11 ޖުލައި 2016 - 15:53

ހިތަށް ލޭ ފޮނުވައިދޭ ނާރުތައް ބެދުމުން ހަދާ އެންޖިއޯޕްލާސްޓީގެ ހިދުމަތް އައިޖީއެމްއެޗުގައި ފެށިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީ އިރު އިއްޔެ އެކަނި ވެސް ދިހަ މީހުންނަށް އެ ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުގެ ސީނިއާ ކާޑިއޮލޮޖިސްޓް ޑރ. ޕްރަތާބް ކުމާރު ވިދާޅުވީ ޖުލައި އެކެއްގައި ފެށި އެ ހިދުމަތް މިހާތަނަށް 14 މީހަކު ހޯދާފައިވާ އިރު، އިއްޔެ އެކަނި އެހާ ގިނަ މީހުންނަށް ފަރުވާ ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު ވެސް ދެ މީހަކަށް ވަނީ އެ ފަރުވާ ދީފަ އެވެ.
އެންޖިއޯ ޕްލާސްޓީއަކީ ހިތަށް ލޭ ފޮނުވައިދޭ ނާރުތައް ބެދުމުން ހުޅުވުމަށް ކުރާ ސާޖިކަލް ރިޕެއާއެކެވެ. މިއީ ރާއްޖޭގައި އަލަށް ފެށި ފަރުވާއެކެވެ.
ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި ގާއިމު ކޮށްފައިވާ ކެތުލެބުން އިއްޔެ މި ފަރުވާ ހޯދި މީހުންގެ ތެރޭގައި 81 އަހަރުގެ މީހެއް ވެސް ހިމެނެ އެވެ.
ޕްރަތާބު ވިދާޅުވި ގޮތުގައި ކޮމްޕްލިކޭޓެޑް ކޭސްތަކެއް އިއްޔެ ފުރިހަމަ ކުރެވުނު އިރު އޭގެ ތެރޭގައި ރާއްޖޭން ބޭރުން ހިތުގެ ފަރުވާ ހޯދާފައިވާ މީހުން ވެސް ހިމެނެ އެވެ. އިއްޔެ ފަރުވާ ދިން މީހުންގެ ތެރޭން ދެ ޕޭޝަންޓުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އަގުބޮޑު މި ފަރުވާ، އާސަންދަ އިން ކަވަރު ކުރެވޭ ގޮތަށް ރާއްޖޭން ހެދުމަކީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށް އެ ހޮސްޕިޓަލުން ކުރިން ވަނީ ބުނެފަ އެވެ.
ރާއްޖޭން ބޭރުން މި ފަރުވާ ހޯދާ ނަމަ 10،000 ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދު ވެ އެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އަދި މިހާ ފަސޭހަ އިން މާލޭގައި މިކަން ކުރެވޭތީ އަޅުގަނޑުމެން ބޭނުން މިކަން ވީހާ ވެސް ގިނަ ބަޔަކަށް އެނގެން،" ޑރ. ޕްރަތާބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުން ވެސް އެ ފަރުވާ ހޯދަން މިހާރު މީހުން އަންނަ ކަމަށެވެ.