ކާށިތެލަކީ މާ މޮޅު އެއްޗެއްތަ؟
ކާށިތެލަކީ މާ މޮޅު އެއްޗެއްތަ؟

ކާށިތެލުގެ މޮޅުކަމާ ބެހޭ ގޮތުން ދައްކާ ގިނަ ވާހަކަތައް ސައިންސްވެރިން ގަބޫލެއް ނުކުރެ އެވެ. ސައިންޓިފިކް ކޮމިއުނިޓީން ބަލަނީ ކާށިތެލަކީ ސިއްހަތަށް ގެއްލުންހުރި ސަރުބީގެ ގޮތުގަ އެވެ. މިއީ ބަޓަރާއި ލާޑް (އޫރު ސަރުބީ) އަށް ވުރެ ވެސް މައްޗަށް ސެޗުރެޓޭޑް ފެޓް ހުންނަ އެއްޗެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. ކާށިތެލުގައި ސެޗުރޭޓެޑް ފެޓް ހުންނަ މިންވަރު 86 ޕަސެންޓްގައި ހުރިއިރު ބަޓަރުގައި ހުންނަނީ 51 ޕަސެންޓަށެވެ. އަދި ލާޑްގައި 39 ޕަސެންޓެވެ.

ކާށިތެލަކީ މާ މޮޅު އެއްޗެއްތަ؟
ކާށިތެލަކީ މާ މޮޅު އެއްޗެއްތަ؟

ސެޗުރޭޓެޑް ފެޓްސް ކަމުނުދާ ސަބަބަކީ އެ ކެއުމުން ލޭގައި ލޯ ޑެންސިޓީ ލިޕޮޕްރޮޓިން (އެލްޑީއެލް) ހުންނަ މިންވަރު މައްޗަށްދާތީ އެވެ. އެލްޑީއެލް "ބޭޑް ކޮލެސްޓްރޯލް"ގެ ގޮތުގައި މަޝްހޫރުވެފައި ވަނީ މި ކޮލެސްޓްރޯލް މަތިވުމުން ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވާތީ އެވެ.

އަނެއްކޮޅުން ބަލާއިރު ގުޑް ކޮލެސްޓްރޯލް ނުވަތަ ރަނގަޅު ކޮލެސްޓްރޯލް އުފެދެނީ ވެސް ހަމަ ސެޗުރެޓެޑް ފެޓްސް އިންނެވެ. ނަމަވެސް ގުޑް ކޮލެސްޓްރޯލް އުފެދެނީ ވަކި ކަހަލަ ކާނާއެއްގައި ހުންނަ ސެޗުރޭޓެޑް ފެޓްސް އިންނެވެ. އެ ބާވަތުގެ ކާނާއިން ސެޗުރޭޓެޑް ފެޓްސް ލިބުނަސް އެއިން ރަނގަޅު ކޮލެސްޓްރޯލް އުފެދޭތީ ހިތާ ރަހުމަތްތެރިއެއްޗަކަށް ވަނީ އެވެ.

ކާށިތެލަކީ ހަމަ އެ ބުނާކަހަލަ ގިނަގުނަ ފައިދާ ލިބޭ އެއްޗެއް ހެއްޔެވެ؟ ނުވަތަ މިއީ ނުރައްކާތެރި އެއްޗެއް ހެއްޔެވެ؟ ހަގީގަތުގައި ކާށިތެލުން އިންސާނުންގެ ސިއްހަތަށް ލިބޭ ފައިދާތައް ބެލުމަށް މާ އެދެވޭ ހޯދުންތަކެއް ހޯދާފައެއް ނުވެ އެވެ. އެހެންކަމުން މިހާރު ބީބީސީން ދައްކާ "ޓްރަސްޓް މީ އައި އޭމް އަ ޑޮކްޓާ" ސިލްސިލާގައި ކާށިތެލުގެ ފައިދާ އާއި ގެއްލުމާ ބެހޭ ހޯދުންތަކެއް ވަނީ ހޯދައިފަ އެވެ.

މިކަމަށްޓަކައި ޓްރަސްޓް މީ ޓީމުން ވަނީ ކެމްބްރިޖުން ކިޔަވާފައިވާ ޕްރޮފެސާ ކޭ-ޓީ ކޯ އާއި ޕްރޮފެސާ ނީޓާ ފަރޯހީގެ އެހީތެރިކަން ހޯދައިފަ އެވެ. އަދި 94 ވޮލަންޓިއަރުން ބައިވެރިކޮށްގެން މިހޯދުމުގެ މަސައްކަތް ފެށި އެވެ. މި ވޮލަންޓިއަރުންނަކީ އުމުރުން 50-75 އަހަރާ ދެެމެދުގެ މީހުންނެވެ. މި އެންމެންނަކީ ވެސް ހަކުރުބަލި ނުވަތަ ހިތުގެ އެއްވެސް މައްސަލައެއް ނެތް މީހުންނެވެ.

މިކަމަށް ޚާއްސަކޮށް ފަރުމާކޮށްގެން ހެދި މި ދިރާސާގައި ބެލީ އެކި ވައްތަރުގެ ސަރުބީ ހުންނަ ކާނާ ކެއުމުން އެމީހުންގެ ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލް ލެވެލް އަށް އަންނަ ބަދަލުތަކެވެ.

މި ވޮލަންޓިއަރުން ތިން ގްރޫޕަކަށް ބަހާލައި ފުރަތަމަ ގްރޫޕަށް ހަތަރު ހަފުތާ ވަންދެން ކޮންމެ ދުވަހަކު 50 ގްރާމް އެކްސްޓްރާ ވާޖިން ކާށިތެޔޮ (މޭޒުމަތީ ތިން ސަމުސާ) ބޭނުންކުރުމަށް އިރުޝާދު ދިނެވެ.

ދެވަނަ ގްރޫޕަށް ކާން އިރުޝާދު ދިނީ ހަމަ މި މިންވަރުގެ އެކްސްޓްރާ ވާޖިން ޒައިތޫނި ތެލެވެ. ޒައިތޫނި ތެލަކީ މެޑިޓެރޭނިއަން ކެއުންތަކުގައި ވަރަށް ގިނައިން ބޭނުންކުރާ އަދި ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ.

ތިން ވަނަ ގްރޫޕަށް ކޮންމެ ދުވަހަކު 50 ގްރާމް އަންސޯލްޓަޑް ބަޓަރު ދިނެވެ. މިއީ ވެސް ހަމަ މޭޒުމަތީ ސަމުސަލުގެ ތިން ސަމުސާ ހުންނަހާ އެއްޗިއްސެވެ.

ކޮންމެ ގޮތަކަށް ކޭ ނަމަވެސް މި މިންވަރަށް ކޮންމެ ދުވަހަކު ވެސް ހަތަރު ހަފުތާ ވަންދެން މި ފެޓްސް ހަށިގަނޑަށް އެތެރެކުރަން ވޮލަންޓިއަރުންނަށް އިރުޝާދު ދީފައިވެ އެވެ. އެމީހުން މިވަރަށް ފެޓްސް ކޮންމެ ދުވަހަކު ކެއުމުން ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ މިންވަރަށް ވުރެ 450 ކެލޮރީޒް ކޮންމެ ދުވަހަކުވެސް އިތުރުވާނެތީ ބަރުދަން އިތުރުވާނެކަން ވެސް މި މީހުންނަށް އޮތީ ދުރާލާ އަންގައިފަ އެވެ.

ވޮލަންޓިއަރުން މި ޓްރައަލް ފަށައިގަތުމުގެ ކުރިން އެމީހުންގެ ލޭ ނަގައި އެލްޑީއެލް އާއި އެޗްޑީއެލް ހުރި މިންވަރު ބެލި އެވެ.

ނަތީޖާ ދެއްކީ ކުރިން ވެސް ހީކުރެވިފައި އޮތް ގޮތަށެވެ. ބަޓަރު ކޭ މީހުންގެ އެލްޑީއެލް ލެވެލް އެވްރެޖްކޮށް 10 ޕަސެންޓް އިތުރުވި އެވެ. އެޗްޑީއެލް ލެވެލް މަތިވީ ފަސް ޕަސެންޓެވެ.

ޒައިތޫނިތެޔޮ ބޭނުންކުރި މީހުންގެ އެލްޑީއެލް ލެވެލް ވަރަށް ކުޑަ މިންވަރެއް ދަށްވެފައިވެ އެވެ. އަދި އެޗްޑީއެލް ފަސް ޕަސެންޓް މަތިވި އެވެ. އެހެންކަމުން ކުރިން ވެސް ހީކުރެވިފައިވާ ގޮތަށް ޒައިތޫނިތެލަކީ ހިތާ ރަހުމަތްތެރިއެއްޗެއްކަން ވަނީ ސާބިތުވެފަ އެވެ.

ނަމަވެސް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ކާށިތެލުން ދެއްކި ނަތީޖާއިންނެވެ. ކާށިތެޔޮ ބޭނުންކުރި މީހުންގެ އެލްޑީއެލް ލެވެލް އެއްވެސް ވަރަކަށް މަތިވެފައި ނުވާއިރު އެޗްޑީއެލް ލެވެލް 15 ޕަސެންޓް މަތިވެފައިވެ އެވެ. އެހެންކަމުން މި ހޯދުމުގެ މައްޗަށް ބިނާކޮށް ބުނެވޭނީ ކާށިތެޔޮ އާދަކޮށް ކެއުމުގައި ބޭނުންކުރާ މީހުންނަށް ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.

ޕްރޮފެސާ ކޯ ވެސް ހުރީ މި ނަތީޖާއިން ވަރަށް ބޮޑަށް ހައިރާން ވެފަ އެވެ. އެހެންވެ މިކަމާ ދޭތެރޭ އޭނާ ދެކެނީ ކިހިނެއްތޯ ބީބީސީގެ ނޫސްވެރިޔަކު ސުވާލު ކުރި އެވެ. ޖަވާބުގައި ބުނީ އޭނާއަށް ވެސް މިވީ ގޮތެއް ނޭނގޭ ކަމަށެވެ. ފަހަރެއްގައި ކާށިތެލުގައި ހުންނަ ސެޗުރެޓެޑް ފެޓްގައި ގިނައީ ލައުރިކް އެސިޑަށް ވެދާނެ ކަމަށާއި އޭގެ ބައޮލޮޖިކަލް އިމްޕެކްޓްސް ތަފާތުވީމާ މިހެން ދިމާވަނީ ކަމަށް ވެދާނެކަމަށް ބުންޏެވެ.

އެހެންކަމަށް ވާ ނަމަ ކާށިތެލަކީ ސިއްހަތަށް އެންމެ ފައިދާ ހުރި ތެލުގެ ގޮތުގައި ބަލަންވީ ހެއްޔެވެ؟

ޕްރޮފެސަރު ވިދާޅުވީ މިއީ ވަރަށް ރަނގަޅަށް ކޮށްފައިވާ ދިރާސާއެއް ނަމަވެސް އެންމެ ދިރާސާއެއްގެ އަލީގައި ކެއުމަށް މިހާ ބޮޑު ބަދަލެއް ގެނައުމަށް އިރުޝާދު ނުދެވޭނެ ކަމަށެވެ. ޒައިތޫނި ތެލާ ބެހޭ ދިރާސާތައް ކުރާތާ ޒަމާންތަކެއް ވެފައި ވިޔަސް ކާށިތެލާ ބެހޭ ހޯދުންތައް ހޯދަން އަދި ކިރިޔާ ފެށުނީ ކަމަށާއި އެހެންވެ މިހާ އަވަހަށް ވަކި ގޮތެއް ނުނިންމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ކާށިތެލަކީ ސުޕަފުޑެއް ކަމަށް ނިންމަން އަދި މާ އަވަސް ކަމަށް އޭނާ ގަބޫލުކުރެ އެވެ. ނަމަވެސް ރިހަ ކައްކާއިރު ކާށިތެޔޮ އަޅައިގެން ކެއްކުމުން މީރު ނަމަ އެކަން ވެސް ކޮންމެހެން ހުއްޓާލާނެ ކަމެއް ނެތެވެ. ސަބަބަކީ މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ކާށިތެލަކީ ގެއްލުންވާ އެއްޗެއްކަން ސާބިތުވެފައި ނުވާތީ އެވެ.