ކުދިން ނިންދަވަން ހާއްސަ ގަޑިއެއް
ކުދިން ނިންދަވަން ހާއްސަ ގަޑިއެއް

އާންމުކޮށް މީހުން ސޯނާ ގަޑި ބޭނުން ކުރަނީ ނިދިން ހޭލާށެވެ. އެކަމަކު ކުޑަކުދިން ގެންގުޅޭ ބައެއް މީހުންގެ ސޯނާ ގަޑިއަކީ އެ މީހުންގެ ޅަދަރިންނެވެ. އެއީ ރޭގަނޑުގެ އަރާމު ނިދިން މައިންބަފައިން މަހުރޫމް ކުރުވާ ކަމެކެވެ. މިކަމުގެ ހައްލަކާ މެދު ވިސްނަމުންދިޔަ އެމެރިކާގެ ކުންފުންޏަކުން އުފެއްދީ ކުޑަކުދިންގެ ނިދި ހަމަކޮށްދޭ ސޯނާ ގަޑިއެކެވެ.

ކުދިން ނިންދަވަން ހާއްސަ ގަޑިއެއް
ކުދިން ނިންދަވަން ހާއްސަ ގަޑިއެއް

ލިޓްލް ހިޕޯ ކުންފުނިން އުފެއްދި "މެލާ" ސޯނާ ގަޑިއަކީ އެނދު ކައިރީ ބަހައްޓަން ފަރުމާކޮށްފައިވާ މޭޒުމަތީ ގަޑިއެކެވެ. ކުދިން ނިދާ ގަޑި ކައިރިވާ ވަރަކަށް ނިދަން ފަސޭހަކޮށްދޭ އައްޔެއް ގަޑީގެ މޫނުމަތީގެ ވަށައިގެން ހުންނަ ލެޑް ބޮކިން އަޅުވާލައެވެ. އަދި މި އައްޔާ އެކު ކަންފަތަށް ފަސޭހަ، ލޮލަށް ބަރުވާނެ ކަހަލަ އަޑުތައް އިއްވަމުންދެއެވެ. ވާރޭ ވެހޭ އަޑާއި ރާޅުޖަހާ އަޑު ކަހަލަ އަޑުތަކެވެ. ނިދަންވީމާ ގަޑީގެ މޫނުމަތިން ވެސް ފެންނާނީ ލޯމެރި، އަނގަ ލެއްޕިފައިވާ "ސްމައިލީ ފޭސް" އެއް ސިފަވާ ކަހަލަ މޫނެކެވެ.

ކުއްޖާ ނިދާއިރު ގަޑި ވެސް ނިދާނެއެވެ. އެކަމަކު ފަސް ކުލައެއްގެ ތެރޭން އެ ކުއްޖަކު އިޚްތިޔާރުކުރާ ކުލައަކުން ދިއްލިފައި ހުރެއެވެ.

ހެނދުނު ހޭލަން ކައިރިވުމުން ގަޑީގެ މޫނުމަތިން މަޑު ރީނދޫކުލައެއް ފެންނަން ފަށައެވެ. މޫނުމަތިން ފެންނަ "މޫނުން" ވެސް ފެންނާނީ އެއް ބައެވެ. މެލާ ސޯނާ ގަޑިއަށް ކުއްޖާ އަހުލުވެރިވެފައިވާ ނަމަ އިންނާނީ އެނދުން ނުފައިބާ އަމިއްލަ ކުޅިވަރުގައެވެ. އެނދުން ތެދުވަން އިޝާރާތް ލިބޭނީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ. ތެދުވުމުގެ ސިގްނަލަކީ ހެވިފައި ހުންނަ ފެހިކުލައިގެ މޫނުމައްޗެކެވެ.

މެލާ ސޯނާ ގަޑިއަކީ ކުޑަކުދިންނަށާއި މައިންބަފައިންނަށް ވެސް ނިދީގެ އަރާމުކަން ކަށަވަރުކޮށްދޭނެ މުޅިން އައު އުފެއްދުމެކެވެ.