ބިގް ބޮސް: އާކާޝް ދަދްލާނީ ބޭރުކޮށްލީތަ؟
ބިގް ބޮސް: އާކާޝް ދަދްލާނީ ބޭރުކޮށްލީތަ؟

"ބިގް ބޮސް"ގެ 11 ވަނަ ސީޒަން ނިމެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް ހަފުތާގެ މެދުތެރެއިން އެއް ބައިވެރިއަކު ގެއިން ނުކުންނަން ޖެހިއްޖެ އެވެ. ލީކުވެފައިވާ ބައެއް ޚަބަރުތައް ބުނާ ގޮތުގައި އެންމެ ފަހުން ބިގް ބޮސްގެ ގެއިން ނެރެލީ އާކާޝް ދަދްލާނީ އެވެ.

މި ހަފުތާގައި ނޮމިނޭޝަނެއް ނެތެވެ. ބިގް ބޮސް ވަނީ މިވަގުތު ގޭގައި ތިބި ފަސް މީހުން ވެސް ނޮމިނޭޓްކޮށް ވޯޓުލުމަށް ހުޅުވާލައިފަ އެވެ. ވޯޓުލާންޖެހޭ ގަޑި ހަމަވުމުން ވަގުތުން ވޯޓު ގުނިއިރު އެންމެ މަދު ވޯޓު ލިބިފައިވަނީ އާކާޝް އަށް ކަމަށް ވާތީ އޭނާއަށް ބިގް ބޮސްގެ ގެއިން ނުކުންނަން ޖެހުނީ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

މިހާރު ތިބި ހަތަރު މީހުންނަކީ ހީނާ ޚާން، ޝިލްޕާ ޝިންޑޭ، ވިކާސް ގުޕްތާ އަދި ޕުނީޝް ޝަރުމާ އެވެ. ޖެނުއަރީ 14 ވަނަ ދުވަހު އޮންނަ ގްރޭންޑް ފިނާލޭގައި މި ހަތަރު މީހުން ކުރެ ކޮންމެވެސް އެކަކު ޝޯ ކާމިޔާބުކޮށް ޓްރޮފީ އުފުލާލާނެ އެވެ.

އާކާޝް އަކީ ޝޯ ފެށުނީއްސުރެ ވެސް ވަރަށް ގިނަ ބަޔަކު ރުޅި އަންނަ ގޮތަށް އުޅެމުން އައި މީހެކެވެ. ރެޕާއެއްގެ ގޮތުގައި މަސައްކަތްކުރާ އާކާޝް ވަނީ ބިގް ބޮސްގެ ގޭގައި ތިބި އަންހެނުންނާ ޒާތީ ގޮތުން ދިމާކޮށް އެމީހުންގެ އިހްތިރާމް ކުޑަވާ ކަހަލަ ގޮތްގޮތަށް ކަންތައް ކޮށްފަ އެވެ. އަދި އޭނާއަކީ ބިގް ބޮސްގެ މިފަހަރުގެ ސީޒަންގައި ބައިވެރިވި އެންމެ އަޑުގަދަ އެކަކެވެ.

"ބިގް ބޮސް"ގެ ފިނާލޭގައި ސަލްމާނާއެކު އަކްޝޭ ކުމާރު ބައިވެރިވާނެ އެވެ. އަކްޝޭ ޝޯގައި ބައިވެރިވަނީ ޖެނުއަރީ 25 ގައި ރިލިޒްކުރާ އޭނާގެ "ޕެޑްމޭން" ޕްރޮމޯޓް ކުރުމަށެވެ.