މަސައްކަތްކުރާ ތަނަކީ މިހާރު ހަމައެކަނި އޮފީހުގެ މޭޒެއް ނޫނެވެ. ދާ ކޮންމެ ތަނެއްގައިވެސް މިހާރު މަސައްކަތްކުރެވެއެވެ. ދަތުރަކު ދިޔަސް، އެހެން ބޭނުމަކު ރަށުން ބޭރަށް ދިޔަސް ލެޕްޓޮޕް ހިފައިގެން ދިޔުމަކީ މީހުންގެ އާދައަކަށް ވެއްޖެ އެވެ. މިގޮތަށް ދަތުރު ކުރާ ނަމަ ލެޕްޓޮޕަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހެއެވެ. މި ކަމަށް ހައްލެއް ގެނެސްދެނީ ސްކްރަބާ އެއާ ސްލީވްއެވެ.

ސްކްރަބާ އެއާ ސްލީވްއަކީ އާދައިގެ ލެޕްޓޮޕް ދަބަހެއް ނޫނެވެ. މިއީ އެތައް ބޭނުންތަކެއް ފުއްދައިލެވޭ އެއްޗެކެވެ. ގަދަ ކަނޑެއްގައި ދަތުރުކުރަން ޖެހުނަސް މީގެ ދަބަހަކަށް ލެޕްޓޮޕް ލާފައި އޮތިއްޔާ އެއްވެސް ހާސްކަމެއް ނެތެވެ. މަތިންދާބޯޓަށް އަރުވަން އުޅުމުގެ ތެރޭގައި މަތީ ކޮމްޕާޓްމަންޓަކުން ވެއްޓުނަސް ލެޕްޓޮޕް އޮންނާނީ ފުރިހަމަ ރައްކާތެރިކަމާއެކުއެވެ.

ސްކްރަބާ އެއާ ސްލީވް އުފެއްދީ ޒިބު ދަމާލާފައި ލެޕްޓޮޕް އޭގެ ތެރޭގައި ބޭއްވުމަށް ފަހު ދަބަހުގެ ބޭރުގައި ހުންނަ އުނގުރި ހުޅުވާލީމާ އަމިއްލައަށް ފުފޭ ގޮތަށެވެ. އުނގުރި ހުޅުވާލާފައި ބޭނުން ވަރަކަށް ވައިޖަހައިގެން އިތުރަށް ފުއްޕާލަންވީއެވެ. މާބޮޑަށް ވަރުބަލިވެފައި ހުރިއްޔާ، ފުއްޕާލި ދަބަހުގައި ބޯއަޅާލައިގެން ނިދާލަންވީއެވެ. މިހާރު އެއީ ލެޕްޓޮޕް ދަބަހެއް ނޫނެވެ. ލެޕްޓޮޕް ބާލީހެކެވެ.

ސްކްރަބާ އެއާ ސްލީވް މިހާރު ވިއްކަނީ ދެ ކުލައަކުންނެވެ. އަދި ފަސް ސައިޒެއް އެބަހުއްޓެވެ. ސައިޒްތައް އަމާޒުކޮށްފައިވަނީ މެކް ބްރޭންޑަށް ވިސްނައިގެންނެވެ. ޓެބްލެޓުން ފެށިގެން 12 އިންޗިއާއި 16 އިންޗިއާ ދެމެދުގެ ސްކްރީން ހުންނަ ވަރުގެ ލެޕްޓޮޕް ލެވޭ ވަރުގެ ބާލީސް ވިއްކަން އެބަހުއްޓެވެ.