"ޕަދްމާވަތު" ރިލީޒްކުރުން 25 ގައި؛ ރާއްޖޭގައި ވެސް ދައްކާނެ
"ޕަދްމާވަތު" ރިލީޒްކުރުން 25 ގައި؛ ރާއްޖޭގައި ވެސް ދައްކާނެ

އިންޑިއާގެ ސެންސަރު ބޯޑުގައި ތާށިވެފައި އޮތް، ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތު" ޖެނުއަރީ 25 ވަނަ ދުވަހު އިންޑިއާ އާއި އިތުރު 60 ގައުމެއްގައި ރިލިޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ. ރާއްޖޭގައި ވެސް ހަމަ އެ ދުވަހު ރިލީޒް ކުރާނެ ކަމަށާއި އެއީ މި ފިލްމުގެ 3ޑީ ވާޝަން ކަމަށް ޝްވެކް ސިނަމާ އިން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

"ޕަދްމާވަތު" ސެންސަރު ބޯޑުން ފާސްކޮށްދިން ކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. ފިލްމަށް ދީފައިވަނީ ޔޫ/އޭ ސެޓްފިކެޓެކެވެ. ނަމަވެސް ފިލްމު ރިލީޒްކުރާ ދުވަހެއް ފިލްމު އުފެއްދި ފަރާތަކުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ފިލްމު ފާސްކޮށްދީފައި ވަނީ ފިލްމުގެ ނަން "ޕަދްމާވަތީ" އިން "ޕަދްމާވަތު" އަށް ބަދަލު ކުރުމަށް ފަހުގަ އެވެ. އަދި ފިލްމުގެ އެއް އިޝްތިހާރެއްގައި ދައްކާ ދީޕިކާ ޕަދުކޯން ނަށާ "ގޫމަރް" ލަވަ ވެސް މިހާރު ފިލްމުގައި ހިމެނޭ ކަމެއް ޔަގީނެއް ނޫނެވެ. ލަވައިގެ ބޮޑު ބައެއް އެޑިޓްކުރަން ސެންސަރު ބޯޑުން ޑައިރެކްޓަރާ ޝަރުތު ކޮށްފައިވެ އެވެ.

ފިލްމާ ދެކޮޅަށް ރާޖްޕޫތު ކަރްނީ ސޭނާ އާއި އެނޫންވެސް ބައެއް ޖަމާއަތްތަކުން މިހާރު ވެސް ހަޅުތާލުތައް ކުރަމުންދާތީ ފިލްމު ރިލީޒްކުރާ ދުވަސް އިއުލާން ކުރުން ފަސްކޮށްލީ ކަމަށް ބެލެވެ އެވެ. ކުރިން ފިލްމު ރިލީޒްކުރަން އޮތީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ސެންސަރު ކުރަން ހުށަހެޅި މުއްދަތު ކުރު ކަމަށް ބުނެ ސެންސަރު ބޯޑުން ފިލްމު ފާސްކޮށް ނުދިނުމުން ވަކި މުއްދަތެއް ނެތި ފަސްކުރީ ކަމަށް ފިލްމުގެ ޕްރޮޑިއުސަަރު އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިންޑިއާގައި މި މަހު 25 ގައި ފިލްމު ރިލީޒްކޮށްފި ނަމަ އަކްޝޭ ކުމާރުގެ "ޕެޑްމޭން" އާއި މި ފިލްމު ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާނެ އެވެ. މި ދެ ފިލްމު އެއް ދުވަހަކާ ދިމާވާ ޚަބަރުތައް ނޫސްތަކުގައި ޖެހުމާ ގުޅިގެން "ޕެޑްމޭން"ގެ ޕްރޮޑިއުސަރުން ބުނެފައިވަނީ ފިލްމު ރިލީޒްކުރާ ތާރީޚަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ބާންސާލީގެ "ޕަދްމާވަތު" ބިނާކުރީ އިންޑިއާގެ މަޝްހޫރު ސޫފީ ޝާއިރެއް ކަމަށްވާ މަލިކު މުހައްމަދު ޖަޔާސީ ލިޔުނު "ޕަދްމާވަތު" ކިޔާ ޅެމެއްގައިވާ ޚިޔާލީ ޝަޚްސިއްޔަތެއް ކަމަށްވާ ރާނީ ޕަދްމިނީގެ ވާހަކައިގެ މައްޗަށެވެ. ތާާރީޚީ އިލްމުވެރިން ބުނާ ގޮތުގައި ޕަދްމިނީ އަކީ އަސްލު މީހެއް ނޫނެވެ. އެކަމަކު މިއީ ހަގީގަތުގައި ވެސް ކުރީ ޒަމާނުގެ ހިންދޫންގެ ރާނީއެއް ކަމަށް ބުނެ އިންޑިއާގެ ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ފިލްމު ރިލީޒްކުރުމާ ދެކޮޅަށް ހަޅުތާލުކޮށް، ފިލްމުގެ ތަރިންނަށް މަރުގެ އިންޒާރުތައް ވެސް ދީފަ އެވެ.

ފިލްމު އިންޑިއާގައި ރިލީޒްކުރަން އުޅޭތީ ވަރުގަދަ ހަޅުތާލެއް ފަށާނެކަމުގެ އިންޒާރު ހަރުކަށި ހިންދޫން މިހާރު ދަނީ ދެމުންނެވެ. އަދި ފިލްމު އަޅުވާ ސިނަމާތަކުގައި ރޯކޮށް ގެއްލުން ދޭނެކަމަށް ވެސް އެމީހުން ދަނީ ބުނަމުންނެވެ.