09 ޖެނުއަރީ 2018 - 13:02

ހަރާރޭ (ޖެނުއަރީ 9) - ޒިމްބާބުބޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ޕީއެޗްޑީ ފާސް ނެންގެވި ގޮތް އެ ގައުމުގެ އެންޓި-ކޮރަޕްޝަން އޮފިޝަލުން ތަހުގީގު ކުރަން ފަށައިފި އެވެ.
މުގާބޭ، 93، އަށް ފަހު ޒިމްބާބުވޭގެ ވެރިކަމަށް ވަޑައިގަތުމަށް ތައްޔާރުވަމުން ދިޔަ ގްރޭސް އަށް ޔުނިވާސިޓީ އޮފް ޒިމްބާބުވޭ އިން ޕީއެޗްޑީ ދިނީ 2014 ވަނަ އަހަރު އެވެ. ފާޑު ކިޔާ ފަރާތްތަކުން އޭރު ބުނަމުން ދިޔައީ ގްރޭސް އަށް ޕީއެޗްޑީ ދިން އިރު އެކަމަނާ އެއްވެސް ވަރަކަށް ކިޔަވާ ވިދާޅުވެ އަދި ރިސާޗެއް ވެސް ހައްދަވާފައި ނުވާ ކަމަށެވެ. ގްރޭސްގެ ތީސިސް ލިޔުއްވީ ކޮން ދާއިރާއަކުން ކަމެއް ނޭނގެ އެވެ. އެކަމަކު ޒިމްބާބުވޭގެ ޔުނިވާސިޓީތަކުގައި ޕީއެޗްޑީ ދަރިވަރުންގެ ތީސިސް އާއްމުކޮށް ޝާއިއުކޮށް ހަދަ އެވެ.
ޒިމްބާބުބޭގެ ސަރުކާރު ނޫސް ހެރަލްޑް އިން އެ ދުވަސްވަރު ބުނެފައި ވަނީ ގްރޭސް ޕީއެޗްޑީ ހެއްދެވީ "އިޖްތިމާއީ އޮނިގަނޑު ބަދަލުވަމުންދާ ގޮތުގެ" މައްޗަށް ކަމަށެވެ. ގްރޭސް ޕީއެޗްޑީ ނެންގެވި އިރު ޔުނިވާސިޓީގެ ޗާންސެލަރަކީ ފިރިކަލުން އަދި ކުރީގެ ރައީސް މުގާބޭ އެވެ.
ގްރޭސް ޕީއެޗްޑީ ހޯއްދެވި ގޮތް ތަހުގީގު ކުރަމުން ދިޔަ ނަމަވެސް ޒިމްބާބުވޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކަމާ ގުޅޭ ތަފްސީލްތައް އާއްމުކޮށްފައެއް ނުވެ އެވެ.
މުގާބޭގެ ވެރިކަން މިދިޔަ އަހަރުގެ ފަހުކޮޅު ގެއްލުނީ ނައިބް ރައީސްގެ މަގާމުން އެމާސަން ނަންގަގްވާ ވަކި ކުރުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހި ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ހޯދި ހިސާބުންނެވެ. އެންމެ ފަހުން ގޮތް ހުސްވެ މުގާބޭ ވަނީ ނޮވެމްބަރު 21 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.
މުގާބޭގެ ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު ޔުނިވާސިޓީގެ ދަރިވަރުން ވަނީ ގްރޭސް އަށް ދީފައިވާ ޕީއެޗްޑީ އަނބުރާ އަތުލުމަށް ގޮވާލައިފަ އެވެ.