09 ޖެނުއަރީ 2018 - 10:40

ބާސެލޯނާ (ޖެނުއަރީ 9) – ބާސެލޯނާއާ އަލަށް ގުޅުނު ފިލިއްޕޭ ކުޓީނިއޯގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އޭނާ އަށް އެންމެ އަވަހަށް ވެސް އެ ޓީމަށް ކުޅެދެވޭނީ ތިން ހަފުތާ ފަހުންނެވެ.
ލިވަޕޫލުން 160 މިލިއަން ޔޫރޯ އަށް ބާސެލޯނާ އިން ގަތް ކުޓީނިއޯ ވަނީ އެ ކްލަބާ އެކު އިއްޔެ ފަސް އަހަރާ ބައިގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އަދި އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ އިއްޔެ ވަނީ ރަސްމީކޮށް ތައާރަފްކޮށްފަ އެވެ.
ބާސެލޯނާ އިން ބުނީ ލިވަޕޫލުގައި ހުރިއިރު ދިމާވެފައިވާ ފަލަމަސްގަނޑުގެ އަނިޔާއަކާ ގުޅިގެން އޭނާ ކުރިއަށް އޮތް 20 ދުވަހު ޓީމު ސިލެކްޝަނުގައި ނުހިމެނޭނެ ކަމަށެވެ. އުމުރުން 25 އަހަރުގެ ކުޓީނިއޯ އަށް ލިވަޕޫލުގައި ހުރިއިރު، ބާންލީއާ ދެކޮޅަށް ކުޅުނު މެޗާއި އެވަޓަން މެޗު ނުކުޅެ އެވެ. އޭރު ބެލެވިފައި އޮތީ އޭނާ އެ މެޗުތަކުގައި ނުކުޅުނީ ބާސެލޯނާ އަށް ބަދަލުވާން އުޅޭތީ ކަމަށެވެ.
ކުޓީނިއޯ މި ސީޒަނުގައި ބާސެލޯނާ އަށް ކުޅެދެވޭނީ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕުގައި އެކަންޏެވެ. ޗެމްޕިއަންސް ލީގުގައި ނުކުޅެވޭނީ، އެ މުބާރާތުގައި މި ފަހަރު ލިވަޕޫލަށް ކުޅެފައިވާތީ އެވެ.