ކުޅުންތެރިޔެއްގެ ގޮތުގައި ހޯދި ކާމިޔާބީގެ ހިމާޔަތެއް ނެތް: ޒިދާން
ކުޅުންތެރިޔެއްގެ ގޮތުގައި ހޯދި ކާމިޔާބީގެ ހިމާޔަތެއް ނެތް: ޒިދާން

މެޑްރިޑް (ޖެނުއަރީ 9) – ކުޅުންތެރިޔެއްގެ ގޮތުގައި ރެއާލް މެޑްރިޑުގައި ހޯދާފައިވާ ކާމިޔާބީތަކުން އޭނާ އަށް ކޯޗެއްގެ ގޮތުގައި ހިމާޔަތް ލިބިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އޭނާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ކޯޗެއްގެ ގޮތުގައި ވެސް އެ ކާމިޔާބީ އޭނާ ވަނީ ތަކުރާރުކޮށްފަ އެވެ. އެކަމަކު މި ސީޒަނުގެ ސްޕެނިޝް ލީގުގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުން އޭނާ އަށް ވަނީ ކޮންމެވެސް ވަރަކަށް ޕްރެޝަރާ ކުރިމަތިލާން ޖެހިފަ އެވެ. އެ ޓީމު ހަތަރު ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ 16 ޕޮއިންޓް ތަފާތަކާ އެކު އެވެ. އެ ޓީމަށް މި ސީޒަނުގައި ދެން ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ކުޑަ އެވެ.

"ޒައިނުއްދީން ޒިދާނަކީ މިހާރު ރެއާލް މެޑްރިޑުގެ ކުޅުންތެރިޔެއް ނޫން. އެ ޒިދާން މިހާރު ވުޖޫދަކު ނެތް،" އޭނާ ބުންޏެވެ. "މިހާރު ކޯޗު ޒައިނުއްދީން ޒިދާނަށް އޮތީ އޭނާގެ ކެރިއަރު ބައްޓަން ކުރުން. އަހަރެން ކުޅުންތެރިޔެއްގެ ގޮތުގައި މި ކްލަބުގައި ހޯދި ކާމިޔާބީތަކުގެ ހިމާޔަތެއް ނެތް."

ޒިދާން ބުނީ ކޮންމެވެސް ދުވަހަކު އޭނާގެ ވަޒީފާ ނިމުމަކަށް އަންނާނެކަން އެނގޭ ކަމަށާއި އެހެންވެ ކާމިޔާބީ ކޯޗަކަށްވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާ ކަމަށެވެ.

"އަހަރެން އަމިއްލަ ނަފުސަށް ބުނަން؛ އަހަންނަށް މިތަނުގައި ބާކީ 10 ދުވަސް އޮތިއްޔާ އަހަރެން އެ 10 ދުވަހުގެ ބޭނުން އެންމެ މަތީ މިންވަރަށް ހިފާނަމޭ. އަހަންނަށް އޮތީ ހަ މަސް ނަމަ އެ ހަ މަސް ދުވަހުގެ ބޭނުން ވެސް އެންމެ ރަނގަޅަށް ހިފާނަން. އެއަށް ވުރެ ދުރަށް އަހަރެން ނުވިސްނަން،" ޒިދާން ބުންޏެވެ. "އަހަންނަށް އެނގޭ އަހަރެން މި ވަޒީފާގައި 10 އަހަރު ނުހުންނާނެކަން."