09 ޖެނުއަރީ 2018 - 19:09

އެކްތާ ކަޕޫރަކީ މިއަދު ވަރަށް ކާމިޔާބު ޕްރޮޑިއުސަރެކެވެ. ބޮޑު ސްކްރީން ފިލްމުތަކާއި ޓީވީ ސިލްސިލާތައް އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެކަކެވެ. ނަމަވެސް ކުރީގެ މަޝްހޫރު ބަތަލު ޖީތެންދުރަގެ ދަރިފުޅު އެކްތާ އަށް މި މަގާމަށް އާދެވުނީ ވަރަށް ބުރަ މަސައްކަތުންނެވެ.
އެކްތާ އަކީ އިންޑިއާގައި މިވަގުތު ހުރި އެންމެ ކާމިޔާބު ޕްރޮޑިއުސަރޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެއް އިރެއްގައި އޭނާއާ ބައްދަލުކުރަން ބޭނުންނުވި އެތައް ބަޔަކު މިއަދު އޭނާގެ ފަހަތުން ދުވަނީ އެވެ. އެކްތާގެ ކާމިޔާބީގެ ވާހަކަ އަކީ އަޒުމާއި ހިންމަތާއި މިންނަތުން ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރެވިދާނެ ކަމުގެ މިސާލެކެވެ. އަންހެނަކަށް ވިޔަސް ހިތްވަރު ކޮށްފިނަމަ ކާމިޔާބަށް ވާސިލު ވެވިދާނެކަމުގެ މިސާލެކެވެ.
ސްޓާ ޕްލަސް އިން ޝާހްރުކް ޚާން ހުށަހަޅައިދޭ "ޓެޑް ޓޯކްސް އިންޑިއާ ނަޔީ ސޯޗް" ޝޯގެ މި ހަފުތާގެ އެޕިސޯޑްގެ މެހެމާނަކީ އެކްތާ އެވެ. މި ޝޯގައި އެކްތާ ވަނީ އޭނާ ފަށައިގަތް ދުވަސްވަރު ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާއި މައްސަލަތައް ހިއްސާ ކޮށްފަ އެވެ.
އެކްތާ ބުނި ގޮތުގައި ޓެލެވިޒަން ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނާ ކެރިއަރު ފެށުމުގެ ގޮތުން އެކި ޓީވީ ޗެނަލްތަކުގެ ވެރިންނާ ބައްދަލުކުރަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު އެއްވެސް ޗެނަލެއްގެ ވެރިއަކު އޭނާއާ ބައްދަލުކުރާކަށް އަދި އޭނާއާއެކު މަސައްކަތް ކުރާކަށް ބޭނުމެއް ނުވި އެވެ.
"ދިރިއުޅެމުން ދިޔައީ ވަރަށް އުފަލުގައި. ނަމަވެސް އަހަރެން ބޭނުންވީ ޓީވީ ސިލްސިލާ އުފެއްދުމުގެ ވިޔަފާރިއެއް ފަށަން. އެކަމަށް އަހަންނަށް އެހީތެރިވީ ބައްޕަ ޖީތެންދުރަ. އަހަންނަށް އިންވެސްޓް ކޮށްދިނީ ވެސް ބައްޕަ،" އެކްތާ ބުންޏެވެ.
ކެރިއަރުގެ ކުރީކޮޅު އެކްތާ އަށް މުޅިން ވެސް ކުރިމަތިވީ ނާކާމިޔާބީ އެވެ. ސީރިއަލްތައް އުފެއްދުމަށް އޭނާ އުފެއްދި ޕައިލޮޓް ޕްރޮޖެކްޓްތަކުގެ ތެރެއިން ވަރަށް ގިނަ ޕްރޮޖެކްޓްތައް ވީ ނާކާމިޔާބެވެ.
"ހަގީގަތުގައި ވެސް އެއްޗެއް ޗެނަލަކުން އަހަންނާ ބައްދަލުކުރާކަށް ބޭނުމެއް ނުވި. ޖީތެންދުރަގެ ދަރިފުޅަކަށޭ ކިޔާފައި އަހަރެމެން ކިތައް ފުރުސަތުތައް ދޭންވީ ވެސް. އަަހަރެން ތައްޔާރުކޮށްފައި ހުރި ސިލްސިލާތަކުގެ ޕައިލޮޓްސްތައް ބައެއް މީޑިއާ މީހުންނަށް ވެސް ބައްޕަ ދެއްކި. ދަރިފުޅުގެ ތިކަހަލަ ހޮބީ އަކަށްހޭ ތިހާ ފައިސާ ތި ޚަރަދުކުރަނީ ކިޔާފައި އެމީހުން ވެސް ބައްޕައަށް ވަރަށް މަލާމާތްކުރި،" އެކްތާ ކިޔައިދިނެވެ.
އެކްތާ ބުނި ގޮތުގައި އޭނާގެ ބައްޕަ މުޅި އުމުރު ދުވަހު ހޯދި ފައިސާ އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށްޓަކައި އިންވެސްޓްކޮށްދިނެވެ. އޭނާގެ ކޮއްކޮ ތުޝާރު ކަޕޫރު ބޭރު ގައުމަކަށް ކިޔަވަންދާން ބޭނުންވިއިރު ބައްޕަގެ އަތުގައި އެކަމަށް ޚަރަދުކުރާ ވަރަށް ވެސް ފައިސާ ނެތް ކަމަށް އެކްތާ ބުންޏެވެ.
"އެންމެ ފަހުން މަންމަގެ އަތުގައި ހުރި ބައެއް ގަހަނާ ވިއްކާލާފައި ކޮއްކޮ ކިޔަވަން ފޮނުވީ،" އެކްތާ ބުންޏެވެ.
އެ ދުވަސްވަރު އެކްތާ އުޅުނީ ވަރަށް ހާލުގަ އެވެ. އާ ޕައިލޮޓްސް ތައް ތައްޔާރުކޮށް ޗެނަލްތަކަށް ފޮނުވަމުން ދިޔަ އެވެ. އަދި އޭނާ ފޮނުވާ އެއްޗެހި ޗެނަލްތަކުން ބޭނުން ނުކޮށް އަނބުރާ ފޮނުވަމުން ދިޔަ އެވެ.
ނަމަވެސް އެކްތާ ހުއްޓައެއް ނުލި އެވެ.
އެކްތާގެ ނަސީބު އަތުގައި ހިފީ "ހަމް ޕާންޗް" ހިޓް ވުމުންނެވެ. ދެން އައީ ސްޓާ ޕްލަސް އަށް އެކްތާ ޕްރޮޑިއުސް ކޮށްދިން "ކިޔޫންކީ ސާސް ބީ ކަބީ ބަހޫ ތީ" އާއި "ކަހާނީ ގަރް ގަރް ކީ"، "ކަސައުޓީ ޒިންދަގީ ކީ"، "ކަހީނ ކިސީ ރޯޒް" ފަދަ ސިލްސިލާ ތަކެވެ. އެތައް އަހަރަކަށް ދެމިގެން ދިޔަ މި ސިލްސިލާތަކަކީ ސްޓާ ޕްލަސް އަށް އެއްވަނަ ޗެނަލްގެ ގޮތުގައި އެތައް އަހަރަކު އޮވެވެން މެދުވެރިވި ސަބަބަށް ވެގެން ދިޔަ އެވެ.
ޓީވީ ސިލްސިލާތަކުގެ އިތުރުން އެކްތާ އަކީ މިހާރު ވަރަށް ގިނަ ހިންދީ ފިލްމުތައް ވެސް ޕްރޮޑިއުސްކުރާ ކާމިޔާބު ޕްރޮޑިއުސަރެކެވެ.