09 ޖެނުއަރީ 2018 - 18:20

މަސްވެރިކަމުގެ ދާއިރާގައި ގެންގުޅޭ ފިނިކުރާ ނިޒާމުތަކުގައި ހައިޑްރޯކްލޯރޯފްލޫރޯކާބަން (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓައިލުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދާއި މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލެވެ.
މި އެއްބަސްވުމުގައިވާ ގޮތުން، މިފްކޯ އިން މިހާރު ބޭނުންކުރާ އެޗްސީއެފްސީ ހުންނަ ވަސީލަތްތަކުގެ ބަދަލުގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކެވެ. އަދި އެ ކަމަށް އެހީތެރިވާން، 2.4 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި ބުނެފައި ވެ އެވެ.
މި މަސައްކަތްތަކަކީ އެޗްސީއެފްސީ ބޭނުން ކުރުން މަދު ކުރުމަށް ރާއްޖެ އިން ބައިވެރިވެފައިވާ މުއާހަދާގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ. އެ މުއާހަދާގައި ވާ ގޮތުން ރާއްޖޭގައި އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަން ޖެހެ އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ އެޗްސީއެފްސީ ގޭސް މަދުކުރުމުގެ މަޝްރޫއަކީ މަލްޓި ލެޓެރަލް ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރަމުން މަސައްކަތެއް ކަމަށެވެ.