09 ޖެނުއަރީ 2018 - 11:57

ޑާކާ (ޖެނުއަރީ 9) - ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް މީހުންނާ ކައިވެނި ކުރުން މަނާކޮށްފައި އޮތް ގާނޫނަށް އެ ގައުމުގެ ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ރޮހިންޖާ ރެފިއުޖީން ބަންގްލަދޭޝް މީހުންނާ ކައިވެނި ކުރުން މަނާކުރީ 2014 ވަނަ އަހަރު އެވެ. ބަންގްލަދޭޝް ސަރުކާރުން ބުނެފައި ވަނީ އެފަދަ ކައިވެނިތައް ކުރަނީ ރޮހިންޖާ މީހުން ބަންގްލަދޭޝްގެ ރަށްވެހިކަން ހޯދަން ކަމަށެވެ.
މިއަންމާ އިން މިދިޔަ އަހަރު ވަނީ ބައި މިލިއަނަށް ވުރެ ގިނަ ރޮހިންޖާ މީހުން ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ.
ރޮހިންޖާ މީހުންނާ ކައިވެނި ކުރުމަށް ފަހު ބަންގްލަދޭޝްގެ ބައެއް މީހުން ފިލައިގެން އުޅޭ ކަމަށް ވެސް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފަ އެވެ. މި ގޮތަށް ފިލައިގެން އުޅޭ ދެމަފިރިއެއްގެ ފަރާތުން ޑާކާ ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ވަނީ 2014 ވަނަ އަހަރުގެ ގާނޫނަށް ތާއީދުކޮށްފަ އެވެ. އެކަމަކު ބަންގްލަދޭޝްގެ މީހުންނަށް ކްރިސްޓިއަނުންނާއި އެހެން ދީންތަކުގެ މީހުންނާ ކައިވެނި ކުރެވޭ އިރު ރޮހިންޖާ މީހުންނާ ކައިވެނި ނުކުރެވެންވީ ކީއްވެތޯ ދަނީ ސުވާލު އުފައްދަމުންނެވެ.
ފުލުހުން ބުނީ ރޮހިންޖާ މީހުންނާ ކައިވެނި ކުރާ ބަންގްލަދޭޝްގެ މީހުންނަށް ހަތް އަހަރު ޖަލު ހުކުމެއް އަންނާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.