"ސަޓަޑޭ ނައިޓް ލައިވް" ގެ ޑައިރެކްޓަރު މެޓް ވިލައިންސް މަރުވެއްޖެ
"ސަޓަޑޭ ނައިޓް ލައިވް" ގެ ޑައިރެކްޓަރު މެޓް ވިލައިންސް މަރުވެއްޖެ

ބެލުންތެރިންގެ މެދުގައި މަގުބޫލް އަދި ދުވަސްވީ ވެރައިޓީ ޝޯ "ސަޓަޑޭ ނައިޓް ލައިވް" ގެ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މެޓް ވިލައިންސް ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.

އުމުރުން 39 އަހަރުގައި އޭނާ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދާތާ ގިނަ ދުވަސްތަކެއް ފަހުން އާދީއްތަ ދުވަހު އެވެ.

މެޓްގެ މަރާ ގުޅިގެން، އޭނާ އާ އެކު މަސައްކަތް ކުރި ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް ހަނދާން ވެސް އާ ކުރަމުންނެވެ.

މެޓާ އެކު މަސައްކަތް ކުރި ކްރިސް ކެލީ ބުނީ އޭނާއާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ ނަސީބެއް ކަމަށެވެ. އެއީ މަޖާ އަދި ވަރަށް ހުނަރުވެރި ޑައިރެކްޓަރެއް ކަމަށް ކްރިސް ބުންޏެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ އެމްބީސީގެ "ސަޓަޑޭ ނައިޓް ލައިވް" ޓީމާ ގުޅުނު މެޓް ވަނީ އޭނާގެ ޕާޓްނަރު އޮސްމާނީ ރޮޑްރިގޭޒާ ގުޅިގެން ވަރަށް މަޖާ އަދި އެހާމެ މޮޅު ކުރު ފިލްމުތަކެއް ޝޯގެ ތެރެއިން ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ.

އޭގެ ތެރޭގައި (ޑޫ އިޓް އިން މައި) ޓްވިން ބެޑް، ސޭޑް މައުސް، ތޭންކްސްގިވިން މިރަކަލް އަދި މޯންސްޓަ ޕަލްސް ފާހަގަކޮށްލެވެ އެވެ.

"ސަޓަޑޭ ނައިޓް ލައިވް" އެންމެ ފުރަތަމަ ދައްކަން ފެށީ 1975 ވަނަ އަހަރު އެވެ. އެ ޝޯ މިދިޔަ އަހަރާ ހަމައަށް ކުރިއަށް ގެންގޮސްފައިވެ އެވެ.

ޓައިމް މެގަޒިނުން ހޮވާ އެންމެ މޮޅު 100 ޓީވީ ޝޯގެ ތެރޭގައި ވެސް 2007 ވަނަ އަހަރު މި ޝޯ ހިމެނިފައިވެ އެވެ. މީގެ އިތުރުން ވެސް ޝޯ އަށް ގިނަ އަދަދެއްގެ އެވޯޑް ލިބިފައިވެ އެވެ.