09 ޖެނުއަރީ 2018 - 13:58

ރިޔާޒް (ޖެނުއަރީ 9) - އެއް ހަށިގަނޑުން ގުޅިފައިވާ ފަލަސްތީނުގެ ގާޒާގެ ދެ ކުދިންގެ އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
މިދިޔަ އޮކްޓޯބަރު މަހު ގާޒާގައި އުފަންވި ދެ ކުދިން ގުޅިފައި ވަނީ ބަނޑުންނެވެ. ދެ ކުދިން ވަކި ކުރުމުގެ އޮޕަރޭޝަން ކޮށްފައި ވަނީ ސައުދީ އަރަބިއާގެ ވެރިރަށުގައި ހުންނަ ކިންގް އަބްދުﷲ ޗިލްރަންސް ހޮސްޕިޓަލުގަ އެވެ.
ގާޒާގައި ދެ ކުދިން އުފަންވުމާ އެކު ފަލަސްތީނުގެ ޑޮކްޓަރުން ބުނެފައި ވަނީ އެ ކުދިންނަށް އެ ގައުމުގައި ފަރުވާ ދެވެން ނެތް ކަމަށާއި އެހެންވެ ދެ ކުދިންގެ ފުރާނަ އަށް ނުރައްކާވެދާނެ ކަމަށެވެ. ދެ ކުދިންނާ އެކު އެ ކުދިންގެ ބައްޕަ ވެސް ވަނީ ސައުދީ އަށް ގެންގޮސްފަ އެވެ. ޖޯޑަން މަގުން އެ ކުދިން ސައުދީ އަށް ގެންދިޔައީ ޑިސެމްބަރު މަހު އެވެ.
އިޒްރޭލުން ގާޒާ ބަންދުކޮށްފައި އޮތުމުން އދ. އިން ބުނެފައި ވަނީ އެ ސިޓީގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.