09 ޖެނުއަރީ 2018 - 10:24

ތެހެރާން (ޖެނުއަރީ 9) - އީރާނުގެ ޕްރައިމަރީ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން މަނާކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އީރާންގެ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައި ދިނުމަކީ "އެ ގައުމުގެ ސަގާފަތުގެ ތެރެއަށް އާ ކަމެއް ވެއްދުން" ކަމަށެވެ. އެހެންވެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޕާސިއަން ބަސް ކުރިއަރުވާ އިސްލާމީ ސަގާފަތް ޕްރައިމަރީ ސްކޫލްތަކުގެ ދަރިވަރުންގެ ހިތްތަކުގައި އަށަގެންނެވުމުގެ މަސައްކަތް ފަށައިފަ އެވެ.
އީރާނުގެ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުމާ މެދު އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަބަދުވެސް ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.
އީރާނުގެ ގިނަ ބަޔަކު ގަބޫލް ކުރަނީ އިނގިރޭސި ބަސް ދަސްކުރުމަކީ މުހިންމު ހުނަރެއްގެ ގޮތުގަ އެވެ. އެހެންވެ ގިނަ ބަޔަކު ދަނީ އިނގިރޭސި ބަސް ކިޔަވަމުންނެވެ.
އީރާނުގެ ސެކަންޑަރީ ގިނަ ސްކޫލްތަކުގައި ބޭރު ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ކިޔަވައިދެ އެވެ.
"ޕްރައިމަރީ ލެވެލްގައި އިނގިރޭސި ބަސް ކިޔަވައިދިނުމަކީ އެއްވެސް ގޮތަކުން ބެލި ނަމަވެސް މާނައެއް ހުރި ކަމެއް ނޫން،" ސުޕްރީމް އެޑިއުކޭޝަން ކައުންސިލްގެ ސެކްރެޓަރީ މަހްދީ ނާވިދް އަދުހަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލް ގަޑިތަކުން ބޭރުން އިތުރު ގަޑީގެ ގޮތުގައި ވެސް ޕްރައިމަރީ ސްކޫލްތަކުން އިނގިރޭސި ބަސް ކިޔަވައިދޭ ނަމަ އެ ކުރަނީ "ކުށެއް" ކަމަށެވެ.
އީރާނުގެ ބްރޯޑްކާސްޓް އަދި ޕްރިންޓް މީޑިއާ ކޮންޓްރޯލް ކުރަނީ ސަރުކާރުންނެވެ. އެކަމަކު އިނގިރޭސި ބަހުން ވެސް ބައެއް ނޫސްތައް ނެރެ އެވެ. އޭގެ ތެރޭގައި އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ އާއި ޕްރެސް ޓީވީ ހިމެނެ އެވެ.