08 ޖެނުއަރީ 2018 - 15:17

ޝެންހާއީ (ޖެނުއަރީ 8) - ކާގޯ ބޯޓަކާ ޖެހި އެކްސިޑެންޓްވި ތެޔޮ ޓޭންކަރުގައި ރޯވި އަލިފާންގަނޑު ބޮޑުވެ އިރުމަތީ ޗައިނާ ކަނޑުގައި ތިމާވެށީގެ ބޮޑު މުސީބާތެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ޗައިނާގެ އޮފިޝަލުން ބުނީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ސަންޗީ ޓޭންކަރު ގޮވައިފާނެކަމުގެ ބޮޑު ކަމަށެވެ. ޓޭންކަރާ ކައިރިވުމަށް މަސައްކަތް ކުރި ރެސްކިއު ޓީމުތަކަށް ވެސް ވަނީ ބޯ ދުމުގެ ވިލާތަކުގެ ސަބަބުން ހުރަސް އެޅިފަ އެވެ. ޓޭންކަރުން ގެއްލުނު 32 ފަޅުވެރިން އަދިވެސް ނުފެނެ އެވެ. އެއީ އީރާނުގެ 30 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ. ޓޭންކަރުގައި ހުރީ އީރާނުން ބަރުކޮށްފައިވާ 136،000 ޓަނުގެ ތެލެވެ. އެއީ ގާތްގަނޑަކަށް އެއް މިލިއަން ފީފާގެ ތެލެވެ. މިހާރުގެ އަގުން ބަލާ ނަމަ އެ ތެލުގެ އަގަށް 60 މިލިއަން ޑޮލަރު އަރާނެ އެވެ. ތެޔޮ ގެންދިޔައީ ސައުތު ކޮރެއާ އަށެވެ.
ހޮން ކޮންގައި ރަޖިސްޓްރީކޮށްފައިވާ ކާގޯ ބޯޓެއް ކަމަށްވާ ސީއެފް ކްރިސްޓަލް އާއި ސަންޗައި ޓޭންކަރު ޖެހި އެކްސިޑެންޓްވީ ޝަންހާއީގެ އައްސޭރިން 160 މޭލު ބޭރުންނެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ނޭނގެ އެވެ.
ތިމާވެށީގެ ތަޖްރިބާކާރުން ބުނާ ގޮތުގައި ޓޭންކަރުގައި ހުރި ކޮންޑެންސޭޓް ކަނޑަށް އެޅުމުން އެ ސަރަހައްދުގެ ހުރިހާ ދިރުންތަކެއް މަރުވާނެ އެވެ. ކޮންޑެންސޭޓަކީ ކްރޫޑް އޮއިލަށް ވުރެ ވިހަގަދަ ބާވަތަކެވެ.
ޓޭންކަރުން ގެއްލުނު މީހުން ހޯދުމުގައި ޗައިނާގެ ވަރަށް ގިނަ އުޅަނދުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ސައުތު ކޮރެއާ އިން ކޯސްޓް ގާޑު އުޅަނދަކާއި ހެލިކޮޕްޓަރެއް ފޮނުވާފައިވާ އިރު އެމެރިކާ އިން ވަނީ އަސްކަރީ މަތިންދާ ބޯޓެއް ފޮނުވައިފަ އެވެ.