ބިގް ބޮސް ކާމިޔާބުކުރާނީ ޝިލްޕާ: ލަވް ތިޔާގީ
ބިގް ބޮސް ކާމިޔާބުކުރާނީ ޝިލްޕާ: ލަވް ތިޔާގީ

"ބިގް ބޮސް" ސީޒަން 11 ނިމެން ގާތްވާ ވަރަކަށް ޝޯ ކާމިޔާބު ކުރާނެ ބައިވެރިޔަކާ މެދު ކުރެވޭ ބަހުސް ވަނީ ބޮޑުވެފަ އެވެ. އެގޮތުން ބިގް ބޮސްގެ ގެއިން އެންމެ ފަހުން ނުކުންނަން ޖެހުނު ބައިވެރިޔާ ލަވް ތިޔާގީ ގަބޫލު ކުރަނީ މިފަހަރުގެ ސީޒަން ކާމިޔާބުކުރާނީ ޝިލްޕާ ޝިންޑޭ ކަމަށެވެ.

ލަވްގެ އެކުވެރިކަން ބޮޑަށް އޮންނަނީ ހީނާއާ ނަމަވެސް އޭނާ ބުނީ ޝޯ ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ޝިލްޕާ އަށް ކަމަށެވެ. އޭނާ ބުނި ގޮތުގައި މިހާރު ތިބި އެންމެންނަކީ ވެސް ޝޯ ކާމިޔާބު ކުރުން ހައްގު މީހުން ކަމަށެވެ. ނަމަވެސް ޝިލްޕާ އަކީ މި ގޭމް ވަރަށް ސްމާޓްކޮށް ކުޅޭ ކުޅުންތެރިއެއް ކަމަށާއި ފާއިތުވީ ތަނުގައި ވަރަށް މަދު ފަހަރަކު ނޫނީ ޝިލްޕާ ގޯހެއް ހަދާފައި ނުވާ ކަން ލަވް ފާހަގަކުރި އެވެ.

"މޯލްގައި ފޭނުންނާ ބައްދަލުކުރި ދުވަހު އަހަންނަށް އިހްސާސްވި ޝިލްޕާގެ ފޭނުން ގިނަ ވަރު. އެހެންވެ އަހަންނަށް ހަމަ ހީވަނީ ޝިލްޕާއޭ މި ފަހަރު ޓްރޮފީ ގެންދާނީ،" ލަވް ތިޔާގީ ބުންޏެވެ.

ބިގް ބޮސްގެ ގޭގައި މިހާރު ތިިބި މީހުންގެ ތެރެއިން ފޭނުން އެންމެ ގިނައީ ޓީވީ ތަރިން ކަމަށްވާ ހީނާ ޚާން އާއި ޝިލްޕާ ޝިންޑޭގެ އެވެ. ނަމަވެސް ދެން ތިބި ޕުނީޝް ޝަރުމާ އާއި އާކާޝް އަދި ވިކާސް އަކީ އާދައިގެ މީހުންނަށް ވާތީ އެމީހުންނަށް ތާއީދުކުރާ މީހުން ވެސް މަދެއް ނޫނެވެ. އެހެންކަމުން ލަވް ތިޔާގީ ބުނި ގޮތް ނުވެ ޕުނީޝް ނުވަތަ އާކާޝް ވެސް ޝޯ ކާމިޔާބު ކުރުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.