ޕަދްމާވަތާއި ޕެޑްމޭން އެއް ދުވަހަކާ ދިމާވިޔަސް މައްސަލައެއް ނެތް: ސޯނަމް
ޕަދްމާވަތާއި ޕެޑްމޭން އެއް ދުވަހަކާ ދިމާވިޔަސް މައްސަލައެއް ނެތް: ސޯނަމް

ސޯނަމް ކަޕޫރުގެ "ޕެޑްމޭން" އާއި ދީޕިކާ ޕަދުކޯންގެ "ޕަދުމާވަތު" އެއް ދުވަހެއްގައި ނެރުނަސް އެއީ މައްސަލައެއް ނޫން ކަމަށް ސޯނަމް ބުނެފި އެވެ. ސޯނަމް ބުނި ގޮތުގައި އެއްގޮތަކުން ބަލާއިރު މިއީ ވަރަށް ރަނގަޅަށް ދިމާވި ކަމެކެވެ.

"އަަހަރެމެންގެ ފިލްމަކީ ވަރަށް ސިމްޕަލް އަދި ހިތްގައިމު ފިލްމެއް. އަހަންނަށް ބުނެވޭނީ 'ޕަދްމާވަތު' ރިލީޒްކުރެވޭނެ ގޮތް ވީތީ އުފާ ކުރަމޭ. އަދި ފިލްމު ރަނގަޅަށް ހިނގާނެކަމަށް އުންމީދު ކުރަން،" ސޯނަމް ބުންޏެވެ.

ސޯނަމް އާއި ދީޕިކާ ފިލްމީ މައިދާނަށް ނުކުތީ މީގެ 10 އަހަރު ކުރިން ހަމަ އެއް ދުވަހަކު އެވެ. ސޯނަމް ތައާރަފްވީ ސަންޖޭ ލީލާ ބާންސާލީގެ "ސާވަރިޔާ" އިންނެވެ. ދީޕިކާ ތައާރަފްވީ ފަރާ ޚާންގެ "އޯމް ޝާންތި އޯމް" އިންނެވެ. ދެ ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ގޮސް ދެ ފިލްމުގެ ބައިވެރިންގެ މެދުގައި ހޫނު އަރާރުންތައް އެދުވަސްވަރު ހިނގި އެވެ. އެފަހަރު ކަން ދިމާވި ގޮތުން ބާންސާލީއާ ވާދަކޮށް ކުރި ލިބުނީ ފަރާ ޚާން އަށެވެ.

އަނެއްކާވެސް އޭގެ 10 އަހަރު ފަހުން ތާރީޚު އިއާދަވަނީ އެވެ. ސޯނަމްގެ "ޕެޑްމޭން" އާއި ދީޕިކާގެ "ޕަދްމާވަތު" މި މަހު 25 ވަނަ ދުވަހު ރިލީޒްކުރަން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

އަކްޝޭ ކުމާރާއި ރާދިކާ އަޕްޓޭ އަދި ސޯނަމް ކުޅެފައިވާ "ޕެޑްމޭން" ކުރިން ވެސް ރިލީޒްކުރަން ހަމަޖެހިފައި އޮތީ ޖެނުއަރީ 25 ގައެވެ. ނަމަވެސް "ޕަދްމާވަތު" ރިލީޒްކުރާ ތާރީޚްގައި ފިލްމު ސެންސަރު ބޯޑުން ފާސް ނުކޮށްދީގެން ރިލީޒް ނުކުރެވިފައި އޮތުމަށްފަހު ޖެނުއަރީ 25 ގައި ރިލީޒްކުރަން ހަމަޖެއްސީ މީގެ އެއް ދުވަސް ކުރިންނެވެ.

ސޯނަމް ނޫނަސް އަކްޝޭ ވެސް ބުނީ "ޕަދްމާވަތު" ރިލީޒްކުރެވޭނެ ގޮތް ވީތީ އުފާ ކުރާ ކަމަށެވެ. ވާދަވެރިކަމުގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި "ޕެޑްމޭން" އާއި "ޕަދްމާވަތު" ރިލީޒްކުރާ ހަފުތާ ވާނީ ބޮލީވުޑަށް ވަރަށް ޚާއްސަ ހަފުތާއަކަށް ކަމަށް ވެސް އަކްޝޭ ބުންޏެވެ.

ސޯނަމް ބުނި ގޮތުގައި އޭނާގެ ތިން ފިލްމެއް މިއަހަރު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އެއް ފިލްމަކީ ޖެނުއަރީ 25 ގައި ރިލީޒްކުރާ "ޕެޑްމޭން" އެވެ. "ވީރޭ ދީ ވެޑިން" މޭ މަހު އަދި ސަންޖޭ ދަތު ބައޮޕިކް ވެސް އޭގެ ފަހުން ނެރެން ހަމަޖެހިފައިވާ ކަމަށް ސޯނަމް ބުންޏެވެ.