެހުން ހިންގި ދެ ޕައިލެޓުން ވަޒީފާ އިން ވަކިކޮށްފި އެވެ.

އިންޑިއާގެ އަމިއްލަ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ އާ އަހަރު ފެށުނު ދުވަހު ކުރި ދަތުރުގައި ކޮކްޕިޓުގައި ހަމަނުޖެހުން ހިންގި އަންހެން އަދި ފިރިހެން ޕައިލެޓް ތަހުގީގަށް ފަހު ވަގުތުން މަގާމުން ދުރުކޮށްފައިވާ ކަމަށެވެ. ތަހުގީގު ކުރިއަށް ދިޔަ އިރު ދެ ޕައިލެޓުން ތިބީ ސަސްޕެންޑްކޮށްފަ އެވެ.

ޕައިލެޓުންގެ ކޯޅުންގަނޑު ކުރިއަށް ދިޔަ ފްލައިޓުން 324 މީހުން ދަތުރު ކުރި އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ކޮކްޕިޓުގައި ހަމަނުޖެހުން އުފެދުނީ ފިރިހެން ޕައިލެޓް، އަންހެން ޕައިލެޓް ގައިގައި ޖަހާލުމުން ކަމަށެވެ. އަދި އެކަމުގެ ރުޅީގައި އަންހެން ޕައިލެޓް ކޮކްޕިޓުން ނުކުމެގެން ދިޔަ ކަމަށް ބުނެފައިވެ އެވެ. އަންހެން ޕައިލެޓް ކޮކްޕިޓުން ނުކުތް އިރު ހުރީ ރޮވިފައި ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ. އޭނާ އެނބުރި ކޮކްޕިޓަށް ދިޔައީ އެތައް ނަސޭހަތެއް ދިން ފަހުން ކަމަށްވެ އެވެ.

އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގެ ތެރޭގައި ޕައިލެޓް ވެސް ކޮކްޕިޓް ދޫކޮށް ދެ ފަހަރަށް ދިޔަ ކަމަށެވެ. އެއީ މަތިންދާ ބޯޓުގެ ސަލާމަތާ ބެހޭ ގަވާއިދުތަކާ މުޅިން ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖެޓް އެއާވޭސް އިން ބުނެފައި ވަނީ ޕަސިންޖަރުންގެ ސަލާމަތާ މެދު ފަރުވާ ކުޑަކުރާ ސްޓާފުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.