09 ޖެނުއަރީ 2018 - 11:51

ކްލަބް ގްރީންސްޓްރީޓްސް އިން އާ ކޯޗު އަލީ ސުޒޭނާ ހަވާލުކުރާނީ މިދިޔަ ސީޒަނަށް ވުރެ ވަރުގަދަ ސްކޮޑެއް ކަމަށް އެ ކްލަބުން ބުނެފި އެވެ.
މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކޮށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދި ޓީމުން ބުނީ މި ފަހަރު ނުކުންނާނީ ތަށްޓަކަށް އަމާޒުކޮށްގެންނެވެ.
މިދިޔަ ސީޒަނުގެ ފަހުބައިގައި ގްރީންސްޓްރީޓްސްގެ ނަތީޖާތައް ދަށްވިއިރު ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ވެސް މަގާމުން ވަކިވި އެވެ. އޭރު އޭނާއާ މެނޭޖްމަންޓާ ވެސް އޮތީ މައްސަލަތަކެއް ޖެހިފަ އެވެ.
އެ ކްލަބުގެ މެނޭޖަރު އިލްޔާސް އުމަރު ބުނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބުލް އިލިއާ އަދި ޖަޕާން ގޯލްކީޕަރު ޔުން ކޮޗީ މި ސީޒަނަށް ވެސް ގެންނާނެ ކަމަށާއި ބިދޭސީ އިތުރު ފޯވާޑަކާއި ޑިފެންޑަރެއް ވެސް ގެންނާނެ ކަމަށެވެ. މީގެ އިތުރުން އަލަށް ދިވެހި ބައެއް ކުޅުންތެރިން ވެސް ގެނެސްފައިވާއިރު އެ ކުޅުންތެރިންގެ ނަންތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ކްލަބުން ބުނެ އެވެ.
އެ ޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އަހުމަދު ހަސަން (އައްމަޑޭ) އާއި އަހުމަދު ނިޒާމް ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.
"މިދިޔަ އަހަރަށް ވުރެ އެވްރެޖް ވަރުގަދަ ޓީމެއް މި ފަހަރު ނެރޭނަން. އަޅުގަނޑުމެންގެ ޓާގެޓަކީ ތަށްޓެއް،" އޭނާ ބުންޏެވެ.
އެ ޓީމުގެ އާ ކޯޗު ސުޒޭން ވެސް ބުނީ އާ ޗެލެންޖަކަށް ވިޔަސް އޭނާގެ އޮތީ އެންމެ ޓާގެޓެއް ކަމަށެވެ. އަދި ގްރީން ސްޓްރީޓްސްއާ އެކު ކާމިޔާބު ސީޒަނަކަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.
ސުޒޭން މިދިޔަ ސީޒަނުގައި ފުރަތަމަ ފެނުނީ ވިކްޓަރީންނެވެ. އެކަމަކު މާލޭ ލީގުގެ ގަދަ ހަތަރަކަށް ނުހޮވި އުރީދޫ ދިވެހި ޕްރިމިއާ ލީގުން ފުރުސަތެއް ނުލިބުމުން މަގާމުން ވަކިވާން ޖެހުނީ އެވެ. ފަހުން ޕްރިމިއާ ލީގުގެ ދެ ވަނަ ބުރާ ހަމައިން އޭނާ ހަވާލުވީ ގދ. ތިނަދޫއާ އެވެ. އެ ޓީމަށް ގަދަ ހަތަރަކުން ޖާގަ ހޯދައިދީ ޕްރެޒިޑެންޓްސް ކަޕަށް ގެންދިޔަ އެވެ.