ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް މިފަހަރު ވެސް ނަޒީހު
ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް މިފަހަރު ވެސް ނަޒީހު

އަންނަ ސީޒަނުގައި ވެސް ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް މުހައްމަދު ނަޒީހު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ފުޓްބޯޅަ ޓީމު 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ނަޒީހު މިދިޔަ ސީޒަނުގައި އެ ޓީމާ ހަވާލުވީ ވަކި ހިސާބަކުންނެވެ. އެއީ 2016 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި އެ ޓީމު އަލަށް ވާދަކުރިއިރު، ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިދިން އަހުމަދު އާތިފް (އާތީ) މަގާމުން ވަކިވުމުންނެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ނުލިބެ އެވެ. އެހެންވެ އަހަރުގެ މެދުތެރެއިން އެ ޓީމަށް އޮތީ ސީޒަން ނިމިފަ އެވެ. މި ސީޒަން އެ ޓީމު ފަށާނީ އަންނަ މަހު ފަށާ އެސްޓީއޯ މާލޭ ލީގުންނެވެ.

ޔުނައިޓެޑް ވިކްޓަރީން ވަނީ ވިކްޓަރީ އަށް ކުރިން ކުޅެފައިވާ ޒުވާން ގޯލްކީޕަރު ތޮލާލް ހަސަން ގެނެސްފަ އެވެ. އަދި ނިއު ރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުމަށް ފަހު މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު އަލީ ހައިޝަމް (ޗުމްޕު) ވެސް ވަނީ އަލުން އެ ޓީމާ ގުޅިފަ އެވެ.

މީގެ އިތުރުން އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. އޭގެ ތެރޭގައި ކެޕްޓަން އަދި ތަޖުރިބާކާރު ފޯވާޑް ހުސެއިން ޝިމާޒް (ކޮކީ) އާއި އަބްދުލްވާހިދު (ވާޑު) އާއި ނާވީ މުހައްމަދު އަދި އަހުސަން ނައީމް ހިމެނެ އެވެ. މީގެ ތެރެއިން ވާޑު ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި އއ. މާޅޮސް ޓީމަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އެ ޓީމުގެ ކޯޗު ނަޒީހަކީ ވިކްޓަރީ އާއި ނިއު ރޭޑިއަންޓް އަދި ގައުމީ ޓީމަށް ވެސް ކުޅެފައިވާ މޮޅު މިޑްފީލްޑަރެކެވެ. މަޝްހޫރު ކޯޗު އަލީ ސުޒޭނުގެ ކޮއްކޮ ނަޒީހު ވަނީ ކޯޗިން ކެރިއަރުގައި މީގެ ކުރިން އއ. ރަސްދޫ އާއި ވީބީ ސްޕޯޓްސް އަށް ވެސް ކޯޗުކޮށްދީފަ އެވެ.