09 ޖެނުއަރީ 2018 - 12:20

ގދ. ހޯޑެއްދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ރޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހޯޑެއްދޫ އިންޖީނުގޭގެ ތިޖޫރީ ވަގަށް ނެގިއިރު، ބައި ލައްކައެއްހާ ރުފިޔާ ހުންނާނެ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު އެ ފެނުނު އިރު ހުރީ ވަކި ލާރިކޮޅެއް އެކަންޏެވެ.
ފުލުސް އޮފީހުން ބުނީ ވަގަށް ނެގި ފައިސާތައް ހޯދަމުން އަންނަ ކަމަށެވެ.
ތިޖޫރި ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ. ނަމަވެސް އެ ވަގަށް ނެގި އިރެއް އެއްވެސް މީހަކަށް ނޭނގެ އެވެ.
ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒު ވިދާޅުވީ، ފެނަކައިން ހިންގާ އިންޖީނުގޭގެ ތިޖޫރި ގެއްލުނީ ޕެނަލް ރޫމު ތެރޭގައި ބަހައްޓާފައި ހުއްޓާ ކަމަށެވެ.
މިއީ އެ ރަށު އިންޖީނުގޭ ތިޖޫރި ވަގަށް ނެގި ދެ ވަނަ ފަހަރެވެ.