ހައްގުތަކަށް ހުރަސް އަޅާތީ، ފާރިސްގެ ފާޑު ކިޔުން ދައުލަތަށް
ހައްގުތަކަށް ހުރަސް އަޅާތީ، ފާރިސްގެ ފާޑު ކިޔުން ދައުލަތަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ހައްގުތަކަށް ދައުލަތުން ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެ، އޭނާ މިއަދު ކޯޓުގައި ވަރަށް ބޮޑަށް ދައުލަތަށް ފާޑު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ފާރިސަށް ކުރާ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި، ފާރިސް ދައުލަތަށް ފާޑު ވިދާޅުވީ، ދައުލަތުން ހުށަހެޅި ފާރިސްގެ ފޯނުގެ ފޮޮރެންސިކް ރިޕޯޓުގެ ތާރީޚު ދިމާނުވާ މައްސަލަ ފާރިސްގެ ވަކީލުން ފާހަގަކޮށް، އެ ރިޕޯޓް ބަލައިނުގަތުމަށް ހުށަހެޅުމުން، އެއީ ލިޔުމުގެ ކުށެއް ކަމަށް ދައުލަތުން ބުނުމުންނެވެ.

އަމިއްލަ އަށް ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ދިފާއީ ވަކީލުން ކޮންމެ މައްސަލައެއް ފާހަގަ ކުރުމުން ވެސް އެއީ ލިޔުމުގެ ކުށެއް ކަމަށް ދައުލަތުން ބުނަމުންދާ ކަމަށާއި އެ ގޮތަށް ކަންކަން ހިނގާ ނަމަ ދިފާއުވާނެ ގޮތެއް ނޭނގޭ ކަމަށެވެ. ހުރިހާ މުއައްސަސާތަކާއި ބާރުތައް އޮތީ ދައުލަތުގެ ކިބައިގައި ކަމަށް ވާއިރު، މިފަދަ ކޮންމެ މައްސަލައެއް ވެސް ދިފާއީ ވަކީލުން ފާހަގަ ކުރުމުން އެކަމާ މެދު ދައުލަތުން ޖަދަލު ކުރަން ޖެހޭތޯ އޭނާ ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑަށް ކުރި މި ދައުވާގައި ވެސް ހ. އާއި ށ. ގައި ހުރި ތަފާތު ވަކިކުރަން ހަފުތާއެއް ނެގި." އެ މައްސަލައިގައި ފުރަތަމަ ދައުވާ ކުރިއިރު ގާނޫނުލް އުގޫބާތުގެ ނުބައި އަކުރަކާ ދައުލަތުން ހަވާލާދީފައި އޮތް މައްސަލަ އަށް އިޝާރާތް ކުރައްވައި ފާރިސް ވިދާޅުވި އެވެ.

ދައުވާ ކުރަނީ އުފައްދާފައި އޮތް މައްސަލައަކަށް ކަމަށް ވިދާޅުވެ، ފާރިސް ވިދާޅުވީ އޭނާ އަށް ވަކީލުންނާ ބައްދަލު ކުރަން އެކަށީގެންވާ ވަގުތާއި ފުރުސަތު ވެސް ނުދޭ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އޭނާ ބަންދުގައި ބެހެއްޓުމުގެ މަގްސަދަކީ އޭނާ ދިފާއުވުމަށް ހުރަސް އެޅުމެވެ. އަދި ކަންކަން ހިނގަމުންދާ ގޮތުން އިންސާފު ލިބޭ މަންޒަރު ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފާރިސް އެގޮތަށް ވިދާޅުވުމުން ގާޒީ އަލީ އާދަމް ވަނީ ފާރިސްގެ އެ ވާހަކަތައް ނިސްބަތް ކުރައްވަނީ ކޮން ފަރާތަކަށް ތޯ ވިދާޅުވެ، ސުވާލު ކުރައްވައިފަ އެވެ. އަދި އެ ވާހަކަތައް ނިސްބަތް ކުރަނީ ޝަރީއަތަށް ކަމަށްވާ ނަމަ، އެގޮތަށް ވާހަކަ ނުދައްކަން ފާރިސަށް ގާޒީ އެންގެވި އެވެ. މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް، އިންސާފު ނުލިބޭ ކަމަށް ވިދާޅުވެ ވާހަކަ ނުދައްކަން ގާޒީ އެންގެވި އެވެ.

ގާޒީ ވިދާޅުވީ ޝަރީއަތުން މައްސަލަ ބަލަނީ އިންސާފު ގާއިމް ކުރަން ކަމަށާއި މައްސަލަތައް ބެލުމުގައި ވަކި މީހަކާ މެދު ވަކި ގޮތަކަށް އަމަލު ނުކުރާ ކަމަށެވެ. އަދި ފާރިސްގެ ފަރާތުން ވަކީލުން އެދުނު ކަންކަން ކޯޓުން ފަހިކޮށްދިން ކަމަށާއި އެ ގޮތުން ވަކީލުންގެ ބައްދަލުވުން އިތުރު ކުރަން ކަރެކްޝަނަލް ސާވިސަށް އެންގުމާއި ވަކީލުންގެ ޗުއްޓީގެ ކަންކަން ވެސް ކޯޓުން ހަމަޖައްސައިދިން ކަމަށް ގާޒީ ވިދާޅުވި އެވެ.

ޖަވާބުގައި ފާރިސް ވިދާޅުވީ އޭނާގެ ވާހަކަ ނިސްބަތް ކުރީ ވަކި ފަރާތަކަށް ނޫން ކަމަށާއި އޭނާ ވާހަކަ ދެއްކީ މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބިނާކޮށް ކަމަށެވެ. ފާރިސް ވިދާޅުވި ގޮތުގައި އޭނާ އަށް އެކަށީގެންވާ ފުރުސަތުތައް ހޯދައިދޭން ކޯޓުން މަސައްކަތް ކުރިކަން އޭނާ ވެސް ގަބޫލު ކުރައްވަ އެވެ. އެކަމަކު ކޯޓުން މަސައްކަތް ކުރިޔަސް އެ ފުރުސަތުތައް އޭނާ އަށް ނުލިބޭ ކަމަށާއި ކަންބޮޑުވަނީ އެކަމާ މެދު ކަމަށް ފާރިސް ވިދާޅުވި އެވެ.

ފޯނުގެ ފޮރެންސިކް ރިޕޯޓާ ގުޅިގެން ފާރިސްގެ ވަކީލުން ފާހަގަކުރި މައްސަލައަކީ ފުލުހުން އެ ފޯނު ހިފެހެއްޓި ތާރީޚުގެ ފަހުން އެ ފޯނަށް ލިބިފައި ހުރި ފޮޓޯތަކެއް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި އޮތުމެވެ. އެ ފޯނު ހިފެހެއްޓި ދުވަހެއްގެ ގޮތުގައި އެ ރިޕޯޓުގައި އޮތީ މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ. އެކަމަކު އެ ރިޕޯޓުގައި ފާހަގަ ކޮށްފައި އޮތް ފޮޓޯއަކީ ޖޫން 15 ގެ ފޮޓޯއެކެވެ. އެހެންވެ، ފާރިސްގެ ވަކީލުން ވަނީ އެ ރިޕޯޓް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ، ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.

އޭގެ ޖަވާބުގައި ދައުލަތުން ބުނީ އެ ފޯނު ހިފެހެއްޓި ތާރީޚުގެ ގޮތުގައި ޖޫން މަހުގެ ފަސް ވަނަ ދުވަސް ލިޔެފައި އޮތީ އޮޅުމަކުން ކަމަށާއި ރަނގަޅު ގޮތަކީ ޖުލައި މަހުގެ ފަސް ވަނަ ދުވަސް ކަމަށެވެ. އެ ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާ ވެސް އެ ކަން ދައުލަތަށް ކަށަވަރު ކޮށްދޭ ކަމަށާއި އެ މީހާ ހާޒިރު ކޮށްގެން ވެސް އެ ކަންކަން ސާފު ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ ކަން އެނގޭނެ ފަދަ ލިޔުމެއް ވެސް ދައުލަތުން މިއަދު ހުށަހެޅި އެވެ. އެ ކަންކަން ފާހަގަކޮށް، ދައުލަތުން ބުނީ އެ ރިޕޯޓް ޝަރީއަތަށް ބަލައިގަނެވޭނެ ކަމަށެވެ.

ރައްދުގައި ފާރިސްގެ ވަކީލް މައުމޫން ހަމީދު ސުވާލު އުފެއްދީ އެ ރިޕޯޓުގައި އެ ކުށް އެގޮތަށް ލިޔެވިފައި އޮތްކަން ދައުލަތަށް ކުރިން އެނގޭ އިރު، ކުރިން ވެސް އެކަން ފާހަގަ ނުކުރީ ކީއްވެގެންތޯ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރިޕޯޓް ހެދި މީހާ ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނަގާ ނަމަ ދޮގު ހަދައި، ޝަރީއަތަށް އޮޅުވާލުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ، އޭނާ އެދިވަޑައިގަތީ އެ ރިޕޯޓް ބަލައިނުގަތުމަށެވެ.

ދައުލަތުން މިއަދު ހުށަހެޅި ލިޔުން ދިރާސާ ކުރަން ފާރިސާއި ވަކީލުންނަށް ކޯޓުން ވަގުތު ދިނެވެ.

އޭގެ ފަހުން އަލުން އަޑުއެހުން ފެށުމުން ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް ވިިދާޅުވީ އެ ފޯނު ފޮރެންސިކް ތަހުލީލަށް ފޮނުވީ އެ ފޯނުގެ މެސެޖްތަކުގެ ބެކަޕް ނަގަން ކަން އެ ލިޔުމުން އެނގޭ ކަމަށެވެ. އެހެން ނަމަވެސް މެސެޖްތަކުގެ ބެކަޕް ނަގާފައި ނެތް ކަމަށާއި އެހެން ހުރިހާ ކަންކަން ކޮށްފައި އެބަހުރި ކަމަށް ދިފާއީ ވަކީލުން ބުންޏެވެ. އެކަން އެގޮތަށް ކޮށްފައި އޮތީ ފާރިސްއާ އެއްކޮޅަށް ހުރި ހެކިތައް ހާމަ ނުކުރަން ކަމަށް ވަކީލުން ވިދާޅުވި އެވެ.

ޝަރީއަތުގެ އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް މިއަދު ވަނީ އެއްކޮށް ހުށަހަޅައި، ނިމިފަ އެވެ. އެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 18 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ އެވެ.