މިދިޔަ އަހަރުގެ އެންމެ ރީތި ފިލްމަކީ ރިތިކްގެ "ގާބިލް"
މިދިޔަ އަހަރުގެ އެންމެ ރީތި ފިލްމަކީ ރިތިކްގެ "ގާބިލް"

މިދިޔަ އަހަރު ނުކުތް އެންމެ ރީތި ހިންދީ ފިލްމަކީ ރިތިކް ރޯޝަންގެ "ގާބިލް" ކަމަށް ބޮލީވުޑްލައިފް އޮންލައިން ނޫހުގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފި އެވެ.

މި ޕޯލަށް ވޯޓުދިން މީހުންގެ 49 ޕަސެންޓް ބުނެފައިވަނީ އެންމެ ރީތި ފިލްމަކީ "ގާބިލް" ކަމަށެވެ. އަދި 63 ޕަސެންޓް މީހުން ބުނެފައިވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު އެކްޓަރަކީ "ގާބިލް"ގެ ބަތަލު ރިތިކް ރޯޝަން ކަމަށެވެ.

"ގާބިލް" އަކީ ރިތިކް އާއި ޔާމީ ގޯތަމް ކުޅެފައިވާ ބަދަލުހިފުމުގެ ޑްރާމާއެކެވެ. ފިލްމުގައި މި ދެ ތަރިން ވެސް ކުޅެފައިވަނީ ލޮލަށް ނުފެންނަ ދެ މީހެއްގެ ރޯލެވެ.

އެންމެ މޮޅު ފިލްމުގެ ކެޓަގަރީން ދެ ވަނަ ލިބުނީ ޝާހްރުކް ޚާންގެ "ރައީސް" އަށެވެ. އެ ފިލްމަށް 22 ޕަސެންޓް ވޯޓު ލިބުނެވެ. ތިން ވަނަ ލިބުނީ 17 ޕަސެންޓް ވޯޓާއެކު "ބަހޫބަލީ 2" އަށެވެ.

މި ލިސްޓުގައި ދެން ހިމެނިފައިވަނީ "ގޯލްމާލް އެގެއިން"، "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"، "ބަދުރީނާތު ކީ ދުލްހަނިޔާ" އަދި "ހިންދީ މީޑިއަމް" އެވެ. ނަމަވެސް މި ފިލްމުތަކަށް ވޯޓު ދީފައިވަނީ ނިސްބަތުން މަދު ބައެކެވެ.