ފަސް ކޫރުން
ފަސް ކޫރުން

އާދިއްތަ ދުވަހާ ގުޅޭ

"ކަލޭ ގޮސް ދޮންތަޔާ ސަމާސާ ކޮށްބަލަ ސައިކޯގަނޑާ!" އަހަރެން ބުނީމެވެ. "ކީއްކުރަން މަގޭ ގައިގަ އަތްލަނީ؟"

"އަހަރެންތަ ސައިކޯއަކީ؟" ހީނގެންފައި މަލާމާތުގެ ރާގަކަށް މުބާހު ބުންޏެވެ. "ކިހާ ރީތި؟ ތިމާގެ ސައިކޯކަމުން ތި އުޅެނީ އިންނާނެ މީހަކު ނުވެގެން. ރައްޓެހިވާތާ ދެވަނަ ދުވަހު ތި އޮންނަނީ ރުޅިވާން ޖެހިފަ. އަހަރެންނެއް ނޫނޭ މައްސަލައަކީ. ހަނާ މައްސަލައަކީ. ފިރިހެނަކު ގައިގަ އަތްލާއިރަށް ހަނާއަށް ހީވަނީ ކަރަންޓުގަ ޖެހޭހެން. އެއީ މައްސަލައެކޭ."

އަހަންނަކަށް އެ ތާކު ނީނދެވުނެވެ. ތެދުވެގެން ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ތަންޑުއެޅީމެވެ. މުބާހު ބުނީ ތެދެއް ހެއްޔެވެ؟ އަހަރެންގެ ކޮންމެވެސް މައްސަލައެއް ހުރީ ހެއްޔެވެ؟ ޑޮކްޓަރަށް ދައްކަންވީ ހެއްޔެވެ؟ ފަރުވާ ހޯދަންވީ ހެއްޔެވެ؟ އަހަރެން ގުޅީ ސަމީރާއަށެވެ. އެ ކަހަލަ ވާހަކައެއް ހިއްސާ ކުރާނެ އެހެން މީހަކު ނުހުރެއެވެ.

"ހަނާ ގަބޫލުކޮށްފާނެ ކޮންމެ ފަދަ ވާހަކައެއް ވެސް،" ސަމީރާ ބުންޏެވެ. "ހަނާގެ ނެތް އެއްވެސް މައްސަލައެއް. އަހަންނަށްތާ އެނގޭނީ ލައިފެއް ފަށަން ހަނާ ތި ކުރާ މަސައްކަތް."

"އެކަމަކު އަހަންނާ ހެދިއެއްނު ކޮންމެ ފަހަރަކު ވެސް.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"ހަނާޔާ ދިމާވާ ފިރިހެނުންގެ ގޮތްކުޑަކަމުން އެ މީހުންނާ ގުޅުން ކަނޑާލަން ޖެހެނީ،" ޔަގީންކަމާ އެކުގައި ސަމީރާ ބުންޏެވެ. "އިރާދަކުރެއްވިއްޔާ ވަރަށް ލޯބިވާ މީހަކާ އަދި ދިމާވާނެ. މިހެން ވިސްނާ. ހަނާއަށް އެ މީހުން ގެއްލެނީކީ ނޫނޭ. އެ މީހުންގެ ނަސީބުގަ ހަނާ ނެތީ. މުބާހު ދައްކާ ވާހަކައަށް ނުހެއްލޭތި! އޭނަ އެ އުޅެނީ އޭތިމީތި ކިޔައިގެން ހަނާގެ ފަރާތުން އެޑްވާންޓޭޖު ނަގަން."

އަހަރެންގެ ސިކުނޑި ހަމަޔަކަށް އެޅުނެވެ. އެކަމަކު އެކި ފަހަރުމަތިން މުބާހު ދައްކާ ވާހަކަތައް އަހަރެންގެ ސިކުނޑިން ފިލައިގެނެއް ނުދެއެވެ. ދޮންތަ ފެނުނަސް މުބާހުގެ ހިތުގެ ވިންދު އަވަސް ނުވާ ވާހަކަ އެއީ ތެދެއް ހެއްޔެވެ؟ އަހަރެން ދެކެ މުބާހު ލޯބިވަނީ ހެއްޔެވެ؟ ހިތަކީ އަމިއްލަ ބާރު ފޯރާ އެއްޗެއް ނޫނެވެ. ހިތަށްއަރާ އެއްޗެއްސަކީ އެހެން މީހަކަށް އެނގޭނެ އެއްޗެއް ނޫނެވެ. އެއްވެސް ބިރެއް ނުވަތަ ލަދެއް ނެތި ހިތާ ވާހަކަދެއްކީ އެހެންވެއެވެ. މުބާހުގެ ލޯބި އަހަރެން ތަޖުރިބާ ކުރަންވީ ހެއްޔެވެ؟ އުމުރުގެ ގޮތުން ވެސް އޭނަ އެއްވަރީ އަހަންނާއެވެ. ދޮންތައަކާ ނޫނެވެ. އުޅެންޖެހެނީ މުބާހާ އެއް ގެޔެއްގައެވެ. ކޮންމެ ދުވަހަކު އެތަކެއް ފަހަރަކު ދިމާވެއެވެ. ނަފުރަތުގެ ބާބު ނިންމައިލައިފައި ލޯބީގެ އާ ބާބެއް ހުޅުވަންވީ ހެއްޔެވެ؟ ރަނގަޅީ އެ ގޮތް ހެއްޔެވެ؟

ހަވީރުގެ ވަގުތެވެ. އަހަންނާއި ސަމީރާ ތިބީ ހެދިގޮނޑުދޮށުގައި ހުރި ކެފޭއެއްގައެވެ. ބޭނުން ކޮންމެ ވާހަކައެއް ސަމީރާޔާ ދެއްކުނަސް، މުބާހުގެ ވާހަކަ ދައްކާކަށް ފަސޭހައެއް ނުވިއެވެ. އެހެން ތިއްބާ މުބާހު އަންނަ ތަން ފެނުނެވެ. މުބާހަށް އަހަރެންގެ މޫނު ފެނުނަނުދޭން އުޅެން ހަދައިގެން ސަމީރާއަށް ފަޅާއެރިއެވެ. މުބާހަކަށް އަހަރުމެން ނުވެސް ފެނެއެވެ. އޭނަ ދިޔައީ އެހެން ދިމާއަކަށެވެ.

"އަހަރެން ވަރަށް ސަޅި އައިޑިޔާއެއް ދެންތަ؟" ސަމީރާ ލާނެތްވެލައިފައި ބުންޏެވެ. "ހަނާޔާ މުބާހާ އިންނަންވީނު. އަހަންނަށް ހީވަނީ ވަރަށް ގުޅޭނެހެން."

"އަހަރެން ވެސް ތި ވާހަކަ ދައްކަން ބޭނުންވެފައޭ މި އިންނަނީ. ފެނިފެނި އޭނަ މިހާރު ރީތި ވެސް ވެއްޖެ!" އަހަރެން ބުނީމެވެ.

"ވަޓް؟" ސަމީރާ ދިޔައީ ސިއްސައިގެންނެވެ. "ސިރިޔަސްލީ؟ އަހަރެން ސަމާސައަކަށް ބުނި އެއްޗެކޭ އެއީ."

"ކުރީ ދުވަހު އޭނަ ހުރި ޖިންސެއް ލައިގެން ބެލްކަނީގަ،" އަހަރެންގެ އަޑަށް ވެރިވީ ފާޑެއްގެ މަސްތެކެވެ. "ސިކްސްޕެކް ވެސް ހުރި."

"ހަނާ!" ތަންކޮޅެއް ބާރަށް ސަމީރާ ގޮވައިލިއެވެ. "މޮތަވީތަ؟ އެއީ ދޮންތަގެ ފިރިމީހާއޭ."

"އޭނަޔަކަށް ނޭނގޭޔޭ އެ ކަމެއް،" އަހަރެން ބުނީމެވެ. "މަ ކީއްތަ ކުރާނީ؟"

"ނޯ!" ސަމީރާ ދިނީ ކުރު ޖަވާބެކެވެ.

އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. އެހެން މީހުންނަށް ޚިޔާލުދިނުމަކީ ކާކަށް ނުކެރެވޭނެ ކަމެއް ހެއްޔެވެ؟ އަހަރެންގެ ސިފަޖެހިލައިގެން އެންމެ ދުވަހަކު ވެސް ސަމީރާއަށް ގޭގައި މަޑުކޮށްލެވޭނެ ނަމައެވެ. މުބާހާ ކުރިމަތިލެވޭނެ ނަމައެވެ. އޭރުން ސަމީރާގެ ޖަވާބު އެހާ ކުރެއް ނުވީހެވެ.

ދަންވަރު އަހަންނަށް ހޭލެވުނީ އަހަރެންގެ ކޮޓަރީގެ ތަޅު ހުޅުވާ އަޑަށެވެ. އަހަރެން އަޑުގެކޮޅަށް ހަޅޭއްލަވައިގަތީމެވެ. އެ މީހަކު ތަޅު ހުޅުވުން ހުއްޓައިލައިފައި ދިޔައީއެވެ. އަހަރެންގެ ހަޅޭކުގެ އަޑަށް މަންމަ ހޭލައިގެން އައެވެ. ކޮޓަރީގެ ދޮރުފަތުގައި ތަޅައިގަތެވެ.

"ދަރިފުޅާ!" މަންމަ ގޮވާ އަޑު އަހަންނަށް އިވުނެވެ.

އަހަރެން ދުވެފައި ގޮސް ދޮރު ހުޅުވީމެވެ. ޙަޤީޤަތުގައި ދޮރުގެ ތަޅު ހުރީ ހުޅުވިފައެވެ. މަންމަ ދޮރު ހުޅުވަން އުޅުނު ނަމަ ހުޅުވުނީހެވެ. ދޮރު ހުޅުވައިލި ވަގުތު ތަޅުދަނޑި ވިއްސައިގެންދިޔައެވެ. މަންމަޔަކަށް އެ ކަމެއް ފާހަގައެއް ނުވިއެވެ. މާ ބޮޑަށް ހާސްވެފައި ހުރީމައެވެ.

"ހުވަފެނެއް ފެނުނީ ދޯ!" މަންމަ ބުންޏެވެ. "ދަރިފުޅު ގާތުގަ މަންމަ ބުނަމެއްނު ނިދުމުގެ ކުރިން ކިޔާ ދުޢާތައް ކިޔައިގެން ނިދާށޭ."

އަހަރެން ޖަވާބެއް ނުދެމެވެ. އަހަރެން ގައިގައި ފިރުމައިފައި، ކުރުސި ކިޔައިގެން ނިދުމަށް ނަޞޭޙަތް ދީފައި މަންމަ ނުކުތެވެ. އަހަރެން ދޮރު ލެއްޕީމެވެ. ކޮޓަރީގެ ތަޅުންގަނޑު މަތީގައި އޮތް ތަޅުދަނޑި ނެގީމެވެ. ޝައްކު ކުރެވުނީ ހަމަ އެންމެ މީހަކަށެވެ. މުބާހަށެވެ. ހިތަށްއެރިއެވެ. އެތެރެއަށް ވަދެވުނު ނަމަ އޭނަ ކުރާނީ ކީއްބާއެވެ؟ އޭނަގެ މަޤްޞަދަކީ ކޮބައިބާއެވެ؟ އަހަރެންގެ ހިތުގައި މުބާހަށް ޓަކައި ކަނެއް ހުސްވެފައިވާ ނަމަ ނަފުރަތުގެ އަލިފާނުން އެ ޖާގަ ފުރައިލީމެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ. މުބާހު އެ ފަދަ ކަމެއް ނުކުރި ނަމަ އަހަރެންނަށް ކުރެވެން އުޅުނު މޮޔަ ކަންތަކުން އަހަރެން ސަލާމަތެއް ނުވީހެވެ.

މުބާހާ ދޭތެރޭގައި އަހަންނަށް ކުރެވުނު ޝައްކު ޔަގީނަށް ބަދަލުވީ ހެނދުނުއެވެ. އަހަރެން ފެނުމުން މުބާހުގެ ތުންފަތަށް ވެރިވެފައި ހުންނަ ކެހިވެރި ހިނިތުންވުން ނުފިލައި ހުންނާތީއެވެ. އޭނަގެ ގޮތެއް ނެތްކަން ހުރި ވަރަކީ، ތަޅުދަނޑި އަނބުރައި ރައްދުކުރަން އެދެން ވެސް އޭނަ ޖެހިލުމެއް ނުވިއެވެ. ހަމަ ރަނގަޅަށް ވެސް އޭނަ ހުރީ މޮޔަވެފައެވެ. އެހެންނޫނީ އަހަރެން މޮޔަވީ ހެއްޔެވެ؟ އެ ކަހަލަ މީހަކަށް އަހަރެންގެ ހިތް ދީލުނީ ކީއްވެ ހެއްޔެވެ؟ މުބާހު ވަރުގަދަ ސިހުރެއް ހަދައިގެން އަހަރެންގެ ހިތުގައި ލޯބިޖެއްސީ ހެއްޔެވެ؟ އެއީ އޭނައަށް ހީވާ ގޮތެވެ. ހިތާހިތުން އަހަރެން ބުނެލީމެވެ. ދުވަހަކު ވެސް އެ ކަމެއް ކާމިޔާބެއް ނުވާނެއެވެ. މުބާހު ހުއްޓުވުމަށް ޓަކައި މަންމަ ގާތުގައި ބުނަން އަހަރެން ހިތަށް އެރިއެވެ. އޭރުން ދެން ވާނެ ގޮތެއް ނޭނގެއެވެ. މަންމަ ގަބޫލު ނުކޮށްފާނެއެވެ. ކުއްޖަކު ލިބުނު ދަނޑިވަޅުގައި ދެމަފިރިން ވަރިވެދާނެތީއެވެ. ޢާއިލާ އެ ފަދަ މަޖުބޫރީ ހާލަތަކަށް ވެއްޓެނީ ކީއްވެގެންބާއެވެ؟ ޚުދު އަހަރެން ވެސް ދޮންތަ އެކަނިވާކަށް ބޭނުމެއް ނޫނެވެ. ވީމާ ކެތްކޮށްލީއެވެ. ގޭގައި އުޅޭ އެހެން މީހުންގެ ފިރިންނާއި އަހަންނާ ދެމެދުގައި އޮންނަނީ އޮންނަންވާ ކަހަލަ ގުޅުމެވެ. މައްސަލައަކީ ހަމައެކަނި މުބާހެވެ. އަހަރެން ބަލަނީ ގިނަ ވަގުތު ގެއަށް ނުވަދެ އުޅެވޭތޯއެވެ.

އިންނާނެ މީހަކު ބޭނުންވެގެން ނޫހުގައި އިޝްތިހާރު ޖަހައިފައި ހުއްޓައި އަހަރެން ދެކެމެވެ. ހިތްވަރު ހުރި ނަމަ އެ ކަން ވެސް އަހަރެން ކުރީމުހެވެ. ނުވަތަ އެކުވެރިން ގާތުގައި އާދޭސް ވެސް ކުރީމުހެވެ. އަހަރެން ހުތުރެއް ނޫނީމުއެވެ. ތަޢުލީމީ ފެންވަރު އެބަހުއްޓެވެ. ފައިސާގެ ދަތިކަމެއް ނެތެވެ. ފިރިހެނުންގެ ލޮލުގައި އަހަރެން އަޅައިނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ވައިބަރއާއި، އެފްބީއާއި، އިންސްޓަގްރާމާއި، ވަޓްސްއަޕާއި ހުރިހައި އެއްޗެއް އަހަރެން ގެންގުޅެމެވެ. މައްސަލައަކީ، ނުދަންނަ މީހުންނަށް އިސްވެ ގޮވައިލަން އަހަންނަށް ނުކެރުން ހެއްޔެވެ؟ އެ ފެންވަރަށް ވެއްޓޭކަށް ހިތެއް ނުރުހެއެވެ. ފެންނަ ކޮންމެ އަންހެނަކާ ވާހަކަދައްކާ ހިތުން "ހަލޯހައި" ބުނަނީ ކުޅޭކުޅޭ ފިރިހެނުންނެވެ. އެ ފަދަ އަންހެނަކަށް ވާކަށް އަހަރެން ނެތީމެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މައިންބަފައިންނާ ހަތަރުކަޅި ހަމަކުރާކަށް އަހަންނަކަށް ނުކެރެއެވެ. އެ މީހުން ނިތްކުރީގައި ރަތް އަކުރުން ލިޔެވިފައިވާ ސުވާލު ހާމައަށް ފެންނަން އޮންނާތީއެވެ. އެއްވެސް ކައިވެނި ޙަފުލާއަކަށް އަހަރެން ނުދަމެވެ. އެއް ސުވާލެއް ތަކުރާރުކޮށް އިވިއިވި އަހަރެންގެ ކަންފަތަށް ނުކުޅަދާނަވާ ވަރު ވިއެވެ. އަހަރެންގެ ލޯބީގެ ހަޔާތަށް ހިޔަނި އެޅި ކަޅު ވިލާގަނޑު އެއްފަރާތް ވާކަށް ނޫޅުނެވެ. އެހެން އުޅެނިކޮށް އުންމީދުގެ ފުރަތަމަ ދޯދި އުދަރެހުން ފާއްދައިލިއެވެ. އަހަރެންގެ ފޯނަށް ނުދަންނަ ނަންބަރަކުން މީހަކު ގުޅިއެވެ. އަހަރެން ހުރީ އެ ފަދަ ކޯލެއްގެ އިންތިޒާރުގައެވެ. ގުޅާއިރަށް ފޯނު ނެގީމެވެ.

"ކާކު ވާހަކަދައްކަނީ؟" ބަރު އަޑަކުން އެ މީހަކު އެހިއެވެ.

"ހަނާ!" ވިސްނައިލުމެއް ނެތި އަހަރެން ބުނީމެވެ.

"ހަނާއޭ މި ހޯދަނީ،" އޭނަ ބުންޏެވެ. "ހަނާގެ އަޑު ހާދަހާ ރީއްޗޭ!"

ގުޅި މީހަކަށް އަހަންނެއް ނޭނގެއެވެ. އެނގޭ ނަމަ ނުވަތަ އަހަރެންގެ އަޑު ރީތިކަމުން އަޅައިގަންނަ ވަރު ވާ ނަމަ، އަހަރެންގެ ނަން ނާހާ ވެސް އެނގެން ޖެހޭނެއެވެ. އޭނަ ކުރި ކަމަކީ، އަނދިރިގަނޑެއްގެ ތެރެއަށް ތީރެއް ދޫކޮށްލުމެވެ. އެ ވަރު އަހަންނަށް ވިސްނުނެވެ. އެހެންވިޔަސް، އަހަރުމެން ވަރަށް ގިނައިރު ވާހަކަދެއްކީމެވެ. އެ މީހެއްގެ ނަމަކީ ޖަމީލެވެ. ވާހަކަދައްކަން ކުޅަދާނަ، ދޫހެލޭ ޒުވާނެކެވެ. އިސާހިތަކު އަހަރެންގެ ހިތް އަތުލައިފިއެވެ. ތަރި ބާލައި، އަހުދުތައް ކުރާކަށް އަހަރުމެން ދެ މީހުންނަކަށް ވެސް ވަގުތެއް ނެތެވެ.

ޖަމީލާ ރައްޓެހިވި ހަފުތާގައި އޭނަޔާ ބައްދަލުކުރީމެވެ. ހުތުރެއް ނޫނެވެ. އަހަންނަށް ވުރެ އިސްކޮޅުން ދިގެވެ. އޭނަގެ ހެދުންއެޅުން ވަރަށް ރީއްޗެވެ. ދިރިއުޅުމުގެ ރިމޯޓު ނަގައިފައި "ފާސްޓު ފޯވާޑު" ކޮށްލީމެވެ. ޖަމީލު ގެޔަށް ގެނެސް ޢާއިލާއަށް ތަޢާރުފު ކޮށްދިނީމެވެ. އެއީ އަހަރެން އަލަށް ކުރި ކަމެކެވެ. ގޭގެ ހުރިހާ އެންމެން ވެސް ޖަމީލާ ވަރަށް ރައްޓެއްސެވެ. ގުޅެއެވެ. އޯގާތެރިކަމުގެ ގޮތުން ޖަމީލު ވަރުގެ މީހަކު އަހަރެން ނުދެކެމެވެ. އެކަމަކު އެއްރޭ ޖަމީލު ގެއަށް އައީ ބިރުވެރި ރަނގަބީލެއް ތަޅުވަމުންނެވެ.

ނުނިމޭ