60 ގަޑިއިރުވީ އިރު ވެސް ޓޭންކަރު އަނދަމުން ދަނީ
60 ގަޑިއިރުވީ އިރު ވެސް ޓޭންކަރު އަނދަމުން ދަނީ

ޝެންހާއީ (ޖެނުއަރީ 9) - އީސްޓް ޗައިނާ ކަނޑުގައި ކާގޯ ބޯޓަކާ ޖެހި އެކްސިޓެންޓްވި ތެޔޮ ޓޭންކަރުގައި ރޯވި އަލިފާން 60 ގަޑިއިރުވީ އިރު ވެސް ނިއްވާ ނުލެވޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އަލިފާން ގަނޑު ނިއްވާލަން ހުރަސް އެޅިފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ޓޭންކަރުގައި ރޯވެފައި ވަނީ ޝެންހާއީގެ 160 މޭލު ބޭރުންނެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ސަންޗީ ޓޭންކަރުގައި ހުރީ އީރާނުން ބަރުކޮށްފައިވާ 136،000 ޓަނުގެ ތެލެވެ. އެއީ ގާތްގަނޑަކަށް އެއް މިލިއަން ފީފާގެ ތެލެވެ. މިހާރުގެ އަގުން ބަލާ ނަމަ އެ ތެލުގެ އަގަށް 60 މިލިއަން ޑޮލަރު އަރާނެ އެވެ. ތެޔޮ ގެންދިޔައީ ސައުތު ކޮރެއާ އަށެވެ.

ހޮން ކޮންގައި ރަޖިސްޓްރީކޮށްފައިވާ ކާގޯ ބޯޓެއް ކަމަށްވާ ސީއެފް ކްރިސްޓަލް އާއި ސަންޗައި ޓޭންކަރު ޖެހި އެކްސިޑެންޓްވި ސަބަބެއް އަދި ނޭނގެ އެވެ. މި އެކްސިޑެންޓުގައި ޓޭންކަރުން ވަނީ 32 މީހުން ގެއްލިފަ އެވެ. އެއީ އީރާނުގެ 30 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ. މީގެ ތެރޭން އީރާނުގެ އެކެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ކާގޯ ބޯޓުގައި ތިބި ޗައިނާގެ 21 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

ޗައިނާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓޭންކަރުގައި ރޯވެފައިވާ އަލިފާން ނިއްވާލަން ދަތިވެފައި ވަނީ މޫސުން ގޯސްވުމުން ކަމަށެވެ. ގަދަވަޔާ އެކު ހަތަރު މީޓަރުގެ އުސް ރާޅު އެ ސަރަހައްދުގައި ހުރި ކަމަށް ބުނެފައިވެ އެވެ. ގެއްލުނު މީހުން ހޯދަން ވަނީ 900 އަކަ މޭލުގެ ސަރަހައްދެއް ބަލައިފަ އެވެ.

އެކްސިޓެންޓް ހިނގަން މެދުވެރި ސަބަބު ހޯދަން ޗައިނާ ސަރުކާރުގެ އެކި ޑިޕާޓްމަންޓްތަކުން މިއަދު ވަނީ ތަހުގީގު ފަށަން ނިންމައިފަ އެވެ.