އަސަދުﷲ އާއި ޝިއުރާގެ ކައިވެންޏަށް މަރުހަބާ!
އަސަދުﷲ އާއި ޝިއުރާގެ ކައިވެންޏަށް މަރުހަބާ!

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސަދުﷲ އަބްދުﷲ އާއި ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް އަންހެން ކުޅިވަރު ތަރި އައިމިނަތު ޝިއުރާގެ ކައިވެނި އެންމެ ފަހުން އާއްމުކޮށްފި އެވެ.

އަސަދުﷲއާ ދެ އަންބަށް ޝިއުރާ ކައިވެނީ ކުރީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ. އެކަމަކު އޭރު އެކަން އޮތީ އާއްމުންނަށް ސިއްރެއްގެ ގޮތުގަ އެވެ. އެކަން އާއްމުވީ އަސަދުﷲއާ އެކު ނަގާފައިވާ ފޮޓޯއެއް ޝިއުރާ ޖެނުއަރީ 1 ވަނަ ދުވަހު އިންސްޓަގްރަމްގައި ޕޯސްޓްކުރުމުންނެވެ. އަދި ފަހުން ޝިއުރާގެ ފޭސްބުކް ޕްރޮފައިލަށް ވެސް ވަނީ އަސަދުﷲއާ އެކު ނަގާފައިވާ ފޮޓޮއެއް ލައިފަ އެވެ. އެއާ އެކު ބައެއް ފަރާތްތަކުން ކައިވެނިކުރީތޯ ސުވާލުކުރުމުން އޭނާ ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

އެކަމަކު ކައިވެންޏާ ބެހޭގޮތުން އަސަދުﷲ އަދި ޝިއުރާ ވެސް މީޑިއާއާ ވާހަކަދައްކަން ބޭނުމެއް ނުވި އެވެ.

އަސަދުﷲ އާއި ޝިއުރާ އަށް ގިނަ ބަޔަކު ހާއްސަކޮށް ރާއްޖޭގެ ކުޅިވަރުގެ ތަރިން އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ. ކުޅުންތެރިންގެ މެދުގައި ރާއްޖޭގައި މީގެ ކުރިން ވެސް ވަނީ ކައިވެނިތައް ކުރެވިފަ އެވެ. އޭގެ ތެރޭގައި ބާސްކެޓްބޯޅައިގައި މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޒިލާލާއި އައިޝަތު ރިޝްމާގެ ކައިވެނި ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ރިޝްމާގެ ދައްތަ ފާތިމަތު ރީމާ އާއި ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އަދި ނަޝްފާ އާމިރާ (ނައްފަ) އާއި އަހުމަދު ފިރާޝްގެ ކައިވެނި ވެސް މި ލިސްޓުގައި ހިމެނެ އެވެ. އެކަމަކު އަސަދުﷲ އާއި ޝިއުރާ އަކީ ކުޅިވަރުގެ ތެރޭގައި މަޝްހޫރުކަން ލިބުނު ފަހުން މިގޮތަށް ކައިވެނި ކުރި އެންމެ ފާހަގަކޮށްލެވޭ ޖޯޑެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގައި ވަޒީފާއަދާކުރާ ޝިއުރާ މީގެ ކުރިން ކައިވެންޏެއްކޮށް ކުއްޖެއް ވެސް ހުރެ އެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު އަދި ރަންބޫޓް އެއް ފަހަރު ހާސިލްކޮށްފައިވާ އަސަދުﷲ އަކީ ރާއްޖޭގެ ގައުމީ ޓީމުގެ ވެސް އެއް ވަނަ ފޯވާޑެވެ. އެކަމަކު މާޒިޔާގެ ފޯވާޑް މި ވަގުތު ހުރީ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގަ އެވެ.

ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ނެޓްބޯޅަ އަދި ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައިވާ ޝިއުރާ އަކީ ހޭންޑްބޯޅައިގައި ވެސް އަލިގަދަ ތަރިއެކެވެ. އޭނާ އަކީ އަންހެން ކުޅިވަރު ކުޅުންތެރިންގެ ތެރެއިން އާއްމުންގެ ތެރޭގައި އެންމެ މަގުބޫލު އެއް ކުޅުންތެރިޔާ އެވެ. ހާއްސަކޮށް ޑިޕްރެޝަނާ އޭނާ ކުރި ހަނގުރާމަ މިދިޔަ އަހަރުގެ ތެރޭގައި "ދޯ" މަޖައްލާއާ ހިއްސާކުރި ކުރުމަށް ގިނަ ބަޔެއްގެ ތައުރީފް ލިބިފައިވެ އެވެ. އެ މަޖައްލާ އިން ބުނެފައިވާ ގޮތުގައި "އެއްވެސް ފޮރުވުމެއް އަދި ފަސްޖެހުމެއް ވެސް ނެތި އެ ވާހަކަތައް އާންމުންނަށް ދޫކޮށްލުން ވެގެންދިޔައީ، ޑިޕްރެޝަނަކީ ކިހާވަރެއްގެ، ކޯއްޗެއްކަން ނޭނގޭ އެތައް ބަޔެއްގެ ލޯ އެކަމަށް ހުޅުވާލަދިން" ކަމެއް ކަމަށެވެ.