ބާސެލޯނާ އަށް ބަދަލުވުމާ ވަރަށް ގާތަށް ދިޔައިން: ޕިރްލޯ
ބާސެލޯނާ އަށް ބަދަލުވުމާ ވަރަށް ގާތަށް ދިޔައިން: ޕިރްލޯ

ލަންޑަން (ޖެނުއަރީ 9) – އޭސީ މިލާނަށް 2010 ވަނަ އަހަރު ޒަލަޓާން އިބްރަހިމޮވިޗް ބަދަލުވި އެއްބަސްވުމުގެ ދަށުން، އޭނާ ބާސެލޯނާ އަށް ބަދަލުވުމާ ވަރަށް ގާތަށް ދިޔަ ކަމަށް އަންދްރޭ ޕިރްލޯ ބުނެފި އެވެ.

ބާސެލޯނާގައި އެންމެ ސީޒަނެއް ހޭދަކުރުމަށް ފަހު އިބްރަހިމޮވިޗް 2010 ވަނަ އަހަރު މިލާނަށް ބަދަލުވީ ލޯނެއްގެ ދަށުންނެވެ. އެއް ސީޒަނަށް ފަހު މިލާނުން ކޮންޓްރެކްޓް ދާއިމީކުރީ އެވެ.

"ބާސެލޯނާއާ އެކު އިބްރަހިމޮވިޗުގެ ޓްރާންސްފާގެ ވާހަކަތައް ކުރިއަށްދިޔަ، އަދި އޭރު އޮތީ އިބްރަހިމޮވިޗް މިލާނަށް އަންނައިރު ބަދަލުގައި އަހަރެން ބާސެލޯނާ އަށް ބަދަލުވާ ގޮތަށް،" ޕިރްލޯ ބުންޏެވެ. "އެކަމަކު ނިމުނުއިރު ހަމައެކަނި އިބްރަހިމޮވިޗް މިލާނަށް ބަދަލުވާ ގޮތަށް ހަމަޖެހުނީ."

ޕިރްލޯ ބުނީ ބާސެލޯނާ އަށް ބަދަލުވެވުނު ނަމަ އެކަން ވެގެންދިޔައީހީ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ކަމަށާއި އެކަމަކު އޭނާ މިލާނުގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. އެ ފަހަރު އިބްރަހިމޮވިޗާ އެކު މިލާނުން އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ.

މިލާނާއި ޔުވެންޓަސްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޕިރްލޯ ވަނީ ބާސެލޯނާގެ އިތުރުން ރެއާލް މެޑްރިޑާއި ޗެލްސީ އަށް ބަދަލުވުމާ ގާތަށް ވެސް ގޮސްފަ އެވެ. އިޓާލިއަން ލީގު ފިޔަވައި އޭނާ ކެރިއަރުގައި ދެން ކުރި ތަޖުރިބާއަކީ އެމެރިކާގެ މޭޖާ ލީގެވެ.