11 ޖުލައި 2016 - 17:04

ދިވެހިރާއްޖޭގެ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައި، އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 200 މީޓަރު ދުވުމުގެ ރޭހުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ރިހި މެޑަލް ހޯދައިފި އެވެ.
އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ މުބާރާތުގެ 100 މީޓަރު ދުވުމުން އިއްޔެ ރަން މެޑަލް ހޯދި ސާއިދު މިއަދު 200 މީޓަރު ދުވުމުގެ ރޭހުން ދެ ވަނަ ހޯދީ 20:75 ސިކުންތުން ދުވެގެންނެވެ. މިއީ މި އަހަރުގެ މޭ މަހުގެ 21 ވަނަ ދުވަހު ޖެމެއިކާގެ ޖޭއޭއޭއޭ އޯލް ކަމާސް ރޭހުގައި ދުވެ 20:81 ސިކުންތުން ދުވެ ހެދި ގައުމީ ރެކޯޑަށް ވުރެ 0.06 ސިކުންތުގެ ކުރިއެރުމެކެވެ.
ސާއިދު ވަނީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަދި މި އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ވެސް 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.
އިންޑިއާގައި ބާއްވާ އެންމެ ބޮޑު އެއް އެތުލެޓިކްސް މުބާރާތުގައި ސާއިދުގެ އިތުރުން ރާއްޖޭގެ އަފާ އިސްމާއިލް ބައިވެރިވަނީ ކުރިއަށް އޮތް އޮލިމްޕިކް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުންނެވެ. ރާއްޖޭގެ އިތުރު ދުވުންތެރިން އަންހެނުންގެ 400 މީޓަރު ރިލޭ އަދި ފިރިހެނުންގެ 400 މީޓަރު ރިލޭގައި ދުވާނެ އެވެ. މި މުބާރާތުގައި އިންޑިއާގެ އިތުރުން ސްރީ ލަންކާގެ އެންމެ މަތީ ފަންތީގެ އެތުލީޓުން ބައިވެރިވެ އެވެ.
މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ސާއިދު މި ވަގުތު އިންޑިއާގައި ތަމްރީން ހެދި ނަމަވެސް، އޭނާ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ތަމްރީން ސެންޓަރު ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި ތަމްރީން ވަމުންނެވެ.