08 ޖެނުއަރީ 2018 - 15:48

ކޮލަމްބޯ (ޖެނުއަރީ 8) - ސްރީ ލަންކާގެ މަރުކަޒީ ބޭންކުން ބޮންޑު ވިއްކި މައްސަލާގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަ ޕާލަމެންޓަށް ހުށަހަޅާ ބަހުސް ކުރާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
"ބޮންޑު ވިއްކި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕާލަމެންޓުގެ ބައްދަލުވުމެއް ބޭއްވުމަށް ސްޕީކަރަށް ވާނީ ދަންނަވާފައި. މި ބާވަތުުގެ މައްސަލައެއްގައި ޕާލަމެންޓުން މިހާ ގިނައިން ބަހުސް ކުރި ގައުމަކަށް ލަންކާ ވާނެ. ބޮންޑުގެ މައްސަލާގައި އެއްވެސް އެއްޗެއް ފޮރުވާކަށް ބޭނުމެއް ނުވޭ،" ރަނިލް ވިދާޅުވި އެވެ.
ބޮންޑުގެ މައްސަލަ ތަހުގީގު ކުރަން މިދިޔަ އަހަރު ކުރީކޮޅު އެންގެވީ ސިރިސޭނާ އެވެ. އެގާރަ މަސް ދުވަހުގެ ތަހުގީގަށް ފަހު ތައްޔާރު ކުރި ރިޕޯޓްގައި ބުނެފައި ވަނީ ސެންޓްރަލް ބޭންކުގެ އޭރުގެ ގަވަރުނަރު އަރްޖުނާ މަހެންދްރަންގެ ދަނބިދަރިއެއް ކަމަށްވާ އަރްޖުން އަލޮއިސިއަސް އަށް ބޮންޑް ވިއްކައިގެން ނާޖާއިޒް ފައިދާ ލިބިފައިވާ ކަމަށެވެ.
ތަހުގީގު ޓީމުގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި ކުރީގެ އޮޑިޓާ ޖެނެރަލް އެވެ. ބޮންޑު ވިއްކައިގެން ސަރުކާރަށް ލިބުނު ގެއްލުން ބެލުމަށް ސެންޓްރަލް ބޭންކުގެ ފޮރެންސިކް އޮޑިޓެއް ހެދުމަށް ވަނީ އަންގައިފަ އެވެ.
ސެންޓްރަލް ބޭންކުގެ ބޮންޑުގެ މައްސަލާގައި ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު ވަނީ ޚިޔާލުތަފާތުވެފަ އެވެ. ގަވަރްނަރުގެ މަގާމަށް މަހެންދްރަން ހަމަޖެއްސީ ރަނިލްގެ ލަފާގެ މަތިންނެވެ. މަހެންދްރަންގެ ޓާމް ޖޫން 2016 ގައި ހަމަވުމުން ސިރިސޭނާ ވަނީ އިތުރު މުއްދަތެއް އޭނާ އަށް ދޭން ދެކޮޅު ހައްދަވައިފަ އެވެ. އަދި ބަދަލުގައި ގަވަރްނަރުގެ މަގާމަށް ރަނިލްގެ ފަރާތުން ހުށަހެޅި ނަމަށް ވެސް ސިރިސޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.