ފްލައިޓެއްގެ ފާޚާނާ ތެރޭގައި މަރުވެފައި އޮތް ކުއްޖާގެ މަންމަ ހައްޔަރުކޮށްފި
ފްލައިޓެއްގެ ފާޚާނާ ތެރޭގައި މަރުވެފައި އޮތް ކުއްޖާގެ މަންމަ ހައްޔަރުކޮށްފި

ޖަކާޓާ (ޖެނުއަރީ 8) - ފްލައިޓެއްގެ ފާޚާނާ ތެރޭގައި މަރުވެފައި އޮތް ތުއްތު ކުއްޖާގެ މަންމަ އިންޑޮނީޝިއާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ގައުމުން ބޭރުގައި މަސައްކަތް ކުރަން އުޅުމަށް ފަހު ވެސްޓް ޖާވާ އަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ހާނީ ނަމަކަށް ކިޔާ މީހާ ހައްޔަރު ކުރީ ބެންކޮކުން ޖަކާޓާ އަށް ދިޔަ ތަނުންނެވެ. އެއާޕޯޓް ފުލުހުންގެ ވެރިޔާ އަހުމަދު ޔޫސުފް ވިދާޅުވީ އަންހެން މީހާ ބަލި ކަމަށް ފެންނާތީ އޭނާއާ ސުވާލު ކުރާނީ ފަހުން ކަމަށެވެ. އެ އަންހެން މީހާ ވަނީ އެއާޕޯޓުގެ ހެލްތު ސެންޓަރުގައި ބަހައްޓައިފަ އެވެ.

ފުލުހުން ތުހުމަތު ކުރަނީ އަބޫ ދާބީގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރަން އުޅުނު ހާނީ ވަނީ އިއްތިހާދު އެއާވޭސްގެ ފްލައިޓުގެ ފާޚާނާ ތެރެއަށް ވިހާފައި ކަމަށެވެ. އަބޫ ދާބީން ޖަކާޓާ އަށް ދަތުރުކުރި ފްލައިޓް ބެންކޮކުގައި ޖެއްސީ އަންހެން މީހާގެ މާގިނައިން ލޭފައިބަން ފެށުމުންނެވެ.

"އަންހެން މީހާ އިނީ އިކޮނޮމީ ކްލާހުގައި. އެކަމަކު ފަހުން ވަނީ އޭނާ ބިޒިނަސް ކްލާހަށް ބަދަލުކޮށް އޮކްސިޖަން މާސްކް އަޅުވާފައި. ކެޕްޓަން ފަހުން ވަނީ ބެންކޮކަށް ފްލައިޓް ޑައިވާޓް ކުރަން ނިންމާފައި،" ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ ފްރާންސެސްކޯ ކެލޯ އޭއެފްޕީ އަށް ބުންޏެވެ.

ބަލި މީހާ ބެންކޮކަށް ބޭލުމަށް ފަހު ގަޑިއެއްގެ އިރު ފަހުން ފްލައިޓް ވަނީ ޖަކާޓާ އަށް ފުރައިފަ އެވެ. އެ އަންހެން މީހާ ޖަކާޓާ އަށް ގެންދިޔައީ އެހެން ފްލައިޓެއްގަ އެވެ.

އިއްތިހާދުގެ ބޯޓު ސާފުކުރި މީހުންނަށް ވަނީ ޕްލާސްޓިކް ކޮތަޅަކަށް ލާފައި އޮތް ތުއްތު ކުއްޖަކު ފާޚާނާގެ ކަބަޑެއްގެ ތެރޭން ފެނިފަ އެވެ. ފުލުހުން މިހާރު ދަނީ ތުއްތު ކުއްޖާ މަރާލީތޯ ބަލަމުންނެވެ.

އިންޑޮނީޝިއާގެ ފަސް މިލިއަން މީހުން ގައުމުން ބޭރުގައި މަސައްކަތް ކުރެ އެވެ. އޭގެ ތެރޭން 70 ޕަސެންޓަކީ އަންހެނުންނެވެ.