12 ޖުލައި 2016 - 05:35

(ޖުލައި 11 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހުރިހާ ކަމެއް އަދި ދަނީ ތިން މީހުން ރޭވި ގޮތަށެވެ. އެމެރިކާގެ ތަޖުރިބާކާރު އެކުވެރިއެއްގެ އެހީގައި ފެށި މަސައްކަތުގައި ނަލަ އިބްރާހިމް އަތުލުމުގެ ފަހު މަސައްކަތް އޮންނާނީ މާދަމާ ރެ އެވެ. އެކަމަށް ވެސް އެ މީހުންގެ ފަރާތުން ހުރި މީހަކީ ރެބޭކާ އެވެ.
އިންސާފުގެ ޗެމްބަރުގައި ތިން އެކުވެރިން ތިބީ ރެބޭކާ އާއި އިބްރާހިމް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހާށެވެ. އިބްރާހިމް ވަނީ ރެބޭކާގެ ރީތިކަމުގައި، އެ މީހުން ހީކުރި ވަރަށް ވުރެ މާ ބޮޑަށް ޖެހިފައިކަން އެނގެ އެވެ. ރެބޭކާ އާއި އިބްރާހިމް ދައްކަމުން ދާ ވާހަކަތައް އިންސާފުގެ ޗެމްބަރުގެ ސިސްޓަމުން އެ މީހުންނަށް އިވެނީ ރެބޭކާގެ އަތްދަބަހުގައި ހަރުކޮށްފައި ހުރި ކުޑަކުޑަ އާލާތެއް މެދުވެރިކޮށެވެ.
އިބްރާހިމަކީ ފާތިރުމެން ގަބޫލުކުރާ ގޮތުގައި އާންމު ނިޒާމުގެ ތެރެއިން އަދަބު ލިބޭނެ މީހެއް ނޫނެވެ. އެކަމަކު އޭނާގެ ސަބަބުން މުޅި ގައުމަށް ކުރިމަތިވާ ގެއްލުން ބޮޑެވެ. އޭނާ ހިތްހަމަނުޖެހޭ ވެރިޔަކަށް މަގާމުގައި ހުންނަން އުނދަގޫވެ އެވެ. އޭނާ ބޭނުން ނޫން ބަޔަކަށް ވަކި ކަހަލަ ވިޔަފާރިތަކުން ކުރިއަކަށް ނުދެވެ އެވެ. އޭނާ ދެކޮޅު ހަދައިފި ނަމަ ބައެއް ބޭންކްތަކުން ބޮޑެތި ލޯނުތަކެއް ދުލެއް ނުކުރެ އެވެ. ގައުމުގެ މުހިންމު ނިޒާމުތަކަށް އެކެއްގެ އަމިއްލަ އެދުމުގެ ބާރު ފެތުރުމުގެ ގެއްލުން، އާންމު ރައްޔިތަކަށް ރޭކާލާ ވަރަށް ވުރެ މާ ބޮޑީ އެވެ.
ފާތިރުމެންނަށް ވިސްނުނީ، އަދި އެންމެ ފަހުން ނިންމީ، އިބްރާހިމްގެ ބާރު މުޅިން ނައްތާލަން ޖެހޭ ކަމަށެވެ. އެ މަސައްކަތުގައި އެ މީހުންގެ އަތްދަށަށް އޭނާ ގެންނަން ދެން އޮތީ ގާތްގަނޑަކަށް 12 ގަޑިއިރެވެ.
އެއީ އަސްލު ޓެކްސީއެއް ނޫނެވެ. އެ ކާރު އޮތީ ފާތިރުގެ ގޭގެ ބޮޑު ގަރާޖުގަ އެވެ. އެ ގަރާޖުގައި އެއް ފަހަރާ ހަތަރު ކާރު ބޭއްވެ އެވެ. ގަރާޖަކަށް ބޭނުންވާނެ ހުރިހާ ސާމާނެއް އެކި ތަންތަނުގައި އަތުރާފައި ހުއްޓެވެ. ކާރު ދޮވުމާއި ދަވާދުލުމާއި، ކިތައްމެ ބޮޑު މަރާމާތެއް ނަމަވެސް ކުރެވޭ ފެންވަރަށް ގަރާޖު ހުރީ ތައްޔާރުކޮށްފަ އެވެ.
އިންސާފުގެ ޗެމްބަަރަށް ވެއްދި ކޮންމެ މީހަކު ވެސް މިހާތަނަށް އެގެއަށް ގެނައީ އެ ކާރުގަ އެވެ. ކާރު ނެރުމުގެ ކުރިން ޓެކްސީ ބޯޑެއް ހަރުކޮށް، ޓެކްސީ ސެންޓަރުގެ ނަން ޖަހާފައި ހުރި ބޮޑު އިސްޓިކާއެއް، ކާރުގެ ބޭރުގައި ތަތްކުރެ އެވެ. މީހާ ހޭނައްތާލަން ބޭނުންކުރާ ގޭސް ދުއްވާލަނީ ކާރުގެ އެތެރޭގައި ހަރުކޮށް ހުރި ޚާއްސަ ބަޔަކުންނެވެ.
އިބްރާހިމްގެ ގޭގައި ރެބޭކާ އެރޭ ހޭދަކުރި އިރު ފާތިރާއި ޒަވީން އަދި ނާވިޝް ނިދީ ފާތިރުގެ ގޭގަ އެވެ. ފަތިސް ނަމާދުކޮށްގެން އިންސާފުގެ ޗެމްބަރަށް ވަދެ، ޕާޓިޝަނުން ވަކިކޮށްފައި ހުރި ބައިގައި އިރުކޮޅަކު ވާހަކަ ދައްކާލަން ތިއްބެވެ. ދެން ފާތިރުގެ އެޕަލް ފޯނުގައި އޮތް ރިމޯޓްކޮންޓްރޯލް ހާއްސަ އެޕެއް ހުޅުވާލި އެވެ. އޭގެ ފިތަކަށް ފިތާލުމާ އެކު ޗެމްބަރުގެ އެއް ފަރާތުގެ ބިތުން ބައެއް މަޑުމަޑުން މައްޗަށް އަރަން ފެށި އެވެ. އެތަނުގައި ހުރީ ތިން ބަޔަށް ހަދާފައިވާ އަލަމާރިއެކެވެ. އެއް ބައިގެ ދޮރުފަތުގައި ހުރީ ބޮޑު ބިއްލޫރިގަނޑެކެވެ. އަލަމާރި ތެރޭގައި އެކި ވައްތަރުގެ ގަމީހާއި ޓީޝާޓާއި ޖިންސު ފަދަ ހެދުންތައް ހުއްޓެވެ. އަދި ވަތްގަނޑުތަކެއް ވެސް ހަރުކޮށްފައިވެ އެވެ.
ފާތިރާ އެކު ނާވިޝް ގޮސް ވަތްގަނޑެއް ހުޅުވާލި އެވެ. އޭގެ ތެރެއިން އޭނާ ނެގީ ވަރަށް ތުނި ރަބަރަކުން، އިންސާނެއްގެ މޫނާ ހަމަ އެއްވެސް ތަފާތެއް ނެތް ގޮތަށް ހަދާފައި އޮތް މޫނުމައްޗެކެވެ. އެކި ސިފަސިފަޔަށް ތައްޔާރުކޮށްފައިވާ މޫނުމަތި ވަތްގަނޑުގައި ހުއްޓެވެ.
ނާވިޝް ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި މޫނުމަތި އަޅާލި އެވެ. ކުޑަކުޑަ ތުނބުޅިއެކެވެ. ނޭފަތުގެ މެދާ ހަމައިން ކައްޗަށް ލަކުނެއް ވެސް ހުއްޓެވެ. ބުމަ ވަރަށް ބޮލެވެ.
އެއީ މިހާރު މުޅިން އެހެން މީހެކެވެ.
ގަމީސްތައް އަޅުވާލާފައި ހުރި ބައިން ޖުއްބާއެއް ކަހަލަ ދިގު އެއްޗެއް ލި އެވެ. ބޫޓު ބަހައްޓާފައި، އާދައިގެ ފައިވާނެއް، އަލަމާރީގެ ތިރީ ބަޔަކުން ނަގައި، އެއަށް އެރި އެވެ. ފާތިރާއި ޒަވީންއާ ދިމާއަށް ބަލައިލުމަށް ފަހު ހިނިތުންވި އެވެ. އެ ހިނިތުންވުން ފެނުނީ މަސްނޫއީ މޫނުމައްޗެއް ކަން ނޭނގޭހާ ނަލަކޮށެވެ.
ބިތްގަނޑު މަޑުމަޑުން ތިރިވެ، ހަމަޖެހުނު އިރު އެއީ އެގޮތަށް ކަހާލެވޭ ދޮރެއް ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ޖަޕާންގެ ހުނަރުވެރިން ޗެމްބަރު ހަދާފައި ވަނީ އެހާ ވެސް މޮޅަށެވެ.
ނާވިޝް އެތަނުން ނުކުމެގެން ގޮސް ގަރާޖަށް ވަން އިރު ކާރު އޮތީ ޓެކްސީއަކަށް ބަދަލުކޮށްފަ އެވެ. ގަރާޖުގެ ބޭރު ދޮރު ރިމޯޓަކުން ހުޅުވާލުމަށް ފަހު ކާރަށް އަރާ އިސްޓާޓްކޮށްލި އެވެ. ދެން މަގުމައްޗަށް ކާރު ނެރުނެވެ. އޭރު އެ މަގުގައި އެކަކު ވެސް ނެތެވެ. މާލޭގެ ހަލަބޮލިކަން އަދި ނުފެށެނީ އެވެ.
މަޑުމަޑުން ދުއްވާފައި ގޮސް އޭނާ އެޅީ އިބްރާހިމްގެ ގެ ހުންނަ މަގަށެވެ. އެގޭ ގަރާޖު ކުރިމަތީގައި އެއްވެސް އެއްޗެއް ޕާކްނުކުރެވޭ ގޮތަށް ދަގަނޑު ހުރަހެއް އަޅާފައި އޮތެވެ. އެހިސާބާ ކައިރިކުރި އިރު އޭނާގެ ކާރު ޕާކްކުރެވޭ ވަރުގެ ޖާގައެއް، އެގޭ ދޮރަށް ވުރެ ކުޑަ ތަންކޮޅެއް ދުރުން ލިބުނެވެ. އެކަމަކު ތިން ސައިކަލެއް ދުރަށް ޖައްސަން ޖެހުނެވެ. ކާރު ގެންގޮސް އެތަނުގައި ބޭއްވުމަށް ފަހު ނާވިޝް އެއިން ފޭބި އެވެ. ދޮރު ތަޅުލާފައި އެތަނުން ހިނގައިގަތެވެ.
އެދުވަހު އެގެއަށް އަންނަން އެއްވެސް މީހަކަށް އިބްރާހިމް ދައުވަތެއް ނުދެ އެވެ. އޭނާ ބޭނުންވީ ރެބޭކާއާ އެކު އެކަނި ދެތިން ދުވަހު މާލޭގައި މަޑުކޮށްލާށެވެ. ސަންޖޭ އަށް އޭނާ އެންގީ ފޯނެއް އަޔަސް އޭނާ މާލޭގައި ނޫޅޭ ކަމަށް ބުނުމަށާއި އޭނާ އާންމުކޮށް ކެއުން ގެންނަ ރެސްޓޯރެންޓަށް މެންދުރާއި ރޭގަނޑުގެ ކެއުމަށް އޯޑަރު ދިނުމަށެވެ.
ހަވީރު ވެގެން އައި އިރު އިބްރާހިމް ފާހާނާ އަށް ވަނެވެ. ސަންޖޭ އުޅުނީ ތިރީގައި ހުރި ރީތި ބަދިގޭގައި ރޭގަނޑަށް ތަށިތައް އަތުރާށެވެ. ރެބޭކާ ފޭބީ ތިރިއަށެވެ. އޭނާ ފެނުމުން ސަންޖޭ ހީލި އެވެ.
ރެބޭކާ ދެން ނުކުތީ ގޯތި ތެރެއަށެވެ. ބީއެމްޑަބްލިޔޫ ކާރު ބާއްވާފައި އޮތް ތަން ނޫން އެހެން ހުރިހާ ހިސާބެއްގައި ހުރީ ތަފާތު ގަސްތައް ހައްދައިފަ އެވެ. ކާރު އޮތް ތަނުގައި ވަނީ މުށި ކުލައެއްގެ ގާ އަތުރައިފަ އެވެ. އޭގެ އަނެއް ފަރާތުގައި ފަނުން ހިޔާކުރި އުނދޯލި ގެއެއް ހުއްޓެވެ. މެންދުރުގެ ވަރަށް ގިނައިރު އޭނާ އާއި އިބްރާހިމް ހޭދަކުރީ އެ އުނދޯލީގައި އެކި ވާހަކަ ދައްކާށެވެ. ކޮފީއެއް ގެނައި ވަގުތު ސަންޖޭ ގާތު އިބްރާހިމް ބުނީ އުނދޯލި ދެކެ ރެބޭކާ ވަރަށް ގަޔާ ވެއްޖެ ކަމަށެވެ.
ގޯތި ތެރެއަށް ރެބޭކާ ނުކުތުމުން ސަންޖޭ ހީކުރީ އުނދޯލީގައި ޖައްސާލަން ދިޔައީ ކަމަށެވެ. ނަމަވެސް ރެބޭކާ މަޑުމަޑުން ގޮސް ހުއްޓުނީ ކާރު ކައިރިއަށެވެ. ކުރީ ފުރޮޅު ކައިރި އަށް ގުދުވެ، ކަނާތުގެ މުށުތެރެއިން އޭނާ ނެގި އެއްޗެއް މަޑުމަޑުން ހަރާލި އެވެ. އެވަރުގެ ކުޑަ އެއްޗެއް އެ ފުރޮޅުގެ ތެރެއަށް އެހާ ފަސޭހައިން ވަދެދާނެ ކަމަށް، އެ މަންޒަރު ފެނުނު މީހަކަށް ގަބޫލު ވެސް ނުކުރެވިދާނެ އެވެ.
ދެ ފުރޮޅަށް އޭތި ހަރާލަން ވިއްސަކަށް ސިކުންތު ވެސް ނުނެގި އެވެ.
ރެބޭކާ ގޮސް އުނދޯލީގައި އިށީނެވެ. އޭނާ ބޭނުންކުރި އެތި، އުނދޯލީގެ ފަހަތުގައި ހުރި ގަސްތަކުގެ ތެރެއަށް އެއްލައިލި އެވެ.
ރޭގަނޑު ކައި ނިމިގެން ރެބޭކާ އެދުނީ ކާރުގައި ބުރެއް ޖަހާލަން ދިޔުމަށެވެ. އިބްރާހިމް ވަރަށް ގަޔާވި އެވެ. ތަށިތައް ނަގާ ނިމިގެން ކާރުގެ ތަޅުދަނޑި ހިފައިގެން ސަންޖޭ އަ އެވެ. ގޯތިތެރެއަށް އިބްރާހިމް ނުކުތީ، ކިނބުލުގެ ހަމުން ހަދާފައިވާ އަގުބޮޑު އަތްދަބަސް ހިފައިގެން ހުރި ރެބޭކާގެ އަތުގައި ހިފަހައްޓައިގެންނެވެ. ސަންޖޭ ކާރަށް އެރުމުން، ގޭގެ މައި ދޮރު ހުޅުވާލައިފައި ރެބޭކާއާ އެކު އިބްރާހިމް މަގުމައްޗަށް ނުކުމެ، ދުވާރު މަތީ މަޑުކޮށްލި އެވެ. ކާރު އިސްޓާޓްކުރި އަޑުއިވުނެވެ. އޭރު ގޭ ދޮރު ކައިރީގައި ޓެކްސީއެއް ވެސް، ކުރިމަތީ ދެ ލައިޓް ދިއްލައިގެން އޮތެވެ. އިބްރާހިމް އެ ޓެކްސީއާ ދިމާއަށް ބަލައިލި އެވެ.
އެވަގުތު ސަންޖޭ ދޮރުން ނުކުމެ، ކާރުގެ ދެ ފުރޮޅުގައި ވައި ނެތް ވާހަކަ ބުންޏެވެ. ރެބޭކާ އަށް އެ ވާހަކަ އިބްރާހިމް ތަކުރާރުކޮށްދިނެވެ. އޭނާ އެއްވެސް ޖެހިލުމެއް ނެތި އެހީ ޓެކްސީއެއް ނުލިބޭނެތޯ އެވެ. ސަންޖޭ މަޑުކޮށްލީ އިބްރާހިމްގެ ނިންމުމަކަށެވެ.
"ޓެކްސީއަކަށް ފޯނުކުރަންވީނު؟" އިބްރާހިމް ބުންޏެވެ.
އެވަގުތު ގޭ ކައިރީގައި އޮތް ޓެކްސީ ސަންޖޭ އަށް ފެނުނެވެ. އޭރު އެތެރޭގެ ބޮކި ދިއްލައިގެން ޑްރައިވަރު އިނީ ފައިސާ ގުނާށެވެ. ކާރުގެ ދޮރު ކައިރި އަށް ޖެހިލާފައި ދަތުރެއް ކުރެވިދާނެތޯ ސަންޖޭ އެހި އެވެ. ގުނަން އިން ފައިސާތަކުން ނަޒަރު ނައްޓާނުލައި، ޑްރައިވަރު ބުނީ އެރުމަށެވެ.
އިބްރާހިމާއި ރެބޭކާ ކާރުގެ ފަހަތު ގޮނޑީގައި އިށީނެވެ.
"މާލެ ވަށައި އަތިރި މަތިން ގޮސް، ބްރިޖްގައި ވެސް ބުރެއް ޖަހާލަން ބޭނުންވަނީ،" އިބްރާހިމް ބުންޏެވެ.
"ދެވިދާނެ،" ލާރިތައް ވޮލެޓަށް ލައި، ޖުއްބާގެ އަރިމަތީ ޖީބަށް ވައްޓާލަމުން ނާވިޝް ބުންޏެވެ. ދެން ކާރު ދުއްވާލި އެވެ.
މާލޭގެ އެކި ތަންތަން ރެބޭކާ އަށް ކިޔައިދެމުން އިބްރާހިމް ގެންދިޔަ އެވެ. ބްރިޖް ހެދުމުން ދޯނީގައި ހުޅުލެ އަށް ދާ މީހުން މަދު ނަމަވެސް ފެރީ ޓާމިނަލްގައި އަބަދުވެސް ފެރީ އޮވެ އެވެ. އެހާ ހިސާބަށް ކާރު ދިއުމުން ރެބޭކާ އެދުނީ މަޑުކޮށްލާފައި އެތަނުގެ މައުލޫމާތު ދިނުމަށެވެ. އެއީ ކުރިން މާލޭގެ އެންމެ ބިޒީ ސަރަހައްދު ކަމާއި އެކަމަކު ބްރިޖާ އެކު ގިނަ މީހުން އެއާޕޯޓަށް ދަނީ އެއްގަމުން ކަމަށް އިބްރާހިމް ބުންޏެވެ.
"ހާދަ ތަފާތު އެއްޗެއް އެއީ،" ފުރަން ތައްޔާރުވެފައި އޮތް ދޯންޏަށް އިޝާރަތްކޮށްފައި ރެބޭކާ ބުންޏެވެ.
"އެއީ ދިވެހިންގެ މުސްކުޅި އުޅަނދު،" އިބްރާހިމް ޖަވާބު ދިނެވެ.
އެހާ ހިސާބުން ރެބޭކާ ދޮރު ހުޅުވާލާފައި ނުކުމެ، ދޯނި ބަލާލައިފައި މި އަންނަނިއްޔޭ ބުނެ، މަޑުމަޑުން ދޮރު ލެއްޕި އެވެ. އެވަގުތު ނާވިޝް ޖީބުން ނެގީ، ނޭފަތުގެ ބައްޓަމަށް ހަދާފައި އޮތް ކުޑަކުޑަ އެއްޗެކެވެ. އަވަސް ހަރަކާތަކާ އެކު އޭނާގެ ނޭފަތުގައި އެ ހަރުކޮށްލި އެވެ.
ރެބޭކާ ގޮސް ތޮށިގަނޑު މައްޗަށް އަރާ، ފަޅުވެރިޔަކާ ވާހަކަ ދައްކަން ފެށި އެވެ. އިރުއިރުކޮޅުން ކާރާ ދިމާއަށް ވެސް ބަލައިލަ އެވެ. އިބްރާހިމް އިނީ ހިނިތުންވެފަ އެވެ. އެކަމަކު ކުއްލިއަކަށް އޭނާގެ ކަޅި ވެއްޓޭކަން އިހުސާސްވި އެވެ. ކާރުގެ ބިއްލޫރިގަނޑު ފުސްވެ، ރެބޭކާ ވެސް މަޑުމަޑުން އޭނާގެ ލޯމަތިން ގެއްލެމުން ދާހެން ހީވި އެވެ. މޭނުބައި ކުރާ ގޮތް ވުމާ އެކު އޭނާ އަށް ގޮނޑީގެ ފަހަތުގައި ބޯ ޖައްސާލެވުނެވެ.
ނާވިޝް ކާރު ނައްޓާލި އެވެ. (ނުނިމޭ)