10 ޖެނުއަރީ 2018 - 11:53

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (ޖެނުއަރީ 10) - ޖައްވުގައި ހޭދަކުރި ތިން މަސް ދުވަސް ތެރޭ ނުވަ ސެންޓި މީޓަރު (3.5 އިންޗި) އަށް ދިގުވެފައިވާ ކަމަށް ބުނެވުނީ މިންނެގުމުގެ އޮޅުމަކުން ކަމަށް ޖަޕާނުގެ އޮސްޓްރޮނޯޓް ނޮރިޝިގެ ކަނައި ބުނެފި އެވެ.
ކަނައި ބުނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ހޭދަކުރި މުއްދަތުގައި ދިގުވެފައި ވަނީ ދެ ސެންޓި މީޓަރު ކަމަށެވެ.
"އެކަހަލަ ފޭކް ނިއުސްއެއް ޓްވީޓްކުރެވުނީތީ މައާފަށް އެދެން،" ޖަޕާން ބަހުން އޭނާ ޓްވީޓް ކުރި އެވެ.
ކަނައިގެ އޮރިޖިނަލް ޓްވީޓާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ. ކަނައި ވެސް ބުނެފައި ވަނީ ޖައްވުގައި ހޭދަކުރި މުއްދަތުގައި އޭނާ ދިގުވެފައިވާތީ އެނބުރި ބިމަށް ދަތުރު ކުރާ ރަޝިޔާގެ ސޮޔޫޒް ވެހިކަލަށް އޭނާ ފިޓް ނުވެދާނެތީ ކަންބޮޑުވާ ކަމަށެވެ. ކަނައި އެނބުރި ބިމަށް ދާނީ އަންނަ ޖޫން މަހު އެވެ. އޮސްޓްރޮނޯޓުން ޖައްވުމުގައި އާއްމުކޮށް ދިގު ވަނީ 2-5 ސެންޓި މީޓަރާ ދެމެދު އެވެ. އެއީ ގްރެވިޓީ ނެތުމުން މައިބަދައިގެ ކަށިތައް ފުޅާވާތީ އެވެ.