އެލް ސަލްވަޑޯގެ ދެ ލައްކަ މީހުން އެމެރިކާ އިން ބޭރުކޮށްލަނީ
އެލް ސަލްވަޑޯގެ ދެ ލައްކަ މީހުން އެމެރިކާ އިން ބޭރުކޮށްލަނީ

ވޮޝިންޓަން (ޖެނުއަރީ 9) - އެމެރިކާގައި ދިރިއުޅޭ އެލް ސަލްވަޑޯގެ މީހުންނަށް ދޫކޮށްފައިވާ ޓެމްޕަރަރީ ޕްރޮޓެކްޓެޑް ސްޓޭޓަސް (ޓީޕީއެސް) ބާތިލް ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ނިންމައިފި އެވެ.

އެލް ސަލްވަޑޯގެ ދެ ލައްކައެއްހާ މީހުން އެމެރިކާގައި ދިރިއުޅުމުގެ ވަގުތީ ހުއްދަ ދިނީ އެ ގައުމަށް 2001 ވަނަ އަހަރު ކުރިމަތިވި ބިންހެލުމާ ގުޅިގެންނެވެ. އެކަމަކު އެ މީހުން އެމެރިކާ ދޫކޮށް ދިއުމަށް މިހާރު ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް މުހުލަތު ދީފަ އެވެ. އޭގެ ފަހުން އެ މީހުން ޑިޕޯޓްކޮށްލާނެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ބުނީ 2001 ވަނަ އަހަރު އެލް ސަލްވަޑޯ އަށް ކުރިމަތިވި ބިންހެލުމާ ގުޅިގެން ދިމާވި ކަންތައްތަކުން އެ ގައުމު މިހާރު އަރައިގެންފައިވާ ކަމަށެވެ. ޓީޕީއެސް ކެންސަލް ކުރުމާ ގުޅިގެން، އެލް ސަލްވަޑޯ މީހުން އެމެރިކާގައި ދިރިއުޅުނު އިރު ލިބިފައިވާ ކުދިން ވެސް އެމެރިކާ ދޫކޮށްލަން ޖެހޭނެ އެވެ. ޓީޕީއެސްގެ ދަށުން އެލް ސަލްވަޑޯގެ ގިނަ މީހުން ދިރިއުޅެމުން ދަނީ ކެލިފޯނިއާ، ޓެކްސަސް އަދި ވޮޝިންޓަނުގަ އެވެ.

ސެންޓަ ފޯ މައިގްރޭޝަން ސްޓަޑީސް އިން ބުނި ގޮތުގައި ބިންހެލުމާ ގުޅިގެން އެމެރިކާގައި ދިރިއުޅުމުގެ ވަގުތީ ހުއްދަ ދިން މީހުންގެ ތެރޭން 10 ޕަސެންޓް މީހުން މިހާރު ވަނީ އެމެރިކާ މީހުންނާ ކައިވެނިކޮށްފަ އެވެ. މީގެ ތެރޭން ގިނަ މީހުން ވަޒީފާތަކުގައި އުޅޭ އިރު 10 ޕަސެންޓް މީހުން އަމިއްލަ މަސައްކަތްތައް ކުރެ އެވެ.

ޓީޕީއެސްގެ ދަށުން 10 ގައުމެއްގެ މީހުން އެމެރިކާގައި ދިރިއުޅެމުންދެ އެވެ.