09 ޖެނުއަރީ 2018 - 06:10

އިންޑިއާގެ އާސާމްގެ ޑަރަންގް ޑިސްޓްރިކްޓްގެ ހޮސްޕިޓަލެއްގައި 2015 ގައި އުފަންވި ދެ ކުއްޖަކު، އޮޅުމެއްގެ ތެރޭގައި ދެ އާއިލާއަކާ ހަވާލުކުރެވުނެވެ. މީގެ ތެރެއިން އެއް ކުއްޖެއްގެ މައިންބަފައިންނަކީ މުސްލިމުންނެވެ. އަނެއް ކުއްޖާގެ މައިންބަފައިންނަކީ ބޯޑޯ އިންނެވެ.
މިދިޔަ ދެ އަހަރެއްހާ ދުވަހު އެމީހުން މި ކުދިން ގެންގުޅުނު ފަހުން އެއީ ދެ ކުދިންގެ މައިންފައިން އޮޅިފައިވާކަން ޑީއެންއޭ ޓެސްޓުތަކުން ވަނީ އެނގިފަ އެވެ. ނަމަވެސް މިހާރު ދެ ކުދިން ބަދަލުކުރާކަށް މި ދެ އާއިލާއިން ބޭނުމެއް ނުވެ އެވެ.
ސަހާބުއްދީން އަހުމަދާއި ސަލްމާ ޕަރްވީންގެ އަސްލު ފިރިހެންދަރިފުޅު މިހާރު ދިރިއުޅެނީ ރާކޭޝް ބޯރޯގެ ނަމުގަ އެވެ. އަނިލް އާއި ސެވާލީ ބޯރޯގެ ފިރިހެން ދަރިފުޅުގެ ގޮތުގަ އެވެ. ބޯރޯ އާއިލާގެ ކުއްޖާ ޒުނައިދު ދިރިއުޅެނީ ސަހާބުއްދީނާއި ސަލްމާގެ ކައިރީގަ އެވެ.
ދަރަންގްގެ މަންގަލްދާއީ ސިވިލް ހޮސްޕިޓަލުގައި ސަލްމާ އާއި ސެވާލީ ވިހެއީ މާޗް 11، 2015 ގަ އެވެ. އާއިލާއާ ކުދިން ހަވާލުކުރި ވަގުތު ނަރުހުންނަށް ކޮންމެވެސް ގޮތަކުން ދެ ކުދިން އޮޅުވާލައިގެން ހަވާލު ކުރެވުނީ އެވެ. މިކަން ފާހަގަ ނުކުރެވި ވަރަށް ގިނަ ދުވަސްތަކެއް ފާއިތުވި އެވެ.
"ހަފުތާއެއް ފަހުން އަހަރެމެން ހޮސްޕިޓަލުން ގެއަށް އައި އިރު އަހަރެންގެ އަންހެނުން ހަމަ ރޮނީ. ރޮއިރޮއިފަ ބުނަނީ އެއީ އޭނަގެ ދަރިފުޅެއް ނޫނޭ. އެ ކުއްޖާގެ ގައިގައި ޖަހަނީ އެހެން ސިފައެކޭ. އެ ކުއްޖާގެ ލޯ ވަރަށް ކުޑަ. އަނެއްކާ އެހެން ގަބީލާއެއްގެ ކުއްޖެއްހެން ހީވަނީ ވެސް،" ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ ސަހާބުއްދީން ބުންޏެވެ.
ބޯރޯ އާއިލާއަށް ވެސް ހަމަ ކުރެވުނީ މި ކަހަލަ ތަޖުރިބާ އެކެވެ. ސަހާބުއްދީން ހޮސްޕިޓަލަށް ގޮސް ޝަކުވާ ވެސް ކުރި އެވެ. ނަމަވެސް ކުއްޖާ އޮޅިފައިވާ ކަމަކަށް ހޮސްޕިޓަލަކުން އެއްބަހެއް ނުވި އެވެ. އެންމެ ފަހުން އޭނާ ކުރި ކަމަކީ އޭނާގެ އަންހެނުންނާ އެއް ދުވަހަކު އެއް ހޮސްޕިޓަލުގައި ވިހޭ ހުރިހާ އަންހެނުންނާއި އެމީހުންގެ އެޑްރެސްތައް ހޯދީ އެވެ.
އެ ދުވަހު ބޯޑޯ އަންހެނަކު ވިހޭކަން އެނގިގެން ސަހާބުއްދީން އޭނާއަށް ސިޓީ ފޮނުވި އެވެ. ކުއްޖާ އޮޅިފައި އޮތުމުގެ ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ. އެމީހުން ސަހާބުއްދީނަށް އެގެއަށް އަންނަން ދައުވަތު ދީގެން ގެންދިޔަ އެވެ. އަދި ކުދިން ފެނުމުން ސުވާލުގެ ޖަވާބު ލިބުނެވެ. ނަމަވެސް ބޯރޯގެ މަންމަ މި ހަގީގަތް ގަބޫލުކުރަން ބޭނުން ނޫން ކަމަށް ސަހާބުއްދީން ބުންޏެވެ.
އެހެންވެ އޭނާއަށް ޖެހުނީ ފުލުހުންގެ އެހީތެރިކަން ހޯދާށެވެ. ފުލުހަށް މައްސަލަ ހުށަހެޅުމުން ދެ ކުދިންގެ ޑީއެންއޭ ޓެސްޓް ހަދަން އެންގި އެވެ. މި ޓެސްޓް އޭޕްރީލް 2016 ގައި ހަދައިގެން ނަތީޖާ ލިބުނީ ނޮވެމްބަރު 2016 ގައެވެ. ނަމަވެސް އެހާ ދުވަސް ފާއިތުވީއިރު މި ނަތީޖާ އަކީ މި ދެ އާއިލާއަށް ވެސް އެއްވެސް މާނައެއް ހުރި އެއްޗަކަށް ނުވި އެވެ.
"ރާކޭޝް އަކީ އަހަރެން ގާތުން ކިރުދީގެން ގެންގުޅެ ބޮޑުކުރާ ކުއްޖެއް. އެހެންވެ އަހަރެން ކިހިނެއް އޭނާއާ ވަކިވާނީ،" ސެވާލީ ބުންޏެވެ.
ސަލްމާގެ ޚިޔާލު ވެސް ސެވާލީ އާ ވަރަށް އެއްގޮތެވެ. ސަލްމާ ބުނި ގޮތުގައި ދެ ކުދިން ބަދަލުކޮށްގެން އެކުދިންގެ ހަރަކާތްތައް ހުންނަ ގޮތް ވެސް އެމީހުން ބެލި އެވެ. ދެބެން ކުރެ އެއްވެސް ކުއްޖަކު އެކުދިން މިހާތަނަށް ގެންގުޅުނު "މަންމަ" ގައިން ދޫކޮށްލާކަށް ވެސް ބޭނުމެއް ނުވި އެވެ. އެހެންވެ އެމީހުން މިހާރު ގަސްތުކޮށްފައިވަނީ އަލުން ދެ ކުދިން ބަދަލުނުކޮށް މިހާރު ވެސް ގެންގުޅެމުންދާ ގޮތަށް ކުދިން ގެންގުޅޭށެވެ.