02 ފެބުރުއަރީ 2018 - 10:37

ކުރާ ކޮންމެ ކަމެއްގެ މަންޒަރު ހަނދާނަކަށް ރައްކާކުރަން ބޭނުންވާ މީހުން ވަރަށް ގިނައެވެ. ސްމާޓްފޯނުތަކުގެ އެހީގައި މިކަން ކުރެވެއެވެ. އެކަމަކު ގިނަ ތަކުލީފުތަކެއް އުފުލަންނުޖެހި އެކަން ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އިނގިލިން ކޮށްޓާލައިގެން މަސައްކަތްކުރާނެ އަސްލު ކެމެރާއެއް ގެންގުޅުމެވެ.
ޖީބަށް ލެވެންޏާ ވަރަށް ފަސޭހައެވެ. ހެދުމުގައި ހަރުކޮށްލެވެންޏާ އެއަށްވުރެ ފަސޭހައެވެ. ދުއްވާ އެއްޗެއްގައި އަޅުވާލެވެންޏާ އަދި އެއަށް ވުރެ ފަސޭހަވާނެ އެވެ. މެދުކެނޑުމެއްނެތި 5 ގަޑިއިރުވަންދެން ރިކޯޑުކުރެވެންޏާ އެވަރެއް ނެތެވެ. މީގައި 128 ޖީބީ ރައްކާކުރެވެއެވެ.
ކެޕްލީ އެކްޝަން ކެމެރާއަކީ އަަލަށް ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނަ ކެމެރާއެކެވެ. ކުޑަކުޑަ ކެޕްސޫލް ބޭސްގުޅައެއްގެ ބައްޓަމަށް އޮންނަ މީގެ ކެމެރާއަކީ ބެޓެރިން މަސައްކަތްކުރާ އެއްޗެކެވެ. އެއް ފަހަރު "ޓެޕް"ކޮށްލީމަ ފޮޓޯ ނެގެއެވެ. ދެފަހަރު "ޓެޕް"ކޮށްލީމަ ވީޑިޔޯ ނެގެއެވެ. އަދި 10 މީޓަރުގެ ރޭންޖަކުން އަޑު ނަގައިދެއެވެ. އިނގިލިން ޖައްސާލުމުގެ އިތުރުން އަޑަށް ނުވަތަ ދައްކާ ވާހަކައަށް ވެސް މިކެމެރާ މަސައްކަތްކުރެއެވެ.
ކެޕްލީ ކެމެރާ ގެންގުޅެން ފަސޭހައަކަށް މިއާ އެކު ވަކިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ކަރުގައި އަޅުވާ ވާކޮޅާއި ޖީބުގައި ހަރުކުރެވޭ ގޮތަށް ކްލިޕާއި ޗާޖުކުރަން ބަހައްޓާ ބުޑުގަނޑާއި ޔޫއެސްބީ ޕޯޓަށް ޖަހާ ވާކޮޅާއި ކަވަރު ހިމެނެއެވެ. ކެޕްލީ އުފައްދާ ކުންފުނިން އުއްމީދުކުރަނީ މި އަހަރުގެ އޮގަސްޓްގައި މީގެ ކެމެރާ ބާޒާރަށް ނެރެވޭނެ ކަމަށެވެ.