08 ޖެނުއަރީ 2018 - 16:56

ކްލެސިފައިކޮށްގެން ނޫނީ އާންމު ނުކުރެވޭނެ އުފެއްދުންތައް މި ފަހަކަށް އައިސް ކްލެސިފައި ނުކޮށް އާންމު ކުރަމުންދާ ކަމަށާއި އެކަން އެގޮތަށް ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން (އެންބީސީ) އިން މިއަދު ބުނެފި އެވެ.
އެތަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގައި "ގިންތި ކަނޑައެޅުމާއި ދަރަޖަ ކުރުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުމެއް އެންބީސީން ކްލެސިފައިނުކޮށް އާންމު ކުރުމަކީ މަނާކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށެވެ.
ގިންތި ކަނޑައަޅަންޖެހޭ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ފިލްމް، ޑޮކިއުމެންޓްރީ، ޑްރާމާ، ސްޓޭޖް ޝޯ، އިސްތިހާރު ފިލްމް، އަދަބިއްޔާތު، ރިކޯޑްކޮށްފައި ހުންނަ ވީޑިއޯ އަދި އަޑުގެ އިތުރުން ކޮމްޕިއުޓާ ކޮންސޯލް ގޭމްސް އެވެ.
"އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި ދިވެހިންގެ އާދަކާދަ އާއި އަދި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ފޭރާންހެޔޮ އުފެއްދުންތަކަކަށް ހެދުމަކީ ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ މަސްއޫލިއްޔަތެއް،" ބަޔާނުގައި ބުންޏެވެ.
އެމްބީސީން ބުނީ ފަންނީ އުފެއްދުންތައް އާންމުންނަށް ހުށަހެޅުމުގެ ކުރިން އެއީ ކޮން އުމުރުފުރައަކަށް އެކަށީގެންވާ އުފެއްދުމެއްކަން ކަނޑައަޅައި އާންމުންނަށް އެކަމާ ބެހޭ މައުލޫމާތު ފޯރުކޮށް ދިނުމަކީ އެ ބިއުރޯގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް، ކްލެޒިފައި ކުރުމަކާ ނުލައި ވީޑިއޯ ލަވަ ފަދަ ތަކެތި އާންމުކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.