ލޮލުގެ ފެނުން ދެރަ މީހުންނަށް ސްމާޓް އައިނެއް
ލޮލުގެ ފެނުން ދެރަ މީހުންނަށް ސްމާޓް އައިނެއް

އިންސާނާގެ ފަސް ހިއްްސު ބަރާބަރަށް މަސައްކަތްނުކުރާހާ ހިނދަކު އޭނާއަކީ ފުރިހަމަ މީހެއް ނޫން ކަމަށް ބައެއް މީހުން ބުނެއެެވެ. ނަމަވެސް އާ އީޖާދުތަކާ އެކު، އުނި ހިއްސުތައް ހަމަކުރެވިދާނެ އެވެ.

މޯބައިލް ފޯނުގެ ބާޒާރުގައި ބިޔަ ބޮޑު ސެމްސަންގެ ކްރިއެޓިވް ލެބްގައި އުފަންކުރި ރިލޫމިނޯއަކީ ލޮލުގެ ފެނުން ދެރަ މީހުންނަށް ހާއްސަ އައިނެކެވެ. މޯބައިލް ފޯން އެޕެއްގެ އެހީގައި މަސައްކަތްކުރާ ގޮތަށް ފަރުމާކޮށްފައިވާ މި އައިނު މީގެ ކުރިން ބޭނުންކުރަމުން އައީ ބޮލުގައި އަޅުވާ ވާޗުއަލް ރިއަލިޓީ ހެޑްގިޔަރެއްގެ ގޮތުގައެވެ.

ވީއާރް ހެޑްގިޔަރަކީ ބޮލުގައި އަޅުވާފައި އޮންނަ ދުރުމިއެއް ކަހަލަ އެއްޗެެކެވެ. އެވަރުގެ ބޮޑު އެއްޗެއް ބޮލުގައި އަޅައިގެން އުޅުމަކީ އާންމު ދިރިއުޅުމަށް ދަތިކަމަކަށްވާނެތީ ސެމްސަންގުގެ ސީ ލެބް ނުވަތަ ކްރިއެޓިވް ލެބުން އުފެއްދި މި އައިނުން ތަންކޮޅެއް ފަސޭހަވާނެ ކަމަށް އުއްމީދުކުރެވެއެވެ.

ރިލުމިނޯ އުފެއްދި ޓީމުން ބުނާ ގޮތުގައި ރިލޫމިނޯގެ ޚިޔާލު އުފެދުނީ "ލޯ އަނދިރި" ކަމަށް ނިސްބަތްކުރެވޭ މީހުންގެ 86 ޕަސެންޓް މީހުންނަކީ ކޮންމެވެސް ވަރަކަށް ލޮލަށް ފެންނަ މީހުންނަށް ވާތީ އެވެ. ދުނިޔޭގެ އާބާދީގެ 217 މިލިއަނެއްހާ މީހުންނަކީ ލޮލުގެ ފެނުން ދެރަ މީހުންނެވެ. މި މީހުންނަށް އަލިކަމާއި އަނދިރިކަން ވަކިކުރެވެއެވެ. މައްސަލަ އުޅެނީ ފެނުމުގެ ފެންވަރުގައެވެ. މީގެ ތެރޭގައި ފުސްކޮށް ފެންނަ މީހުންނާއި، އެއްބައި ކަޅު އަނދިރިގަނޑެއްހެން ފެންނަ މީހުންނާއި ކުލަ ސާފުނުވާ މީހުންނާއި ބައެއް ކުލަތައް މާ ގަދަކޮށް ފެންނަ މީހުން އުޅެއެވެ.

ރިލުމިނޯ އެޕާއި ހެޑްގިޔަރު އުފެއްދީ މި ތަފާތުތަކަށްޓަކައި ހަތަރު މޯޑެއް ހިމެނޭ ގޮތަށެވެ. ރެގިއުލާ މޯޑުން ފުސްކަން ކަނޑުވާލަދީ، މަންޒަރުތައް ސާފުކޮށްދީ ވަކިކޮށްދެއެވެ. ކަލާ އިންވާޓް މޯޑުން ފޮތް ކިޔަން ފަސޭހަވާނެހެން ކުލަތައް ބަދަލުކޮށްދެއެވެ. މިސާލަކަށް ކަޅު ކަރުދާހުގައި ހުދު ކުލައިން އަކުރު ހުންނަ ގޮތަށެވެ. ޕާޝަލް މޯޑަކީ ލޮލަށް ފެނުމުގައި ކަޅު އަނދިރިގަނޑުގަނޑު ފެންނަ މީހުންނަށް އެ އަނދިރިގަނޑުގަނޑުގައި މަންޒަރު ކުރަހާލަދޭ މޯޑެވެ. ޑިސްޕްލޭ ކަލަ ފިލްޓާ މޯޑު މަސައްކަތްކުރާނީ އަވިއައިނެއް ގޮތަށެވެ. މި މޯޑުން ބަލާނީ ގަދައަށް ފާޅުވާ ކުލަތައް ފަނޑުކޮށްދީ، ކުލަތައް އެއް ހަމައަކަށް ތިރިކުރުމަށެވެ.

ވީއާރް ގިޔަރު އަޅައިގެން ހުރެ ބޮލުގެ އިޝާރާތުން މި މޯޑުތަކަށް ބަދަލުކުރެވެއެވެ. އެކަމަކު މިހާރު ތަރައްގީކުރަމުންދާ ވީއާރް އައިނުން މި މަގްސަދު ހާސިލްވާނެ މިންވަރެއް ޔަގީނެއް ނޫނެވެ. އައިނު ނެރެވެންދެން ރިލޫމިނޯ އިހަށް ބޭނުންކުރެވޭނީ ވީއާރް ހެޑްގިޔަރާއެކުއެވެ. ސެމްސަންގްގެ ވީއާރް ހުރިހާ ޑިވައިސްއެއްގައި ރިލޫމިނޯ ބޭނުންކުރެވެއެވެ. ނަމަވެސް މީގެ ބޭނުން ކުރެވޭނީ ގެލެކްސީ އެސް8 އަށްވުރެ ފަހުން ނުކުތް ސެމްސަންގުގެ ފޯނުތަކުގައި އެކަންޏެވެ.

ދާދިފަހުން ދެކުނު ކޮރެޔާގައި ނެރުނު ކުރު ފިލްމެއްގައި ވަނީ ރިލޫމިނޯ ވަރަށް ބޮޑަށް އިޝްތިހާރުކޮށްފައެވެ. ރިލޫމިނޯގެ ބޭނުންތެރިކަން މި ފިލްމުން ފެނެއެވެ.