11 ޖުލައި 2016 - 21:21

"މައުލޫމާތެއް" ސާފުުކުރަން ކަމަށްބުނެ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިރޭ ޕޮލިހަށް ގެންގޮސްފި އެވެ.
އޭނާ ޕޮލިހަށް ގެންގޮސްފައިވަނީ އެމްޑީޕީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބާއްވާ ރެލީއަށް ދިއުމަށް ގެއިން ނިކުތްތަނާ އޭނާ ދިރިއުޅުއްވާ ގޭ ކައިރިން ކަމަށް ވެ އެވެ.
ފުލުހުންގެ ތަރުޖަމާނަކު ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ތަރުޖަމާނު ވިދާޅުވީ ޝިފާޒު ޕޮލިހަށް ހާޒިރުކުރީ މައުލޫމާތެއް ސާފުކުރަން ކަމަށެވެ. ނަމަވެސް އެއީ ކޮންކަމަކާ ގުޅުންހުރި މައުލޫމާތެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެމްޑީޕީގެ ހިނގާލުން މި ބާއްވަނީ އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ޕޮލިހުން ބުނެފައި ވަނިކޮންނެވެ. ފުލުހުން ކުރިން ބުނީ ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިތައް ކުރިމަތިވެ އެކަމުގެ ޝަކުވާ ހުށަހެޅެމުން ދާތީ މަގުމަތީގައި ސިޔާސީ ހަރަކާތްތައް ހިންގަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށެވެ.