އާރް.ބާލްކީ އަލަށް ފަށާ ފިލްމުގައި ކަންގަނާ އާއި އަމީތާބު
އާރް.ބާލްކީ އަލަށް ފަށާ ފިލްމުގައި ކަންގަނާ އާއި އަމީތާބު

"ޕާ" ފަދަ ރީތި ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު އާރް. ބާލްކީ އަލަށް ފަށާ ފިލްމުގެ ބަތަލާގެ ރޯލު ކަންގަނާ އަށް ދޭން ނިންމައިފި އެވެ.

މި ފިލްމުގެ ބަތަލަކީ އަމީތާބު ބައްޗަން އެވެ. އެންމެ ކުރިން ބާލްކީ ކަންގަނާ އަށް ހުށަހެޅީ އަރުނީމާ ސިންހާގެ ބައޮޕިކް އެވެ. ނަމަވެސް އެ ފިލްމު ނުފެށި ގިނަ ދުވަސް ވާތީ މި ފިލްމު ދޭން ގަސްތުކުރީ އެވެ.

މިފަހަރުގެ ފިލްމުގައި ކަންގަނާ ކުޅެނީ އެކްސިޑެންޓަކަށް ފަހު ނުކުޅެދުންތެރިއަކަށްވާ މީހެއްގެ ބައެވެ.

މި ފިލްމަށް ކަންގަނާ ތައްޔާރުވާން ވެސް ދެ މަހެއްހާ ދުވަސް ނަގާނެ އެވެ. އެއީ ފިލްމުގައި އޭނާ އަދާކުރާ ކެރެކްޓާއަކީ ތަފާތު ގޮތަކަށް ހަރަކާތްތައް ގެންގުޅޭ މީހަކަށް ވާތީ އެވެ.

ކަންގަނާ އަދި މި ފިލްމު ކުޅޭކަށް ސޮއެއް ނުކުރެ އެވެ. ނަމަވެސް މި މަހު ފަހުކޮޅު ސޮއިކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި ފިލްމު އިއުލާން ކުރާނީ ވެސް އެހާ ހިސާބުގަ އެވެ.

ކަންގަނާ އާއި އަމީތާބު މި ފިލްމުގެ މަސައްކަތް ފަށާނީ އެ މީހުން ކުޅެމުންދާ ހުރިހާ ފިލްމެއް ނިންމުމަށް ފަހުގަ އެވެ. އަމީތާބު ކުޅެމުންދަނީ "ތަގްސް އޮފް ހިންދުސްތާން" އާއި "102 ނޮޓް އައުޓް" އެވެ. ކަންގަނާ އަތުގައި އޮތީ "މަނީކަރްނީކާ" އެވެ.

އެންމެ ޝައުގުވެރިވާ އެއް ކަމަކީ 2016 ގެ އެންމެ މޮޅު ޕާފޯމަންސްގެ ނެޝަނަލް އެވޯޑު ލިބިފައިވަނީ އަމީތާބާއި ކަންގަނާ އަށެވެ.