09 ޖެނުއަރީ 2018 - 15:24

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑުން ހަތަރު ބޭފުޅަކު ވަކިކޮށް، އާ ތިން ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ހިންގާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެ ބޯޑުގައި ތިއްބެވި، ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް އަބްދުއް ނާސިރުގެ އިތުރުން އަހުމަދު ޝަރީފް (ހަންޓާ) އާއި އަލީ ހަފީޒް އަދި އަލީ އާދަމެވެ. އެ ބޭފުޅުން ވަކިކުރެއްވި ސަބަބެއް ޕްރައިވެޓައިޒޭޝަން ބޯޑަކުން ނުބުނެ އެވެ.
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަަށް އަލަށް އައްޔަންކުރީ ޕްރައިވެޓައިޒޭޝަން ބޯޑުން ބުނިގޮތުގައި، ހއ. ކެލާ، ވާރޭވިލާ ފާތިމަތު ނިޒާމާއި ގ. އަންބަރީގެ، މަރިޔަމް ޝާނީޒް ޝާކިރު އަދި ގދ. ތިނަދޫ، ސަތަހަ އަހުމަދު އަސްބާބެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް ބަދަލު ގެންނަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.