30 ޖެނުއަރީ 2018 - 06:42

ސެކިޔުރިޓީ ސިސްޓަމްތަކަކީ މިހާރު ވަރަށް ފަސޭހައިން ލިބެން ހުންނަ ބާވަތްތަކެކެވެ. އެމީހެއްގެ އަތް ފޯރާ އަގުގައި ވެސް ބައެއް ސިސްޓަމްތައް ލިބެން ހުރެއެވެ. އެކަމަކު މީގެ ގިނަ ސިސްޓަމްތަކަކީ އިންސްޓޯލްކުރަން އެންމެ އާދައިގެ މީހާއަށް ފަސޭހަ ސިސްޓަމްތަކެއް ނޫނެވެ.
ބްލިންކް ކުންފުނިން އުފެއްދި ބްލިންކް ވީޑިޔޯ ޑޯބެލްއަކީ ގިނަ ނަރުތަކެއްގެ އެހީއާ ނުލައި އިންސްޓޯލްކުރެވޭ ސިސްޓަމެކެވެ. ކޮންމެ ތާކު ހުރެގެން ވެސް ގޭގެ ދޮރުމަތީގައި ވާނުވާ ދެނެގަނެވޭނެ ސިސްޓަމެކެވެ.
ބްލިންކް ވީޑިޔޯ ޑޯބެލް ބޭނުން ތާކު ހަރުކުރެވެއެވެ. ކުރީގެ ސިސްޓަމެއްގެ ނަރުތަކާ ވެސް ގުޅުވާލެވެއެވެ. ގޭގެ ވައިފައިއާ ގުޅާލީމާ އެހިސާބުން އެހެރީ އިންސްޓޯލްވެފައެވެ.
ގޭދޮރު މައްޗަށް މީހަކު އަރައިފިއްޔާ ކާކުތޯ، ކީއްކުރަންތޯ އަހާލެވެއެވެ. އަދި އެމީހަކު އައި ބޭނުމެއް ގޭގެ ވެރިފަރާތަށް އަންގަން ޖަވާބުދާރީވެވެން ވެސް ހުރެއެވެ. އަނގައިން ނުބުންޏަސް ކިރިޔާ ދޮރުމަތީގައި ހިލަމެއް ވިޔަސް މީގެ އެޕްގެ އެހީގައި ވެރިމީހާގެ ސްމާޓްފޯނަށް އަންގައިދެ އެވެ. ބޭނުން ނަމަ، ދޮރުމަތީގައި ވަމުންދާ ކަންތައް ސާފު، ހައިޑެފިނިޝަން ފެންވަރުގައި ފޯނުން ބަލައިލެވެއެވެ. އަދި އެ މަންޒަރުތައް ރިކޯޑު ވެސް ކުރެވެއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ވެސް ނައިޓް ވިޒަންގެ އެހީގައި މި ސިސްޓަމުން ބަރާބަރަށް މަންޒަރު ނަގައިދެއެވެ.
ފެން އެޅުނަސް ހަލާކުނުވާ ގޮތަށް އުފައްދާފައިވާ ބްލިންކް ވީޑިޔޯ ޑޯބެލް މަސައްކަތްކުރަނީ އާދައިގެ ދެބުރި ބެޓެރިންނެވެ. ޑަބްލް އޭ ސައިޒްގެ ދެ ބުރި ބެޓެރީން ދެ އަހަރު ދުވަހު ހިފަހައްޓައިދޭނެކަމަށްވެއެވެ. 129 ޑޮލަރަށް މިހާރު ވިއްކަން ހުރި މި ސިސްޓަމަށް އިތުރު ޚަރަދުތަކެއް ނުހިނގައެވެ.