އެކްސިޑެންޓް ހިނގުމުން މި ހެލްމެޓުން އަންގައިދޭނެ
އެކްސިޑެންޓް ހިނގުމުން މި ހެލްމެޓުން އަންގައިދޭނެ

ދުއްވާއިރު ހެލްމެޓް އެޅުމަކީ އަހަރެމެން ގަޔާވާ ކަމަކަށް ނުވިޔަސް އެހެން ބައެއް ގައުމުތަކުގައި މިއީ މަޖުބޫރު ކަމެކެވެ. އަދި އެ މީހުން އަންނަނީ ހެލްމެޓަށް ވެސް ޒަމާނީ ބަދަލުތައް ގެންނަމުންނެވެ.

ޕާކިސްތާނުގެ ބާޒާރަށް ނެރެން މިހާރު ތައްޔާރުވަމުން އަންނަ "ހެލީ" ހެލްމެޓަކީ އެކްސިޑެންޓެއް ވެއްޖެ ނަމަ އެސްއެމްއެސް އަކުން އެކަން އާއިލާއަށް އަންގައިދޭ ގޮތަށް ފަރުމާކޮށްފައިވާ ހެލްމެޓެކެވެ. މީގެ އިތުރުން ހިތުގެ ހިނގުން ވެސް ބަލައިދޭނެ އެވެ. މީގެ އިތުރުން މައިކަކާއި ސްޕީކަރަކާއި ބްލޫޓޫތުން މި ހެލްމެޓާ ގުޅެން ވެސް ހުރެއެވެ. އަދި ކުރިމަތިން ފެންނަ މަންޒަރުތައް ރެކޯޑްކުރެވޭ ކެމެރާއަކާއި ޖީޕީއެސް ބެލޭނެ ގޮތްވެސް ހުރެއެވެ. ހެލީ ހެލްމެޓް މަސައްކަތްކުރާނީ މިއަށް ހާއްސަ އެޕެއްގެ އެހީގައެވެ.

މަގުމައްޗަށް ނުކުމެ ދުއްވަން ފެށުމުން ފޯނަށް ޖަވާބު ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. ބައެއް ހާލަތްތަކުގައި އެއީ ރައްކާތެރިކަމެއް ވެސް ނޫނެވެ. އެކަމަކު ހެލީ ހެލްމެޓްގައި ބްލޫޓޫތުން އެމީހެއްގެ ސްމާޓްފޯނާ ގުޅިފައި ހުންނާތީ ހެލްމެޓްގައި ހުންނަ ސްޕީކަރާއި މައިކުން ފޯނަށް ޖަވާބުދެވެއެވެ.

ހެލީ ހެލްމެޓް އުފައްދާފައި ވަނީ ގޯޅި އަޅާ ދިމާ އަންގައިދޭ ބޮކިތަކާ ވެސް އެކުގައެވެ. ވެއްޓިއްޖެ ނަމަ އިމަޖެންސީ އެހީދޭ ފަރާތްތަކާ ގުޅައިދޭއިރު އެކްސިޑެންޓްވި ހިސާބު ޖީޕީއެސް އިން އަންގައިދެއެވެ.

ހެލީ ހެލްމެޓް ފަރުމާކުރަމުން އަންނަނީ ޕާކިސްތާނުގެ ކުންފުންޏެއްކަމަށްވާ ލެޓްސް އިނޮވޭޓުންނެވެ. މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވަގާސް ޚަލީލް ބުނާ ގޮތުގައި މީގެ ހެލްމެޓް އުފައްދަން ޚިޔާލުކުރީ މައިގަނޑު ދެ ސަބަބަކަށްޓަކައެވެ. އެއީ ސައިކަލު ދުއްވާ މީހުންނަށް ފޯނުން ގުޅޭނެ ގޮތެއް ހޯދުމަށާއި ދުއްވާ މީހާގެ ރައްކާތެރިކަމަށްޓަކައެވެ.

މީގެ ހެލްމެޓް ފަރުމާކުރަމުން އަންނަނީ އެންމެ އާދައިގެ މުސާރައެއް ލިބޭ މީހަކަށް ވެސް ގަނެވޭ ފެންވަރަށެވެ. މިވަގުތު ކުރިއަށްދަނީ ހެލްމެޓް ޓެސްޓުކުރުމުގެ މަސައްކަތެވެ. ހުރިހާ ކަމެއް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ނަމަ މި އަހަރުގެ މެދުތެރޭގައި ހެލީ ހެލްމެޓް ބާޒާރަށް ނެރެވޭނެއެވެ. އެ ކުންފުނިން ލަފާކުރަނީ މީގެ ހެލްމެޓެއް 70 ޑޮލަރާއި 150 ޑޮލަރާ ދެމެދުގެ އަގެއްގައި ވިއްކޭނެ ކަމަށެވެ.