11 ޖުލައި 2016 - 22:29

ރާއްޖޭގައި އިންވެސްޓްކުރާނެ ޖާމަނީގެ އިންވެސްޓަރުން ހޯދަން ކުރެވިދާނެ މަސައްކަތްތަކާ މެދު ރައީސް އަބްދުﷲ ޔާމީނާއި އެ ގައުމުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔާގަން މޯހާޑް މިއަދު މަޝްވަރާކުރައްވައިފި އެވެ.
މިއީ ޖާމަނީން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވަދާއީ ޒިޔާރަތުގެ ތެރެއިން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެކެވެ.
މިއަހަރަކީ ޖާމަނީއާ ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ އަހަރަށް ވުމުން އެ ގުޅުން ހަރުދަނާކުރެވޭނެ ގޮތްތަކާމެދު ވެސް މަޝްވަރާކުރި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ބުންޏެވެ. އަދި ރާއްޖޭގެ ތިމާވެށި ތަރައްގީކޮށްދިނުމަށާއި އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ޖާމަނީން ދެމުން އަންނަ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު ދަންނަވައިފަ އެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ޖާމަނީގެ އިންވެސްޓަރުން ހޯދުމުގެ މުހިއްމު ކަމަށް ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް ޔާމީން ވަނީ ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދަން ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތު ޖާމަނީގެ ސަފީރާ ހިއްސާކުރައްވައިފަ އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައީސް ވަނީ ޖާމަނީގައި ދިވެހި އެމްބަސީއެއް އުފައްދަވައިފަ އެވެ.