08 ޖެނުއަރީ 2018 - 11:51

ރިޔާޒް (ޖެނުއަރީ 7) - ޔަމަނަށް ވައިގެ ހަމަލާތައް ދޭ ސައުދީ ކޯލީޝަނުގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ އެވެ.
ކޯލީޝަނުގެ ބަޔާނެއްގައި ބުނީ ސައުދީގެ ހަނގުރާމަ މަތީ ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. ނަމަވެސް ހޫތީން ހިންގާ އަލް މަސީރާ ޓީވީން ބުނީ އިނގިރޭސި ވިލާތުގައި އުފައްދާފައިވާ ޓޯނޭޑޯ މަރުކާގެ ބޯޓަށް ހަމަލާދީ ވައްޓާލީ ކަމަށެވެ.
ސައުދީގެ ބޯޓު ވެއްޓިފައި ވަނީ ޔަމަނުގެ ސާދާ ޕްރޮވިންސަށެވެ. ބޯޓުގެ ދެ ޕައިލެޓުން ސަލާމަތް ކުރަން ކޯލީޝަނުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގައިފަ އެވެ. ދެ ޕައިލެޓުންނަށް ވެސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
ޔަމަނުގައި ހަނގުރާމަ ކުރާ ހޫތީން ވެރިރަށް ސަންއާ ހިފީ ސެޕްޓެމްބަރު 2014 ގަ އެވެ. އޭގެ ފަހުން ޔަމަނުގެ އުތުރުން ބޮޑު ބައެއް ވަނީ ހޫތީންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އަލީ އަބްދުﷲ ސޯލިހުގެ ބަދަލުގައި ޔަމަނުގެ ވެރިކަމަށް 2012 ވަނަ އަހަރު ވަޑައިގެންނެވި އަބްދުއްރައްބޫ މަންސޫރު ހާދީގެ ސަރުކާރު ވަނީ ސަންއާ އިން ބޭރުކޮށްފަ އެވެ. އެކަމަކު ހޫތީންއާ ގުޅިފައިވާ ސޯލިހު ވަނީ ސައުދީ ކޯލީޝަނާ އެކު މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވުމުން ހޫތީން ހަމަލާދީ މިދިޔަ މަހު އަވަހާރަކޮށްލައިފަ އެވެ.
ހޫތީންނާ ދެކޮޅަށް ސައުދީ ކޯލީޝަނުން ވައިގެ ހަމަލާތައް ފެށީ މާޗް 2015 ގަ އެވެ. ޔަމަނުގެ ހަނގުރާމައިގައި މިހާތަނަށް 10،000 މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.