ގޫގުލް ބައިކްތައް ވަގަށް ނެގުން ހުއްޓުވާނެ ގޮތެއް ނޭނގުނު
ގޫގުލް ބައިކްތައް ވަގަށް ނެގުން ހުއްޓުވާނެ ގޮތެއް ނޭނގުނު

ގޫގުލް ހެޑްކްއާޓަރޭ ބުންޏަސް އެއީ ބިޔަ ސަރަހައްދެކެވެ. ކެމްޕަސް ގޯތިތެރޭގައި މުވައްޒަފުން މަގުކުރުކުރުމަށްޓަކައި ބައިސްކަލް ބޭނުންކުރެ އެވެ. އެ ބޭނުމަށްޓަކައި 1،100 "ޖީބައިކް" ގޯތިތެރޭ އެތަން މިތަނުގައި އަބަދުވެސް ތައްޔާރަށް ހުރެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދެކޭ ގޮތުގައި އެއީ ގޫގުލްއިން ދޭ އިޖުތިމާއީ ޚިދުމަތެކެވެ. ސްކޫލަށް ނުވަތަ އޮފީހަށް ނޫން ނަމަ ރޭލު ސްޓޭޝަނަށް ދިއުމަށް، ގޫގުލް ކެމްޕަސް ގޯތިތެރެއިން ޖީބައިކެއް ނެގުން އެއީ އެންމެ ރަނގަޅު ކަމެއް ކަމަށް އެ މީހުން ބަލަ އެވެ. އެ ގޮތަށް ގެންދާ ބައިކްތައް ދެން އަބުރާ ނުގެނެ އެވެ. ގޫގުލުން ބުނި ގޮތުގައި އެހެން ގެންގޮސް، ގެންގޮސް ހަފުތާއަކު 100 ނުވަތަ ގިނަވެގެން 250 ބައިކް ގެއްލެ އެވެ.

ޖީބައިކްތައް ވަގަށްނެގުން ގޫގުލް އަށް ވަނީ ހައްލުކުރަން އުނދަގޫ މައްސަލައަކަށް ވެފަ އެވެ.

ގޫގުލް ހެޑްކުރާޓަރު ބިނާކުރުމަށް އެ ސަރަހައްދުން އެހާ ބޮޑު ބިމެއް އަތުލާފައި ވާތި އެކަމާ ރުޅިއަރާ ބަޔަކު ވެސް އެ ހިސާބުގައި ދިރިއުޅެ އެވެ. އެ މީހުން ޖީބައިކްތައް ވަގަށް ނަގަނީ ބަދަލުހިފުމަށް ކަމަށް ބެލެވެ އެވެ. އެ ބީދައިން ދައްކާ ވާހަތައް އިވިފައި ތިބި ބަޔަކު ވެސް އެބަ ތިއްބެވެ. ގޫގުލް އޮފީހުގައި މަސައްކަތްކުރަން އެކި ސަރަހައްދުތަކުން އަންނަ މުވައްވަޒަފުން ގޮވައިގެން ދަތުރުކުރާ އުޅަނދުތަކަކީ ވެސް އެ މީހުން ތުރާލެއް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެ އެވެ.

ޖީބައިކްތައް ގެއްލުން ގޫގުލް އަށް މާލީ އުނދަގުލަކަށް ނުވި ނަމަވެސް، މުވައްޒަފުންނަށް ބޭނުންޖެހޭ އަދަދަށް ބައިސިކަލް ބެހެއްޓުން ވަނީ ގޫގުލް އަށް ކުރަން އުނދަގޫ ކަމަކަށެވެ. ގެއްލޭ ބައިސިކަލްތައް ހޯދުމަށްޓަކައި ގުގުލްއިން 30 ކޮންޓްރެކްޓަރުން ހޯދައިގެން ވަނީ މައްސަލަ ހައްލުނުކުރެވިފަ އެވެ. ސްޓޮކުން އުނިވާ ބައިސިކަލްތަކުން ކޮންމެވެސް ވަރެއް ހޯދުނު ނަމަވެސް އެއީ ވެސް ދެމެހެއްޓެނިވި ހައްލަކަށް ނުވި އެވެ. ބައިކްތަކުގައި ޖީޕީއެސް ހަރުކުރުމުން ވެސް ކޮޅެއް ނުފެނުނެވެ. ދެނެގަނެވުނުހާ ވެސް އެއްޗަކީ ބޯޑަރު ހުރަސްކޮށް އެހެން ސަރަހައްދުތަކަށް ވެސް ޖީބައިކްތައް ދަތުރުކުރާ ކަމެވެ.

ގޫގުލް ބައިކްތައް ވަގަށްނެގުން ހުއްޓުވުމަށް ގޫގުލްއިން މިހާރު ވިސްނަނީ ސްމާޓް ތަޅެއް ބޭނުންކުރުމަަށެވެ. އެއީ ހަމައެކަނި މުވައްޒަފުން ބޭނުންކުރާ ސްމާޓްފޯނުން ހުޅުވޭ ގޮތަށެވެ. އެކަމުގައި އަދި އަމަލީ ސިފައެއް ނުޖެހެ އެވެ. ގޫގުލްގް އުންމީދަކީ ކޮޅެއްގައި ނުޖައްސައި މަސައްކަތް ހުއްޓާނުލުމެވެ.