ފާރިސްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
ފާރިސްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ފާރިސަށް ކުރާ އެ ދައުވާއާ ގުޅިގެން، އިބްތިދާއީ މަރުހަލާގައި މާދަމާ ބާއްވާ އަޑުއެހުމަކީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން، ފާރިސްގެ ފަރާތުން ހުށަހަޅާ އެންމެ ފަހު ހުށަހެޅުން ހުށަހެޅުމަށް ބާއްވާ އަޑުއެހުމެކެވެ.

ފާރިސްގެ ފަރާތުން ޖުމްލަ 23 ހުށަހެޅުމެއް ހުށަހަޅަން ނިންމާފައި ވާއިރު، އޭގެ ތެރެއިން 22 ހުށަހެޅުމެއް ކުރީގެ އަޑުއެހުންތަކުގައި އޮތީ ހުށަހަޅައިފަ އެވެ. އޭނާގެ ފަރާތުން ވަނީ އެ ދަައުވާ ބާތިލް ކުރުމަށް އެދިވަޑައިގެން ގިނަ ހުށަހެޅުންތަކެއް ވެސް ހުށަހަޅައިފަ އެވެ.

ޝަރީއަތުގެ އަޑުއެހުންތައް ފަށާނީ އެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.

މި ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ފާރިސަށް ގެއްލޭނެ އެވެ.

އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައި ވާއިރު، އެ މައްސަލަ އޭނާގެ ފަރާތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައި ވިޔަސް، މައްސަލައިގެ ހުކުމެއް އަދި ނީއްވަ އެވެ.