10 ޖެނުއަރީ 2018 - 10:03

ކޮލަމްބޯ (ޖެނުއަރީ 10) - ވެރިކަމުގެ ފަސް އަހަރު ދައުރު ނިމުމުން އިތުރު އެއް އަހަރު، 2021 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވިދާނެތޯ ބެލުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އެދިވަޑައިގެންފި އެވެ.
މިއީ 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ގާނޫނު އަސާސީ އަށް ސިރިސޭނާ ގެންނެވި އިސްލާހާ މުޅިން ޚިލާފު ހުށަހެޅުމެކެވެ. ސަންޑޭ ޓައިމްސް ނޫހުން ބުނި ގޮތުގައި ސިރިސޭނާގެ ހުށަހެޅުއްވުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގައި މާދަމާ ބަހުސް ކުރާނެ އެވެ.
އުއްތަމަ ފަނޑިޔާރުގެ އަރިހުން ސިރިސޭނާ ހޯމަ ދުވަހު އެދިވަޑައިގެންފައި ވަނީ ވެރިކަމުގެ ދައުރުގައި ހަ ވަނަ އަހަރެއް ފުރިހަމަ ކުރުމާ މެދު ގާނޫނީ ގޮތުން ހުރަހެއް އޮތްތޯ ބެލުމަށެވެ.
އެކަމަކު ވެރިކަމުގެ ދައުރު ފަސް އަހަރަށް ކުޑަކުރުމަށް ސްރީ ލަންކާގެ ގާނޫނީ އަސާސީ އަށް 19 ވަނަ އިސްލާހު ގެނެސްފައި ވަނީ ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވިތާ ހަތަރު މަސް ދުވަސް ތެރޭގަ އެވެ. ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން 215 މެންބަރުންގެ ތާއީދާ އެކު ފާސްކުރި އިސްލާހު އޭރު ބަލައިގެންފައި ވަނީ ޑިމޮކްރެސީ ހަރުދަނާ ކުރަން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ. ވެރިކަމުގެ މުއްދަތު ދެ ދައުރަށް ލިމިޓް ކުރުމަށާއި މިނިވަން މުއައްސަސާތަކުގެ ބާރުތައް އިޔާދަ ކޮށްފައި ވަނީ އިންތިޚާބުގެ ތެރޭގައި ސިރިސޭނާ ވެވަޑައިގެންނެވި ވައުދުތަކާ އެއްގޮތަށެވެ.
ވެރިކަމުގައި އިތުރު އަހަރަކު ހުންނެވުމުގެ ބޭނުމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް ސިރިސޭނާ އެދިވަޑައިގެންނެވި އިރު ކޯލީޝަން ޕާޓްނަރު ބޮޑު ވަޒީރު ރަނިލް ވިލްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާ ދެމެދު ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ މައްޗަށް ކާމިޔާބު ހޯދަން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން 2015 ވަނަ އަހަރު ސިރިސޭނާ ނެރުމުގެ ކުރިން އެމަނިކުފާން ހުންނެވީ ރާޖަޕަކްސާ ސަރުކާރުގެ ހެލްތު މިނިސްޓަރަކަށެވެ.