08 ޖެނުއަރީ 2018 - 12:35

ކުއާލަ ލަމްޕޫރު (ޖެނުއަރީ 8) - މެލޭޝިއާގައި ކުރިއަށް އޮތް އިންތިޚާބުގައި ބޮޑު ވަޒީރު ނަޖީބު ރައްޒާގާ ވާދަކުރާ އިދިކޮޅު ކެންޑިޑޭޓަކަށް ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ހަމަޖައްސަން އިދިކޮޅު ކޯލީޝަނުން އެއްބަސްވެއްޖެ އެވެ.

އުމުރުން 92 އަހަރުގެ މަހާތިރު ވެރިކަމަށް ގެނައުމަށް ހަތަރު ޕާޓީ ހިމެނޭ ކޯލީޝަނުގެ ސީނިއާ ލީޑަރުން އެއްބަސްވީ ޝާހު އާލަމްގައި އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ގައުމު ސަލާމަތް ކުރަން،" މެލޭޝިއާގައި 22 އަހަރު ވެރިކަން ކުރެއްވި މަހާތިރު ދެއްވި ތަގްރީރުގައި ވިދާޅުވި އެވެ. "އަޅުގަނޑުގެ ދެކޮޅުވެރިންގެ ގޮތުގައި ކުރިން ތިބި މީހުންނަށް ކެންޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑު ބަލައިގަންނަން އުނދަގޫވާނެ. އެކަމަކު އެންމެންނަށް ވެސް ގަބޫލް ކުރެވޭ މިހާރު އޮތް ސަރުކާރު ބަދަލު ކުރުން މާ މުހިންމު ކަމަށް."
ބޮޑު ވަޒީރުގެ ނައިބުގެ ކެންޑިޑޭޓަކަށް ހަމަޖައްސާފައި ވަނީ ޖަލުގައި މިހާރު ބަންދުގައި ކޮށްފައި ހުރި އަންވަރު އިބްރާހިމްގެ އަނބިކަނބަލުން އަދި ޕީޕަލްސް ޖަސްޓިސް ޕާޓީގެ ރައީސާ ވަން އަޒީޒާ ވާން އިސްމާއިލް އެވެ.
މަހާތިރު ވަނީ ނަޖީބު ރައްޒާގާ ވާދަކުރެއްވުމަށް އާ ޕާޓީއެއް ވެސް އުފައްދަވައިފަ އެވެ. މެލޭޝިއާގެ ވެރިކަމަށް މަހާތިރު އަލުން ވަޑައިގެންނެވުމުގެ މަސައްކަތް މި ފެއްޓެވީ ބޮޑު ވަޒީރުކަމުން ވަކިވެވަޑައިގެންނެވިތާ 15 އަހަރު ފަހުންނެވެ.
ކޯލީޝަނުން އުއްމީދު ކުރަނީ ކެންޑިޑޭޓަކަށް މަހާތިރު ހަމަޖެއްސުމުން މުސްލިމް މެލޭ މީހުންގެ ގިނަ އަދަދެއްގެ ވޯޓު ލިބޭނެ ކަމަށެވެ. މުސްލިމް މެލޭގެ އާބާދީ އަކީ 60 ޕަސެންޓެވެ. އެކަމަކު މެލޭޝިއާގެ އިގްތިސާދު ވޭތުވެދިޔަ ދުވަސްތަކުގައި ރަނގަޅުވުމާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި އެކުވެރި ގުޅުމެއް ނެތުމުން ނަޖީބް ރައްޒާގު ބަލި ކުރަން ފަސޭހަ ނުވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
މަހާތިރު ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ނަމަވެސް ޖަލުގައި ހުންނެވި އަންވަރު އިބްރާހިމް މިނިވަންވުމުން ބޮޑު ވަޒީރު ކަމަށް އޭނާ ގެނައުމަށް ވެސް ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އަންނަ ޖޫން މަހު 8 ވަނަ ދުވަހު އަންވަރު މިނިވަންވާނެ އެވެ. އެކަމަކު ޝާހީ އަފޫއާއްމެއް ލިބިގެން ނޫނީ ސިޔާސީ ކަންކަމުގައި އޭނާ އަށް ހަރަކާތްތެރި ވެވޭނީ ފަސް އަހަރު ފަހުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ އަންވަރުގެ މައްޗަަށް އިއްވާފައި ވަނީ ސިޔާސީ ހުކުމެއް ކަމަށާއި އޭނާއަކީ ކުށްވެރިއެއް ނޫން ކަމަށެވެ.
މެލޭޝިއާގައި އިންތިޚާބު އޮންނާނެ ކަމަށް ބެލެވެނީ އޮގަސްޓް މަހު އެވެ.
މަހާތިރު ވެރިކަމުން ވަކިވެވަޑައިގެންނެވީ 2003 ވަނަ އަހަރު އެވެ. މަހާތިރުގެ ވެރިކަމުގައި ބޮޑު ވަޒީރުގެ ނައިބުގެ މަގާމުން އަންވަރު 1998 ވަނަ އަހަރު ދުރުކޮށް ޖިންސީ އަދި ކޮރަޕްޝަނުގެ ދައުވާ އުފުލި ނަމަވެސް، މަހާތިރު މިހާރު ވަނީ ދެކޮޅުވެރިކަން އެއްފަރާތް ކުރައްވާ އަންވަރާ ސުލްހަވެފަ އެވެ.