11 ޖެނުއަރީ 2018 - 06:46

އޭޓީއެންޓީ އަަދި ވެރައިޒަން އަކީ އެމެރިކާގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ދެ ކުންފުންޏެވެ. އެމެރިކާގައި ސްމާޓްފޯނުތައް ވިއްކުމަށްޓަކައި، މި ނެޓްވޯކްތަކާ މަޝްވަރާކުރަން ޖެހެ އެވެ. އެ މީހުން ބުނާ ބަދަލުތައް ފޯނަށް ނުވަތަ ޑިވައިސްތަކަށް ގެންނަން ވެސް ޖެހެ އެވެ.
އެމެރިކާގައި ވާވޭ ފޯނުތައް ވިއްކުމަށްޓަކައި އޮތް އެންމެ ފަސޭހަ ގޮތަކީ އޭޓީއެންޓީ އަދި ވެރައިޒަން މެދުވެރިކުރުމެވެ. މިއީ ސެމްސަންގް އަދި އެލްޖީ އަދި އެމެރިކާ އަށް އުފަން އެޕަލް އަށް ވެސް އޮތް ގޮތެވެ. ނަމަވެސް އެހެން ކުންފުންޏަކަށް މެދުވެރިނުވާ ހާލަތެއް ވާވޭ ވަނީ ތަޖުރިބާކުރަންޖެހިފަ އެވެ.
ވާވޭ ފޯނުތައް އެމެރިކާ ނެޓްވޯކްތަކުން ބަލައިގަންނަން ބޭނުންނުވާ ސަބަބަކީ ދެ ގައުމުގެ ދޭތެރޭގައި އޮތް ނުތަނަވަސްކަމެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ވަފާތެރިވުމުގައި އޮތް ޝައްކެވެ. އެމެރިކާ ގަބޫލުކުރާ ގޮތުގައި ވާވޭ މެދުވެރިކޮށް ޖާސޫސްކުރުމަށް ޗައިނާ ޝައުގުވެރިވެ އެވެ.
ވާވޭ ފޯނުތަކުގެ ތެރެއިން ވެސް ބާރުގަދަކަމަށް ބެލެވޭ "ވާވޭ މޭޓް 10" އޭޓީއެންޓީ އަަދި ވެރައިޒަން ނެޓްވޯކް މެދުވެރިކޮށް ވިއްކުމަށްޓަކައި ތާވަލުކޮށް، ފަހު ވަގުތު ވަނީ ކެންސަލްކޮށްފަ އެވެ. އަދި ފޯނު ވިއްކުމުގައި ޝާމިލްވެވެން ނެތް ކަމަށް ވަނީ ބުނެފަ އެވެ.
ޗައިނާ ގަބޫލުކުރާ ގޮތުގައި މުޅި ދުނިޔެ އަށް ފެތުރިގެންފައިވާ ޗައިނާ ޓެކްނޮލޮޖީ ވެފައި ވަނީ އެމެރިކާ އަށް ހިތާމައަކަށެވެ. ނަމަވެސް، ޗައިނާ ކުރިއަރައި ދިއުމުގައި، އެއް ގޮތުން ނުވި ނަމަ އަނެއް ގޮތުން ވެސް އިޚުތިޔާރުކުރާނެ އެވެ.
އޭޓީއެންޓީ އަދި ވެރައިންޒައިން ފޯނުތައް ބަލައިނުގަތަސް، އެމެޒޯން، މައިކްރޮސޮފްޓް، ބެސްޓްބައި، ބީއެންޑްއެޗް އަދި ނިއުއެގް ފަދަ ރީޓެއިލް ފިހާރަތަކުގައި "ވާވޭ މޭޓް 10" ވިއްކާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މަޝްހޫރު މީހުން ލައްވައި ވިޔަފާރި އިސްތިހާރު އުފައްދައި މާކެޓް ފުޅާކުރަން މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.